ނިމްސްއަށް ދެ ފަޅުރަށް، ސްޕޭސް ރިސާޗް ސެންޓަރެއް އަޅަނީ!

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހިންގުން އެންއައިއައިއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް އަޕްގްރޭޑުކޮށް، 50 އަހަރު ދުވަހަށް އެތަން ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލަށް ރާއްޖެ އިން ދެ ފަޅުރަށް ދީފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އިންޑިއާގެ "އިކޮނޮމިކް ޓައިމްސް" ނޫހުން ބުނެފައި ވަނީ، އެގައުމުގެ އިންޑޯ-އޭޝިއަން ނިއުސް ސާވިސް ނިއުސް އޭޖެންސީއަށް ނިމްސް މެޑިސިޓީގެ މެނޭޖިންގް ޑިރެކްޓަރު ފައިޒަލް ޚާން ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުން ނިމްސްއަށް ހޮސްޕިޓަލަކާ އެކު ދެ ރަށެއް، 50 އަހަރު ދުވަހަށް ދީފައިވާ ކަމަށެވެ.

"ތިންސަތޭކަ ހަތްދިހަތް މުވައްޒަފުންނާއި 70 އެނދުގެ ހޮސްޕިޓަލެއްގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ ދެ ފަޅުރަށް އަޅުގަނޑުމެންނަށް ދީފައި. އަޅުގަނޑުމެން ރާވަނީ އެތަނުގައި މެޑިކަލް އެޑިއުކޭޝަން ސެންޓަރަކާޢި، ޖެނެޓިކް ރިސާޗު ސެންޓަރަކާއި، އޭވިއޭޝަން އެކަޑަމީއަކާއި އިންޖިނިއަރިންގް ކޮލެޖަކާއި ހޮލިސްޓިކް ޓްރީޓްމެންޓް ސެންޓަރެއް އަޅަން،" ފައިޒަލް ޚާން ވިދާޅުވި އެވެ.

މީގެ އިތުރުން މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ)ގެ ނަމުގައި ސްޕޭސް ރިސާޗު ފެސިލިޓީއެއް ވެސް ނިމްސްއިން ރާއްޖޭގައި ގާއިމުކުރާނެ އެވެ.

އޭނާ ވިދާޅުވީ، މުޅި މަޝްރޫއުގެ އަގަކީ 16.5 ބިލިޔަން ރުޕީސް (39.5 މިލިޔަން ރުފިޔާ) ކަމަށާއި ބިމުގެ އަގު އެކަނިވެސް 6.5 ބިލިޔަން ރުޕީސް (15.6 މިލިޔަން ރުފިޔާ)އަށް އަރާ ކަމަށެވެ. ޚާން ވިދާޅުވީ ލޯނު ހޯދުމަށް އެ ބިން ރަހުނުކުރުމުގެ ހުއްދަ އެ ނިމްސްއަށް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން ހިންގާނީ އިންޑިއާގެ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ރިޓަޔާކޮށް ފައިސާ ސައިންސްވެރިން ކަމަށެވެ. އައިއެސްއާރުއޯއަކީ ނިމްސްއާ ގުޅިގެން މަސައްކަތް ކުރަމުންދާ އިދާރާއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ނިމްސްއިން ނިންމާފައިވާ އިރު، އެތަނަށް ޑޮކްޓަރުންވެސް ފޯރުކޮށްދޭނީ ނިމްސްއިންނެވެ.

ނިމްސް މެޑިސިޓީގެ މެނޭޖިންގް ޑިރެކްޓަރު އިންޑިއާގެ ނޫސް އޭޖެންސީއަށް ވިދާޅުވީ، މިވަގުުތު އެކުންފުނިން ދަނީ ކުޅުދުއްފުށި ހޮސްޕިޓަލް އަޕްގްރޭޑުކުރުމަށް 600 މިލިޔަން ރުޕީސް (1.4 މިލިޔަން ރުފިޔާ) ޚަރަދު ކުރަމުން ކަމަށެވެ. އަދި ކެތު ލެބަށް ބޭނުންވާ އިކުއިޕްމެންޓާއި އެހެނިހެން ތަކެއްޗަށް މިހާރު އޯޑަރު ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް