ރީތީ ހަމަ އެކަނި ދޮން މީހުންތަ؟

ހަމުގެ ކުލަ ކަޅު މީހުންނާ ދޭތެރޭ ގެންގުޅޭ ތަފާތުކުރުންތަކާ ގުޅިގެން ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ނުރުހުން ފާޅުކޮށްފި އެވެ.

ނަވާޒުއްދީނަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އެހެން ނަމަވެސް ނަވާޒުއްދީނަކީ "ފެއާ އެންޑް ހޭންޑްސަމް" މީހެއް ނޫން ކަމަށް ބުނެ ޑައިރެކްޓަރެއްގެ ފަރާތުން މަލާމާތުގެ ބަސްތަކެއް މިވަނީ އަމާޒުވެފަ އެވެ.

ޚަބަރުތައް ބުނާގޮތުން ކާސްޓިން ޑައިރެކްޓަރު ސަންޖޭ ޗޯހާން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ބާބޫމޮޝާއި ބަންދޫކްބާޒް' ގައި ނަވާޒުއްދީން އާއެކު 'ދޮން އަދި ރީތި' އެކްޓަރުން ހިމަނައިފި ނަމަ ފިލްމު ކަމުނުދާނެ ކަމަށް ބުނެފަ އެވެ.

ނޫހަކަށް ދިން އިންޓަވިއު އެއްގައި ވެސް، ފިލްމުގެ ބަތަލާ އަކަށް ބޭނުން ވަނީ ނަވާޒު އާއި "އެކަށީގެންވާ" ފަންނާނެއް ކަމަށް ޗޯހާން ބުނެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެ ކޮމެންޓާ ގުޅިގެން ނަވާޒު ކުރި ޓުވީޓުތަކެއް ވަނީ ބޮލީވުޑުގައި 'ރީތި' މާނަ ކުރާ ގޮތާމެދު ސުވާލު އުފައްދައިފަ އެވެ.

"އަހަންނަކީ ރީތި އަދި ދޮން މީހަކަށް ނުވާތީ ރީތި އަދި ދޮން މީހުންނާ އެކީ އަހަންނަށް އެކްޓު ނުކުރެވޭނެ ކަން ބުނެ ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު އެއީ އަހަރެން ވިސްނާ ކަމެއް ނޫން،" ނަވާޒު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ނަވާޒު ބުނީ މީހަކު ގަބޫލު ކުރާ ގޮތާމެދު އޭނާ ނުވިސްނާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ބަސްތަކުގެ ސަބަބުން ދެރަވާ ކަމަށް ނަވާޒު ބުންޏެވެ. އަދި ތަފާތުކުރުން ގެންގުޅެނީ ހަމައެކަނި ފިލްމީ ދާއިރާގައި ނޫން ކަމަށާއި ކަޅު މީހުންނަކީ ހުތުރު މީހުން ކަމުގައި މުޖުތަމައު ވެސް ގަބޫލު ކުރާ ކަމަށެވެ.

"އަހަރެން އެކްޓަރަކަށް ވާން ބޭނުން ވާހަކަ ބުނުމުން މީހުން ވެސް ބުނި ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓި އަމިއްލަ ސިފަ ބެލުމަށް. ފިރިހެނުން ގާތު ބުނާނީ ދޮން އަނތްބެއް ހޯދަން. އެއީ ކީއްވެ؟ ރީތީ ހަމަ އެކަނި ދޮން މީހުންތަ؟ ކަޅު ކުދިންނަކީ ރީތި ކުދިންނެއް ނޫންތަ؟" ނަވާޒު ސުވާލުކޮށްފައިވެ އެވެ.

ޗޯހާން ވަނީ ނަވާޒު އާއި ގުޅުވައިގެން އެފަދަ އެއްވެސް ވާހަކަ އެއް ދައްކާފައި ނުވާނެ ކަމަށް ބުނެފަ އެވެ. ޗޯހާން ބުނީ ވާހަކަތައް ފެންމަތިވި ގޮތެއް ނޭނގޭ ކަމަށާއި، އޭނާ ބުނީ ހުނަރުގެ ގޮތުން ނަވާޒު އާއި އެކަށީގެންވާ ބަތަލާ އެއް ބޭނުން ވާހަކަ ކަމަށެވެ.

comment ކޮމެންޓް