އަންހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް އެމްޕީއެލް އަދި ސިފައިން

އެފްއޭއެމް އިން ކުރިއަށް ގެންދާ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ތެރެއިން--ފޮޓޯ/ އެފްއޭއެމް

މިހާރު ކުރިއަށްދާ އެފްއޭއެމް އަންހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލުން އެމްޕީއެލް އަދި ދިވެހި ސިފައިންގެ ކްލަބް ޖާގަ ހޯދައިފިއެވެ.

ރޭ ކުޅުނު ސެމީފައިނަލުގައި އެމްޕީއެލްއިން ވާދަކޮށްފައިވަނީ އައްޑޫ އަތޮޅަށް ނިސްބަތްވާ އަވަ އެފްޓީއާއެވެ. އެމްޕީއެލްއިން އަވައެފްޓީ ބަލި ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ ޖާޒީ ނަންބަރު 6 ފާތިމަތު ސަމިއްޔާއެވެ.

ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ ގުރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ސިފައިންނެވެ. ސިފައިން ސެމީ ފައިނަލުގައި ޓީރެކްސް ބަލިކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިން ޓީމުގެ ޖާޒީ ނަންބަރު 8 މަރިޔަމް ރިފާއެވެ.

އެހެން މުބާރާތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމްކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިޔަކަށް ކުޅެވޭއިރު، ބިދޭސީ އެއްވެސް ކުޅުންތެރިޔަކަށް މި މުބާރާތުގައި ނުކުޅެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށާފައިވާއިރު، ފިރިހެން ފުޓްސަލް ކުޅުންތެރިންނަށް ވެސް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް