16000 ރުފިޔާއަށް ހޯދީ ދަރިއެއްގެ ޒިންމާ އަދާކުރާނެ މީހެއް

ދިވެއްސަކު އޭނާ ކޮންމެ ދުވަހެއްގެ ފަސް ނަމާދަށް ގެންގޮސްދޭ މީހަކަށް 16000 ރުފިޔާގެ މުސާރައެއް ދޭނެ ކަމަށް އިއުލާން ކުރުމާ އެކު އެތައް ބަޔަކު އެކަމަށް ޝައުގުވެރިވި އެވެ. އެތައް ސަތޭކަ މީހަކު އެވަޒީފާ ހޯދަން ގުޅަން ވެސް ގުޅި އެވެ. އެތައް ބަޔަކާއި އިންޓަވިއު ކުރުމަށް ފަހު މިހާރު ވަނީ ޒުވާން ފިރިހެން ކުއްޖަކަށް އެވަޒީފާ ހަމަޖައްސައިދީފަ އެވެ.

ނަމާދަށް ގެންދާނެ މީހަކަށް މުސާރަ ކަނޑައެޅީ މާލެއަށް ނިސްބަތްވާ 75 އަހަރުގެ ފިރިހެނެކެވެ. އޭނާ ސަން އާ ވާހަކަ ދައްކައި އެކަމުގެ ތަފްސީލް ދިނެވެ. ނަމަވެސް ޝަރުތެއްކޮށްފަ އެވެ. އެއީ އޭނާއަކީ ކާކުކަން ހާމަނުކުރާގޮތަށެވެ.

އަމިއްލަ ގެ ކުއްޔަށް ދިނުމުގެ އިތުރުން އޭނާއަކީ ތަފާތު ވިޔަފާރިތައް ވެސް ކޮށް އުޅޭ މީހެކެވެ. ހަތަރު ކުދިންގެ ބައްޕައެކެވެ. ނަމަވެސް އޭނާ އުޅެންޖެހިފައި ވަނީ އެކަނި ކަމަށް އޭނާގެ ވާހަކަތަކުން އެނގެ އެވެ. އެހެންކަމުން އޭނާ އިއުލާންކޮށްގެން ހޯދީ އޭނާއަށް އެހީތެރިވެދޭނެ މީހެކެވެ.

"ބޮޑީގާޑެކޭ ވިޔަސް ސެކްޓަރީ އެކޭ ކިޔަސް ރަނގަޅު، މިހޯދީ ލުއިކޮށްދޭނެ މީހެއް، އޭނަ ކުރަންޖެހޭނެ ކަމަކީ ނަމާދަށް ގެންދިއުމާއި އަޅުގަނޑާ އެކު ރާއްޖެއިން ބޭރަށް ދިއުމާއި ކޮފީ ގިރައިދިނުން ކަހަލަ ކަންކަން،" އެދުވަސްވީ މީހާ ބުންޏެވެ.

އޭނާ ބުނީ ޒުވާނަކަށް އެވަޒީފާ މީހާރު ދީފައިވާ އިރު މަހަކު އެއްހާސް ޑޮލަރު އެޒުވާނާއަށް ދޭނެ ކަމަށެވެ. އަދި އޭނާގެ ޒިންމާތައް ރަނގަޅަށް އަދާކުރާ ނަމަ އިތުރު އިނާއަތްތައް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް 27 ވަރަކަށް މީހުން އެގޮތަށް އޭނާއަށް އެހީތެރިވުމަށް ހަމަޖެއްސި ކަމަށާއި އެމީހުން އޭނާއަށް ކަމުނުދަނީ ނަމާދާ ދުރުވުމާއި ދުންފަތުގެ އިސްތިއުމާލް ކުރާތީ ކަމަށް ވެސް އެބޭބެ ބުންޏެވެ.

"ގެންދިޔަ މީހުން ނަމާދު ނުކުރަނީ، ސިނގިރޭޓް ބޮއެ ދުފާ ހަދަނީ، އެހެންވެ ކަމު ނުދަނީ، އެންމެ ފަހުން ގެންދިޔަ ކުއްޖާ ވެސް ވަރަށް ރަނގަޅު، އެކަމަކު ނަމާދާ ދުރީ. އަހަރެން ބޭނުމީ ނަމާދުކޮށް އަދި އަހަރެންނާ ވާހަކަ ދައްކާލާ ހާއްސަކޮށް ދީނީ ވާހަކަ ދައްކާ ހަދާނެ މީހެއް،" އޭނާ ބުންޏެވެ.

މިއަދު ދުވަސްވެ ބަލިވެ އުޅޭ އެބޭބެއަކީ ކުރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި އަދި މިހާރު ރަނގަޅު އާމްދަނީއެއް އެކިއެކި ގޮތްގޮތުން ލިބޭ މީހެކެވެ. އެބޭބެ ބުނި ގޮތުގައި އޭނާ ބޭނުން ވަނީ އެ ފައިސާތަކުގެ ބޭނުންކޮށް "ވަރަށް އުފަލުގައި އުޅުމެ"ވެ.

އޭނާ ފަހުން ވަޒީފާދިން ޒުވާނާ އެކު މާދަމާ ލަންކާއަށް ފުރަން ވަނީ ނިންމައިފަ އެވެ. އޭނާ އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގެ ތެރޭގައި ޕިލިޕީންސް އާއި ޓައިލެންޑްގެ އިތުރުން މެލޭޝި އާއި އިންޑޮނޭޝިއާ އަދި ސްރީލަންކާ ހިމެނެ އެވެ.

ދުވަސްވީ އެބޭބެގެ ވާހަކަތަކުން އެނގުނު ގޮތުގައި އޭނާ ފައިސާދީގެން އެހޯދީ އޭނާ ދުވަސްވީ ދުވަހު އޯގާތެރިވެ އަޅާލާނެ ދަރިއެކެވެ. އޭނާ އެދޭ އެހީތެރިކަމަކީ ކޮންމެ ތަނެެއްގައި ހުއްޓަސް ފަސް ވަގުތު ޖަމާއަތައް އޭނާ މިސްކިތައް ގެންގޮސް ދިނުމެވެ. ހަމައެއާ އެކު ކޮފީ ތައްޔާރުކޮށްދިނުމާއި އެކުގައި ރާއްޖެއިން ބޭރަށް ގޮސް އުޅުމެވެ. އެއީ ދަރިއެއްގެ ފަރާތުން އެދޭ ފަދަ ކަންކަމެވެ.

comment ކޮމެންޓް