Last Updated: 7 year 9 month ago

މާލޭ ލީގު: މާޒިޔާއާ ނިއުގެ މެޗު 1-1 ލަނޑުން އެއްވަރު

ބުލޮގު ޚުލާސާ

މާލޭ ލީގުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

މިރޭ 9:00ގައި ފަށާ އެ މެޗަށް ދެ ޓީމު ނުކުންނައިރު:

  • އެ މެޗުން މޮޅުވާ ޓީމަކަށް ލީގު ލިބޭއިރު، މެޗު އެއްވަރުވެއްޖެނަމަ ލީގު ލިބޭނީ މާޒިޔާއަށް.
  • މެޗުން ބަލިވާ ޓީމަކަށް ލިބޭނީ ލީގުގެ ތިންވަނަ. އެއްވަރުވެގެން ނިމިއްޖެނަމަ، ތިންވަނަ ލިބޭނީ ނިއުއަށް. ގްރީނަށް ވަނީ ދެވަނަ މަގާމު ކަށަވަރުވެފައި.
  • ނިއުއަށް އޮތް އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ އެ ޓީމުގެ ކެޕްޓަން އަދި އެއް ނަންބަރު ގޯލްކީޕަރު އަނިޔާގައި ހުރުން.
  • ނިއުއާ އަލަށް ގުޅުނު އަލީ އަޝްފާގު (ދަގަނޑޭ)، އިބްރާހިމް ފަޒީލް (އޮއްޕޮ)، ލުބުނާނު ޑިފެންޑަރު ހުސައިން އެލްޑޯ އަދި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާއަށް އެ މެޗުގައި ކުޅެވޭނެ.
23:01

މާޒިޔާ، ގްރީން ސްޓްރީޓްސް އަދި ނިއުއަށް ވެސް ލިބިފައިވަނީ 27 ޕޮއިންޓް. މާޒިޔާ ޗެމްޕިއަންކަން ހޯދީ ގޯލުގެ ތަފާތުން. ގްރީން އޮތީ ގޯލުގެ ތަފާތުން ނިއައަށްވުރެ ކުރީގައި. އެހެންކަމުން ދެވަނަ ގްރީނަށް ލިބުނުއިރު، ނިއުއަށް ލިބުނީ ތިންވަނަ.

23:01

އެ ނަތީޖާއާއެކު މިއަހަރުގެ މާލޭ ލީގުގެ ޗެމްޕިއަނުންނަކީ މާޒިޔާ.

23:00

މެޗުގެ ދެވަނަ ހާފު ނިމިއްޖެ.

22:58

'+90- ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން އަލީ ހައިސަމަށް ރީނދޫ ކާޑެއް ދައްކާ، ނިއުއަށް ހިލޭ ޖެހުމެއް.

22:54

'89- ސައްމޭއަށް އަނިޔާއެއްވެގެން ދަނޑުން ބާލައިފި.

22:39

"73- ނިއުއިން ބަދަލެއް. އަބްދުﷲ މިދުހަތުގެ ބަދަލުގައި ކުޅެން އެރީ، އަލީ ޝާމިއު.

22:31

'65- މާޒިޔާއިން ބަދަލެއް. އާއްކޮގެ ބަދަލުގައި ކުޅެން ނުކުތީ ސަމްދޫހު މުހައްމަދު.

22:25

ކޮވަސެވިޗް ނަގައިދިން ހިލޭ ޖެހުމަކުން މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަމްދާން އަލީ (އެންޑީ). އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން.

22:24

'58- މާޒިޔާއިން ނަތީޖާ ހަމަހަމަކޮށްފި.

22:23

'57- ނިއުގެ ހާފްގެ ތެރެއިން އަސައްކޮއަށް ކުރި ފައުލާ ގުޅިގެން މާކޮވިޗްއަށް ރީނދޫ ކާޑެއް ދައްކައި، މާޒިޔާއަށް ހިލޭ ޖެހުމެއް.

22:21

'56- ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން އުމައިރު ފޮނުވާލި ހަމަލާ، މާކޮވިޗް ދިފާއުކޮށްފި.

22:20

'55- ނިއުއަށް ފުރުސަތެއް. ހަމްޕު ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގަލާޑޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

22:16

'50- މާޒިޔާގެ ހާފްގެ ތެރެއިން މުލަކޭއަށް މާކޮވިޗް ކުރި ފައުލަކާ ގުޅިގެން މާޒިޔާއަށް ހިިލޭ ޖެހުމެއް.

22:15

'49- ނިއުގެ މިދުހަތު ނަގައިދިން ހުރަސް، ސެންޓޭއަށް ނުލިބި ބޭރުވެއްޖެ.

22:13

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

22:06
މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ތެރެއިން: ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ މި މެޗަށްފަހު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ތެރެއިން: ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ މި މެޗަށްފަހު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
21:54

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން ނިއު ކުރީގައި އޮވެގެން.

21:52

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓްގެ ކުޅުން ދައްކައިފި.

21:51

'44- މާޒިޔާގެ އަސައްކޮ އަދި އުމައިރު ފޮނުވާލި ހަމަލާ ވެސް ނިއުގެ ޑިފެންޑަރުން ދިފާއުކޮށްފި.

21:48

'41- މާޒިޔާއަށް ފުރުސަތެއް. ނިއުއަށް ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، އުމައިރު ފޮނުވާލި ހަމަލާ ގޯލު ކުރިމަތިން އަކޫ ވަނީ ދިފާއުކޮށްފައި.

21:46

'39- ކޮވަސެވިޗް ނަގައިދިން ހިލޭ ޖެހުން ވެސް ނިއުގެ ޑިފެންޑަރުން ދިފާއުކޯށްފި.

21:45

'38- ނިއުގެ ހާފްގެ ތެރެއިން އަސައްކޮއަށް ކުރި ފައުލަކާ ގުޅިގެން އަކޫއަށް ރީނދޫ ކާޑެއް ދައްކައިފި.

21:43

މާޒިޔާއަށް ގާތްގާތުގައި ލިބުނު ތިން ކޯނަރު ވެސް ނިއުއިން ވަނީ ދިފާއުކޮށްފައި.

21:40

'33- އާއްކޮ ނަގައިދިން ހުރަސް، ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ޒިޔަޒަން ދިފާއުކޮށްފި. އިމްރާނަށް ލިބުނު އަނިޔާއާ ގުޅިގެން ލީގުގައި އެންމެ ފަހުން ނިއު ކުޅުނު މެޗުގައި ވެސް އެ ޓީމުގެ ގޯލް ބެލެހެއްޓީ ޒިޔަޒަން.

21:38

ނިއުގައި އުމުރުން 36 އަހަރުގެ އޮއްޕޮ ބޭނުންކުރަމުންދަނީ 36 ނަންބަރު ޖާޒީ. ދަގަނޑޭ ފެނިގެންދާނީ ގައުމީ ޓީމުގައި އޭނާ ފުރަތަމަ ބޭނުންކުރި 12 ނަންބަރުގެ ޖާޒީގައި.

21:37

ނިއުއަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ޓީމުގައި ނުހިމެނެނީ ހަމައެކަނި ލުބުނާނު ޑިފެންޑަރު ހުސައިން އެލްޑޯ.

21:35

ެއޮއްޕޮއާއެކު ނިއުއާ ދާދި ފަހުން ގުޅުނު ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ ވެސް އެ ޓީމުގެ ފުރަތަމަ 11ގައި ހިމެނޭ.

21:32

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ނިއުގެ ބެންޗުގައި ހިމެނޭ. ނިއުގައި ކުރިން ވެސް ކާމިޔާބީތަކެއް ހޯދި ދަގަނޑޭ ފަހުން އެ ކްލަބާ ގުޅުނީ ވެސް ލީގުގެ ދެވަނަ ބުރުގެ ތެރޭގައި.

21:29

މިއީ މި ސީޒަނުގެ މެދުތެރެއިން ނިއުއާ ގުޅުނުފަހުން ނިއުއަށް އޮއްޕޮ ކުޅޭ ފުރަތަމަ މެޗު. ކުރިން ވެސް އޭނާ ވަނީ ނިއުއަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައި.

21:28

މެޗުގެ ދެވަނަ މިނެޓުގައި ނިއުއަށް އޮއްޕޮ ލީޑު ހޯދައިދިނީ ސެންޓޭ ނަގައިދިން ހުރަހަކުން. އޭނާ އެ ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން.

21:25

ނިއުގެ ފުރަތަމަ 11:

  • އަބްދުﷲ ޒިޔަޒަން - ގޯލްކީޕަރު
  • މާކޮވިޗް ސްޓެވަން
  • އަހްމަދު އަބްދުﷲ (ލިލީ)
  • ރުއިޒް ޕަޒް އަންހެލް ލުއިސް (ކަންޑޭލާ)
  • އަލީ ފާސިރު (ސެންޓޭ) - ކެޕްޓަން
  • ގަލާޑޯ ވަލްޑޭސް އެޑްރިއަން
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަކްރަމް އަބްދުލްގަނީ (އަކޫ)
  • އަބްދުﷲ މިދުހަތު ފަހުމީ
  • މުހައްމަދު ރަޝީދު (ހޮކޭ)
  • އިބްރާހިމް ފަޒީލް (އޮއްޕޮ)
21:22

މާޒިޔާގެ ފުރަތަމަ 11:

  • ޕަވެލް މަޓިއާޝް - ގޯލްކީޕަރު
  • މިލޮސް ކޮވަސެވިޗް
  • އަމްދާން އަލީ (އެންޑީ)
  • މުހައްމަދު އިރުފާން (އިރޭ)
  • އަހްމަދު އިމާޒް (އާއްކޮ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ) - ކެޕްޓަން
  • ސަމޫހު އަލީ (ސަމުއްޓޭ)
  • ޔަސްފާދު ހަބީބު (މުލަކޭ)
  • ހަސަން ޝިފާޒް (ޑުންގާ)
  • ގާސިމް ސައްމާމް (ސައްމޭ)
  • މުހައްމަދު އުމައިރު
21:20

ނިއުންއިން މެޗު ފެށިތާ މާކަ ގިނައިރެއް ނުވެ ލީޑު ނަގާފައި ވާއިރު އެޓީމަށް ލަނޑު ޖަހައިދިނީ އިބްރާހީމް ފަޒީލް (އޮއްޕޮ).

21:19

މެޗު ފަށައިގެން ފުރަތަމަ ހާފްގެ ފުރަތަމަ 10 މިނިޓްގެ ކުޅުން ނިމިފައި މިވަނީ. ނިއުރޭޑިއަންޓުން މިވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައި.