ކްރިމިނަލް ކޯޓަށް ޚިދުމަތް ހޯދަން ދިޔަ މީހުންނަށް ފުލުހުން ޖާގައެއް ނުދިން

ކްރިމިނަލް ކޯޓު --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ކްރިމިނަލް ކޯޓުން ޚިދުމަތް ހޯދަން މިއަދު ހެނދުނު ދިޔަ މީހުން ކޯޓަށް ވަނުމަށް ފުލުހުން ފުރުސަތު ނުދީ އިންކާރުކޮށްފި އެވެ.

ކްރިމިނަލް ކޯޓު ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބެރިކޭޑު ޖަހައި ބަންދުކޮށްފަ އެވެ. ބެރިކޭޑު ޖަހައި އެ ސަރަހައްދު ބަންދުކޮށްފައި ވުމުން ކޯޓަށް ވަދެވޭނީ އެ ބެރިކޭޑު ހުރަސްކުރުމަށް ފަހު އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަކަށް ނަންނޯޓު ކުރުމަށް ސަންގެ ނޫސްވެރިން ދިޔުމުން އެ ސަރަހައްދުގައި ތިބި އެސްއޯ ފުލުހުން ބުނީ ކޯޓަށް ނުވަދެވޭނެ ކަމަށެވެ.

އެސްއޯ ފުލުސް މީހާ އެހެން ބުނުމުން ކްރިމިނަލް ކޯޓަކީ ނޫސްވެރިންނާއި އާންމުން ކޮންމެ ދުވަހަކު ޚިދުމަތް ލިބިގަންނަ ތަނެއް ކަމަށާއި ކޯޓަށް ވަންނަން ބޭނުންވަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބެން ޖެހޭ ޚިދުމަތެއް ލިބިގަތުމަށް ކަމަށް ސަންގެ ނޫސްވެރިޔާ ބުންޏެވެ. ނަމަވެސް ޖަވާބުގައި އެސްއޯ ފުލުސް މީހާ ވަނީ ތަކުރާރުކޮށް ކޯޓަށް ނުވަދެވޭނެ ކަމަށް ބުނެ އެ ސަރަހައްދުން ދުރަށް ދިޔުމަށް އަންގައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ފުލުހުން އެހެން ބުނާ ނަމަ ކޯޓަށް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކްރިމިނަލް ކޯޓު ސަރަހައްދު ވަނީ ބަންދުކޮށްފައި ކަމަށާއި އެހެންކަމުން ކޯޓުން ޚިދުމަތް ހޯދާ މީހެއް ކަމަށް ވިޔަސް އަދި އެނޫން މީހަކަށް ވިޔަސް އެ ސަރަހައްދަށް ނުވަދެވޭނެ ކަމަށެވެ.

ކޯޓު ސަރަހައްދު ބަންދުކޮށްފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާތީ އެވެ.

comment ކޮމެންޓް