އިގްތިސާދީ ބިލްތައް މަޖިލީހުން ފާސްކުރެވޭނީ ޑީއާރްޕީން ބޭނުންވާ ގޮތަށް ބިލްތައް ބައްޓަންކޮށްގެން: ތަސްމީން

ސަރުކާރުގެ އިގްތިސާދީ ޕެކޭޖުގެ ދަށުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްތައް މަޖިލީހަށް ބަލައިގަތަސް އެ ބިލްތައް މަޖިލީހުން ފާސްކުރާނީ ޑީއާރްޕީން ވެސް ބޭނުންވާ ގޮތަށް ބިލްތައް ބައްޓަންކޮށްގެން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް ކުރާ ގޭކައިރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަސްމީން ވިދާޅުވީ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ މުހިއްމު ބިލްތަކުގެ ތަފްސީލް ސަރުކާރުން ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެ ބިލްތަކުގެ ސަބަބުން ރައްޔިތުންގެ އަތުން ފައިސާ ނަގާނެ ގޮތްތަކާއި ދައުލަތުގެ ހަރަދުތައް ޖުމްލަކޮށް ކުޑަ ކުރުމަށް ދައްކަން ހުރި ވާހަކަތައް އަޑު އަހާފައި ނޫނީ ބިލްތަކާ މެދު ގޮތެއް ނުނިންމަވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ބިލްތައް ބަލައިގަނެ، ކޮމެޓީތަކުގެ މަރުހަލާގައި ސަރުކާރާ ސުވާލުކޮށް ޑީއާރްޕީން ބޭނުންވާ ގޮތަށް ބިލްތައް ބައްޓަން ވެގެން ނޫނީ އިގްތިސާދީ ބިލް މަޖިލީހުން ފާސް ނުކުރާނެ ކަމަށެވެ.

"ބިލް ބަލައިގަތުމަށް ފަހު، މުހިއްމު މަސައްކަތްތައް ހިންގާ އެ ބިލް ބައްޓަންވެގެންދާ ގޮތުން އަޅުގަނޑުމެންގެ އެންމެ ފަހުގެ ނިންމުން ނިމޭނީ. އެ މަރުހަލާތަކުގައި އަޅުގަނޑުމެން ސަރުކާރާ ސުވާލު ކުރާނަން. އަދި ސަރުކާރުން އަޅުގަނޑުމެން ވެސް ހިތްހަމަޖެހޭ ގޮތަކަށް ބިލް ބައްޓަން ކުރަން ތައްޔާރަށް ތިއްބަވައިގެން، އެ ގޮތަށް ބައްޓަން ވެގެންދިއައްޔާ ނޫނީ އަޅުގަނޑުމެންގެ އެއްބާރުލުމެއް ނުލިބޭނެ،" ޑީއާރްޕީގެ ލީޑަރު އަދި މަޖިލީހުގައި ކެންދޫ ދާއިރާ ތަމްސީލު ކުރައްވާ ތަސްމީން މިއަދު ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ސަރުކާރުން މަޖިލީހަށް ވައްދާފައިވާ ޓެކްސް ބިލްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ބޭފުޅުން ވެސް ޑީއާރްޕީގައި ތިއްބެވި ކަމަށާއި އެހެންކަމުން ޓެކްސްގެ ބިލްތައް މަޖިލީހަށް ބަލައިގަތުމުގައި ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ މެންބަރުންނަށް ފްރީ ވޯޓް ]އެ މެންބަރަކު ބޭނުންވާ ގޮތަށް ވޯޓް ދިނުން[ ދޭ ގޮތަށް ކަމަށެވެ.
"ޓެކްސް ބިލްތައް ]މަޖިލީހަށް ބަލައިގަތުމާ މެދު[ އަޅުގަނޑުމެން ނިންމާފައި އޮތް ގޮތަކީ ފްރީ ވޯޓް. ޓެކްސްގެ ބިލްތަކާ މެދު ވަރަށް ހިތްހަމަ ނުޖެހޭ ބޭފުޅުން ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. ތަފްސީލުތައް އައުމަށް ފަހު ވާހަކަ ދައްކައިގެން ނުކުންނަ ނަތީޖާ އަކަށް ބަލާފައި ނޫނީ ވަކިގޮތެއް ނިންމަން ބޭނުންފުޅު ނުވާ ބޭފުޅުން އެބަތިބި،" ޓެކްސްގެ ތިން ބިލެއް މަޖިލީހަށް ބައިގަންނަން ފެންނަ ކަމަށް އިއްޔެ ވޯޓް ދެއްވި ތަސްމީން ވިދާޅުވި އެވެ.

ތަސްމީން އެހެން ވިދާޅުވެފައިވާ އިރު، ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ސަރުކާރުގެ އިގްތިސާދީ ޕެކޭޖާ މެދު މަޖިލީހުން ގޮތެއް ނިންމަން އެނގޭނީ އެ ބިލްތަކުގެ ތަފްސީލް ސަރުކާރުން ހާމަ ކުރުމުން ކަމަށެވެ.

ސަރުކާރުން މަޖިލީހަށް ވައްދާފައިވާ އިގްތިސާސީ 14 ބިލުގެ ތެރެއިން، މިހާތަނަށް މަޖިލީހުން ބަލައިގަތް ބިލްތަކަށް ވޯޓް ދިނުމުގައި އިދިކޮޅު ގިނަ މެންބަރުން ވޯޓް ދެއްވާފައި ވަނީ އެ ބިލްތައް މަޖިލީހަށް ބަލައިގަތުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު