ސިފައިން، އެމްޓީސީސީ، ހައުސިން އަދި މޯލްޑިވް ގޭސް ސެމީއަށް

ސުޒުކީ ވިލި މުއައްސަސާ ކަޕްގެ ތެރެއިން: ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ --- ފޮޓޯ/ އެންޓޮމް

ކްލަބް އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާއި ޓީމް އެމްޓީސީސީއާއި ޓީމް ހައުސިން އަދި މޯލްޑިވް ގޭސްއަށް ލިބިއްޖެއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އެ މެޗުތަކަށްފަހު 'ގްރޫޕް އޭ'ގެ އެއްވަނަ ސިފައިން ހޯދިއިރު، ދެވަނަ ހޯދީ އެމްޓީސީސީއެވެ. 'ގްރޫޕް ބީ'ގެ އެއްވަނަ ހައުސިން ހޯދިއިރު، ދެވަނަ ހޯދީ މޯލްޑިވް ގޭސްއެވެ.

'ގްރޫޕް އޭ'ގެ އެއްވަނަ ހޯދި ސިފައިންނަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އެމްޓީސީސީއާއި ތިންވަނާގައި އޮތް ދިރާގު އަދި ހަތަރުވަނާގައި އޮތް ޔޫތު މިނިސްޓްރީއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ތިން ޓީމުގެ ތެރެއިން އެމްޓީސީސީ ކުރީގައި ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލުގައި އޮތް ވިލިމާލޭ ޕޮލިހަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

'ގްރޫޕް ބީ'ގެ އެއްވަނަ ހޯދި ހައުސިންނަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ހޯދި މޯލްޑިވް ގޭސްއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ގްރޫޕްގެ ތިންވަނާގައި އޮތް ސްޓެލްކޯއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި އޮތް މުހްޔިއްދީން ސްކޫލަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕްގެ ފަހު މެޗުތަކުގެ ތެރެއިން ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ 'ގްރޫޕް ބީ'ގެ ސްޓެލްކޯއާއި ހައުސިންނެވެ. އެ މެޗު ހައުސިނުން ކާމިޔާބުކޮށްފައިވަނީ 6-4 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ހައުސިނުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އަފްޒަލްއެވެ. ހައުސިންނަށް އަހްމަދު މައުސޫމް މުހައްމަދާއި އަހްމަދު އާސިފް، މިއިން ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑަކީ ސްޓެލްކޯގެ އަލީ ޝަމީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ މެޗުގައި ސްޓްލްކޯގެ އިބްރާހިމް ޚަލީލާއި ހަސަން ނަސީރު، މިއިން ކޮންމެ ކުޅުންތެރިޔަކު ސްޓެލްކޯއަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.

ރޭ ކުޅުނު 'ގްރޫޕް އޭ'ގެ ފުރަތަމަ މެޗުގައި ދިރާގުގެ މައްޗަށް ޔޫތު މިނިސްޓްރީން ކުރި ހޯދީ 4-3 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޔޫތު މިނިސްޓްރީން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހަސަން ނިޝާއު އަލީ ކާމިޔާބުކޮށްދިންއިރު، ހުސައިން ރަޝީދު ވެސް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗުގައި ދިރާގުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ހުޒައިފަތުﷲ އިބްރާހިމް ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޔޫހު ނަސީރެވެ.

ރޭ ކުޅުނު 'ގްރޫޕް އޭ'ގެ ދެވަނަ މެޗުގައި ފުލުހުންގެ މައްޗަށް ސިފައިން ކުރި ހޯދީ 6-5 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސިފައިން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އަލީ ކާމިޔާބުކޮށްދިންއިރު، އަހްމަދު އަޝްރަފް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ހަފީޒެވެ. އެ މެޗުގައި ފުލުހުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އަލީ މުނާޒް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ސަހީނާއި މޫސާ ނަދީފް އަދި ސިއުތު އިސްމާއީލެވެ.

އެ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 8:15ގައި ބައްދަލުކުރާނީ އެމްއެންޑީއެފާއި މޯލްޑިވް ގޭސްއެވެ. ސެމީގެ ދެވަނަ މެޗުގައި މާދަމާ ރޭ 9:15ގައި ބައްދަލުކުރާނީ ހައުސިންއާއި އެމްޓީސީސީއެވެ. އެ މެޗުތަކުން މޮޅުވާ ދެ ޓީމަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުން ޖާގައެއް ލިބިގެންދާނެއެވެ.

އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.

comment ކޮމެންޓް