ގަތަރުގެ މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ ޕާކިސްތާނުން ކަންބޮޑުވުން ފާޅުކޮށްފި

ގަތަރުގެ ޚާރިޖީ ވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރައްވަނީ

އިސްލާމް އާބާދު (ޖުލައި 19) : ގަލްފުގެ ބައެއް ގައުމުތަކާއި ގަތަރާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ ކަންބޮޑުވާކަން ޕާކިސްތާނުން ހާމަކޮށްފި އެވެ.

އިސްލާމް އާބާދަށް ވަޑައިގެން އުޅުއްވާ ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފު ވިދާޅުވީ ގަލްފުގެ ބައެއް ގައުމުތަކާއި ގަތަރާ ދެމެދު އުފެދިފައިވާ މައްސަލަ އަވަހަށް ހައްލު ވެގެންދިޔުމަށް ޕާކިސްތާން އެދޭ ކަމަށާއި އެކަން ލަސްވެގެންދިޔުމަކީ ޕާކިސްތާން ކަންބޮޑުވާކަމެއްކަމުގަ އެވެ.

ނަވާޒް ޝަރީފުގެ އޮފީހުން ނެރުނު ރަސްމީ ބަޔާނެއްގައިވާ ގޮތުގައި ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ވަނީ ގަތަރާދެކޮޅަށް ފިޔަވަޅުތައް އެޅި ގައުމުތަކުގެ ހުށަހެޅުންތަށް ގަތަރުން ގަބޫލުނުކުރި ސަބަބުތައް ނަވާޒް ޝަރީފަށް ހާމަކޮށް ދެއްވާފަ އެވެ. އަދި އެމައްސަލަ ހައްލުކުރުމަށް ކުވައިތު އިސްކޮށް އޮވެގެން ކުރަމުން ގެންދާ މަސައްކަތްތަކަށް ޕާކިސްތާނުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް ވެސް އެބަޔާން ބުނެ އެވެ.

ގަލްފުގެ ބައެއް ގައުމުތަކާއި ގަތަރާ ދެމެދު އުފެދިފައިވާ މައްސަލާގައި ޕާކިސްތާން ނިންމީ ވަކިކޮޅަކަށް ނުޖެހުމަށެވެ. ގަތަރާދެކޮޅަށް ގަލްފުގެ ބައެއް ގައުމުތަކުން ތެދުވެފައި ވަނީ ސައޫދީ އިސްކޮށް އޮވެފައި ސައޫދީ އަކީ ޕާކިސްތާނާ ސްޓްރެޓީޖިކް ގުޅުންތަކެއް ބާއްވާ ގައުމަކަށްވެފައި ޕާކިސްތާނަށް ބޮޑެތި އެހީތަކެއްދޭ ގައުމެއްނަމަވެސް ޕާކިސްތާން ނިންމީ ވަކިކޮޅަކަށް ނުޖެހުމަށެވެ. މިކަމުގެ ސަބަބުން ސައޫދީ މަސްއޫލުވެރިންވަނީ ޕާކިސްތާނާމެދު ހިތްހަމަނުޖެހިފަ އެވެ.

ސައޫދީ އިސްކޮށް އޮވެގެން ޔަމަނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ ބައިވެރިވުމަށްވެސް ޕާކިސްތާން ވަނީ ދެކޮޅު ހަދާފައެވެ. މިއީވެސް ސައޫދީންގެ ނުރުހުން ޕާކިސްތާނަށް އަމާޒުވި ސަބަބެކެވެ. ނަމަވެސް ޕާކިސްތާނަކީ ބިޔަ އަދި ބޮޑުގައުމަކަށްވެފައި އަސްކަރީ ކަންކަމުގައި ޕާކިސްތާނުގެ ބޭނުން ސައޫދީއަށް ބޮޑުކަމުން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ސައޫދީވަނީ ފަސްޖެހިފައެވެ.

ޕާކިސްތާނަކީ ގޭހުގެ ކަންކަމުގައި ގަތަރަށް ބަރޯސާވާ ގައުމެކެވެ. އަދި ޕާކިސްތާނުގައި ގަތަރުން ބޮޑެތި އިންވެސްޓްމަންޓްތަކެއްވެސް ކުރަމުން ގެންދެއެވެ. އެހެންކަމުން ގަތަރަކީ ސައޫދީ އެކޭ އެއްގޮތަށް ޕާކިސްތާނަށް މުހިއްމު ގައުމެކެވެ. ގަލްފުގެ ބައެއް ގައުމުތަކާއި ގަތަރާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފު މިދިޔަ ޖޫން މަހު ވަނީ ސައޫދީ އަށް ވަޑައިގެންފަ އެވެ. ނަމަވެސް ނަވާޒް ޝަރީފަށް ސައޫދީން ކިޔާފައި ވަނީ ވަރަށް ފިނި މަރްހަބާއެކެވެ. (އާރުޓީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު