ޝީޝާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށަނީ

ޒުވާނުންތަކެއް ޝީޝާ ބޮނީ-- އެތައް ޒުވާނުންނެއް އެމަޅީގައި ޖެހިފައިވާއިރު ހޭލުންތެރިކުރުމުގެ ގައުމީ މަސައްކަތްތަކެއް ވަނީ ފަށާފަ-- ފައިލް ފޮޓޯ

ގިނަ ޒުވާނުންތަކެއް ދުންފަތުގެ އިސްތިއުމާލްކުރަން ފަށާ ޝީޝާއަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގެ ހަރަކާތްތަކެއް ހިންގަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޝީޝާގެ ވިޔަފާރި ވަރަށް ފުޅާކޮށްފައިވާ އިރު އެއީ އޮޅުވާލުމެއްގެ ތެރެއިން އެތައް ޒުވާނުންނެއް ދުންފަތުގެ އިސްތިއުމާލް ކުރަންފަށާ ވަސީލަތަކަށް ވަނީ ވެފަ އެވެ. ހާއްސަކޮށް ދުންފަތާ ބީރައްޓެހި ދިވެހި އެތައް އަންހެން ކުދިންއެއް ވަނީ އެމަޅީގައި ޖައްސައިފަ އެވެ.

ހެލްތު މިނިސްޓަރު ނާޒިމް މިއަދު ސަން އަށް ވިދާޅުވީ ޝީޝާއާ ޒުވާނުން ދުރުކުރުމަށް ޓަކައި ގައުމީ ފެންވަރެއްގެ މަސައްކަތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަމަށް ޒުވާނުން ހޭލުންތެރިކުރުވަން ކަމަށެވެ.

ސަން ޓީވީގެ 50 މިނެޓު ޕްރޮގްރާމުގައި މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"ޝީޝާއަކީ ވެސް ދުންފަތް ދެއްތޯ، އެހެންކަމުން އޭގެ ގެއްލުމާއި އޭގެ ސަބަބުން ޖެހޭ ބަލިތައް ބުނެދިނުމަށް އެވެއާނަސް ހަރަކާތްތަކެއް ހިންގާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ބައެއް ޕްރޮގުރާމްތައް ސުކޫލުތަކުގައި މިހާރު ކުރިއަށްގެންދާ އިރު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގައުމީ ފެންވަރެއްގައި އެމަސައްކަތް ފެށޭނެ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގައި ޝީޝާ ބުއިން އާންމުވެފައިވާ އިރު އެފެދަ ކަންކަން ހުއްޓުވުމަށާއި ޝީޝާ ހުއްޓުވުމަށް ހަދަން ޖެހޭ ގަވައިދުތައް ވެސް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެއްލުން ކުޑަކަމަށް ބުނެ ވިއްކަމުންދާ ޝީޝާ އަކީ ދުންފަތުގެ އެންމެ ނުރައްކާތެރި އެއް އިސްތިއުމާލެވެ.

comment ކޮމެންޓް