މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަނުން ނިންމައިފި

ޕީޕީއެމްއިން ވަކިކުރި ހަތަރު މެމްބަރުން -- މަޖިލިސް ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާ އާއި ދިއްދޫ ދާއިރާ އާއި ތުލުސްދޫ ދައިރާގެ އިތުރުން މަޑުއްވަރީ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިވުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގޮނޑި ގެއްލޭނީ އިންތިޚާބުވި ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެ ހުކުމަށްފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި މެމްބަރުންގެ ގޮނޑި ގެއްލޭކަމަށް އެ ހުކުމްގައިވާ ތިން ހާލަތު އިތުރަށް ތަފްސީލުކޮށްދީފައެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެ ހުކުމްގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސްގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠްބީޤު ނުވަތަ ތަންފީޛު ކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރެއްގެ ގޮނޑިއެއް ގެއްލިއްޖެކަމާ މެދު ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ ހުސްވާ މަޖިލިސް ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިޚާބު ކުރަންވާނެ ކަމަށެވެ. އަދި ގޮނޑި ހުސްވި ތާރީޚުން ފެށިގެން ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައިވެއެވެ.

comment ކޮމެންޓް