ބަހުސްގެ ވަގުތު ކަނޑައަޅަން ބާއްވަން އުޅުނު ކޮމިޓީ ކެންސަލުކޮށްފި

މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ ވޯޓަށް އަހާ ޖަލްސާގައި ބަހުސްގެ ވަގުތު ކަނޑައަޅަން ތާވަލުކުރި މަޖިލީހުގެ އާންމު ކޮމިޓީ ކެންސަލް ކޮށްފި އެވެ.

އާންމު ކޮމިޓީ ތާވަލު ކުރީ މާދަމާގެ 14:00 އަށެވެ. ނަމަވެސް މިއަދު މަޖިލީހުން ވަނީ އެ މައްސަލަ ކެންސަލްވިކަން މީޑިއާތަކަށް އަންގާފަ އެވެ. ނަމަވެސް ކެންސަލްވި ސަބަބެއް މަޖިލީހަކުން ނާންގަ އެވެ.

މަޖިލީހުގެ އަމީން އާންމް އަހުމަދު މުހައްމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކެންސަލްވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މަޖިލިސް ރައީސްގެ އިތުބާރުގެ މައްސަލަ ފެށޭ ހަފްތާގެ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށް ސަރުކާރު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފަ އެވެ.

އަދި އެ މައްސަލަ ބާތިލުވާނެ ކަމުގެ އިޝާރާތެއް ވެސް ނިހާނު ރޭ ދެއްވި އެވެ. ނިހާން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

އެ މެމްބަރުންގެ ގޮނޑި މަޖިލީހުން އެކަން އިއުލާނު ކުރާ ހިސާބުން ގެއްލޭނެ ކަމަށާއި އެހެންވީމާ ދެން މަސީހުގެ އިތުބާރުގެ މައްސަލައާ މެދު ވާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް ނިހާން ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަ ބާތިލުވި ކަމެއް މަޖިލީހަކުން އަދި ނާންގަ އެވެ.

comment ކޮމެންޓް