ގްރީނުން އީގަލްސް ކަޓުވާލުމާއެކު، ޓީސީ ޕްރިމިއާ ލީގަށް

މާލޭ ލީގުގައި ގްރީނާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއިން ކްލަބު އީގަލްސް ކަޓުވާލުމާއެކު، ޓީސީ ސްޕޯޓްސް ކްލަބަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި އީގަލްސްގެ މައްޗަށް ގްރީނުން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރީން ވަނީ ތާވަލުގެ އެއްވަނައަށް ވެސް ޖެހިލައިފައެވެ.

މާލޭ ލީގުގައި ގްރީނާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދު ހަވީރު ކުޅުނު މެޗުގައި ގްރީންގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ނިޒާމް (ނިޒާމްބެ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަސްވަނަ މިނެޓުގައެވެ. އެ ލަނޑަށްފަހު އީގަލްސްއިން ލަނޑެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް، އެ ޓީމަށް ވަނީ އެކަން ކާމިޔާބުވާގޮތެއް ނުވެފައެވެ.

އެއްވަނައަށް ޖެހިލި ގްރީނަށް 14 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ ސްޕޯޓްސް ކްލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް 13 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ލީގުގެ ފަހު މެޗުގައި މިރޭ މާޒިޔާއާއި ނިއު ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ގްރީނަށް ލީގުގެ ދެވަނަ ލިބިގެންދާނެއެވެ. މިއަދު ހަވީރު އީގަލްސް އަތުން ތިން ލަނޑުގެ ތަފާތުން މޮޅުވިނަމަ، އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުމުގެ ފުރުސަތެއް ވެސް ލިބުނީހެވެ.

މާލޭ ލީގުގައި ގްރީނާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ތާވަލުގެ ހަތަރުވަނަ ކަށަވަރުވި ޓީސީއާއި ފަސްވަނައިގައި އޮތް އީގަލްސްއަށް ވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ. ޓީސީއަށް ހަތަރުވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ފަސްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ފައިދާ އެއް ގޯލު ހޯދިފައިވާއިރު، އެ ޓީމަށް ވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ. ހަތްވަނާގައި ނިންމާލި ކްލަބު ވެލެންސިއާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ލީގު ޗެމްޕިއަންކަން ލިބޭ ޓީމެއް ކަށަވަރުވާނީ މިރޭ 9:00ގައި މާޒިޔާއާއި ނިއު ބައްދަލުކުރާ މެޗަށްފަހުއެވެ. ގްރީނާއި މާޒިޔާއާއި ނިއު އަދި ޓީސީ ޕްރިމިއާ ލީގަށް ނުކުންނައިރު، އީގަލްސްއާއި ވިކްޓަރީއާއި ވެލެންސިއާ އަދި ޔޫވީ ދެން ނުކުންނަން ޖެހޭނީ މާލޭ ލީގު ކޮލިފައިންއަށެވެ.

comment ކޮމެންޓް