ނޯޓީ 40ގައި ފެންނާނީ އަސްލު "އެލްޖޭ"!

ލިއާމް އާދަމް (އެލްޖޭ)--

މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނެ ދިވެހި އެއް ފިލްމަކީ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގާއި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު ބަތަލް އަދި ކުޅަދާނަ ޑައިރެކްޓަރު ޔޫސުފް ޝަފީއުގެ "ނޯޓީ 40" އެވެ.

ރާއްޖޭގައި މިވަގުތު ތިބި އެންމެ ކުޅަދާނަ އެކްޓަރުން މި ފިލްމުން ފެނިގެންދާއިރު އެ ފިލްމަށް އިންތިޒަރު ކުރާ ގިނަ ބަޔަކު އެންމެ ބަލާލަން ބޭނުންވާ އެއް ފަންނާނަކީ ފިލްމުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ "ސޯޝަލް މީޑިއާގެ ސުޕަ ސްޓާރ" ލިއާމް އާދަމް (އެލްޖޭ) އެވެ.

ނޯޓީ 40ގެ ހުރި މަސައްކަތެއް ގާތްގަނޑަކަށް އެއްކޮށް ނިމި، ސިނަމާއަށް އައުމުގެ މަގުމަތީގައިވާއިރު މިއީ އެލްޖޭގެ ފުރަތަމަ ފީޗާ ފިލްމެވެ. މީގެ ކުރިން ބައެއް ފިލްމު ތަކުގައި ހާއްސަ ފެނިލުންތަކުން އެލްޖޭ ފެނިފައިވެއެވެ.

އެލްޖޭއަށް މި ފިލްމުގައި ޑައިރެކްޓަރު ޔޫއްޕެ ހާއްސަ ރޯލެއް ދީފައިވާއިރު އެ ރޯލް ތައްޔާރުކޮށްފައިވަނީ އޭނާގެ އާންމު ދިރިއުޅުމާ ވެސް ގުޅޭ ގޮތަށެވެ. ރީތި ހަށިގަނޑެއްގެ ވެރި އެލްޖޭ އޭނާގެ ރޯލާ ގުޅޭގޮތުން ވަނީ ސަންއާ ވާހަކަދައްކާފައެވެ.

ލިއަމް އާދަމް (އެލްޖޭ)--

" މިއީ މިހާތަނަށް ލިބުނު އެންމެ ރަނގަޅު އެއް ފުރުޞަތު. އެ ފުރުޞަތު ޔޫއްޕެ އަދި ޝަފީގް ދިނީމަ ވަރަށް އުފަލުން މިހުރީ. އަސްލު މިއީ އަހަރުގެ އެންމެ ބޮޑު ފިލްމް. އެ ފިލްމުން ހާއްސަ ރޯލެއް ލިބުމަކީ ކުރިއަށްދާން ލިބުނު ހިތްވަރެއް،" އެލްޖޭ ކިޔައިދިނެވެ.

އެލްޖޭ ބުނާ ގޮތުން އޭނާއަށް ފިލްމުން ލިބިފައިވާ ރޯލަކީ ޔޫއްޕެ ވަރަށް ދިރާސަކޮށްފައި، ހުރިހާ ގޮތަކުންވެސް އޭނާއާ ގުޅޭ ގޮތަށް ފައްކާ ކޮށްފައިވާ ކެރެކްޓާއެކެވެ. އަދި އޭނާއަށް ލިބުނު ރޯލް އެންމެ ފުރިހަމަ އަށް ގެނެސްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ޒުވާން އެކްޓަރު ބުންޏެވެ.

" އަސްލު ޔޫއްޕެ ވަރަށް އެހީތެރިވި ލިއަމް މި މަސައްކަތް ކުރިއަށް ގެންދަން. އެންމެ ކުޑަމިނުން ލާންޖެހޭ ކޮސްޓިއުމް ވެސް ބުނެދޭ އަދި އެންމެ ކުދިކުދި ކަންތައް ވެސް ވަރަށް ފަރުވާ ތެރިކަމާއެކު ކިޔާދޭ،" މީގެ ކުރިން ޑާކް ރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާއެކީ" އަދި ބައެއް ކުރު ފިލްމު ތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު ކިޔައިދިނެވެ.

ރާއްޖޭގެ ސޯޝަލް މީޑިއާގެ ރަސްގެފާނުގެ ގޮތުން ގިނަ ބައެއް މެދުގައި މަޝްހޫރުވެފައިވާ އެލްޖޭ ބުނީ އޭނާގެ ފޭނުންނާއި ފިލްމް ބަލާ މީހުންނަށް ބުނެލަން އޮތީ މޮޅު އަދި ތަފާތު ފިލްމެއް ބަލަން ބޭނުންވާ މީހުން ކޮންމެހެންވެސް ނޯޓީ 40 އަށް ވަންނަންޖެހޭ ކަމަށާއި ހަޔާތުގެ ހުރިހާ ރަހައެއް އެ ފިލްމުން ފެނިގެންދާނެ ކަމަށެވެ.

އޯގަސްޓް ދޭއްގައި އޮލިމްޕަހު ސްކްރީނަށް އަންނަ ކޮމެޑީ ފިލްމު "ނޯޓީ40"ގެ އޮފިޝަލް ޕޯސްޓަރެއް -- ފޮޓޯ: ފޭސްބުކް

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ، އަދި "އަހަރުގެ އެންމެ ބޮޑު ފިލްމު"ގެ ގޮތުގައި ޕްރޮމޯޓްކުރަމުންދާ "ނޯޓީ 40"ގެ އޮފިޝަލް ޓްރެއިލާއާއި އޮފިޝަލް ޕޯސްޓަރުތައް ލޯންޗުކޮށްފައިވާއިރު އެ ފިލްމް ރިލީޒް ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

ދިވެހި ފިލްމީ އިންޑަސްޓްރީގެ ނަން މަޝްހޫރު ގިނަ ފަރާތްތަކެއް އެއް ފިލްމަކުން ފެނިގެންދާ ނޯޓީ 40ގެ މެއިން ކެރެކްޓަރތައް އަދާކުރާ، ބައެއް ތަރިން ދެ އުމުރެއްގެ ދުވަސްތައް އެފިލްމުން ފެނިގެންދާނެއެވެ. އެގޮތުން ނިއުމާ މުހައްމަދު، އަހުމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން އަދި ޔޫއްޕެގެ 40 އަހަރުން މަތީގެ އުމުރުގެ މަންޒަރުތަކާއި ހަމަ އެ ތަރިންގެ 22-26 ދޭތޭރޭ މަންޒަރުތައް މި ފިލްމުން ފެނިގެންދާނެއެވެ.

ނޯޓީ ފޯޓީ ގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީސްކުރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުޅި ޖުމްލަ ފަސް ލަވަ ހިމެނޭ، ކޮމެޑީގެ އިތުރުން ލޯތްބާއި، އުފަލާއި ހިތާމައާއި އަދި އެހެނިހެން ރަހަތައްވެސް ފެނިގެންދާ މި ފިލްމުގައި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިން ހިމެނެއެވެ.

މި ފިލްމުން ފެނިގެންދާ ބައެއް ތަރީންގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ) އާއި އިބްރާހިމް ޖިހާދް (ޖިމީ) އަދި މުހައްމަދު ރިފްޝާން (ރިއްޕެ) ފެނިގެންދާއިރު، މާޗްމަހު ރިލީޒްކުރި ދިވެހި ފިލްމު "މަލިކާ"ގެ ބަތަލާ ނުޒްހަތު ޝުއައިބު (ނުޒޫ) އާއި "ވާށޭ މަށާ އެކީ" އިން ފެނިގެންދިޔަ ބިދޭސީ ތަރި މާރިއާ ތެރީސާވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ނޯޓީ40އާއެކު މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވެގެންދާ ބައެއް ތަރިންގެ ތެރޭގައި އެލްޖޭގެ އިތުރުން އަހްމަދު ޝަރީފް، އަދި ގުލިސްތާން (ގުލީ) ހިމެނެއެވެ. ހަމައެހެންމެ ގިނަ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަލީ ޝާހިދު (ސްޓެޕިން އައްޔަ) ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ޖުމުލަ 15 ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ނޯޓީ 40ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް ވިއްކާފައިވާއިރު އެ ޝޯގެ ޓިކެޓް މިހާރު ވަނީ ގާތްގަނޑަކަށް ވިކި ހުސްވެފައެވެ. ބާކީ ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުންދާއިރު، ބުކިން ހަދަން ބޭނުންވާ ފަރާތްތަކަށް 7530055 ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް