އިންޑިއާ އާއި ޗައިނާއާ ދެމެދު ހަނގުރާމައެއް ފެށެނީ؟

1962 އިންޑިއާ އަދި ޗައިނާއާ ދެމެދު ކުރެވުނު ހަނގުރާމައިގެ ތެރެއިން

އިންޑިއާ އާއި ޗާއިނާއަކީ އެއްއިރެއްގައި ވެސް މާ ގުޅުން ރަނގަޅު ދެގަައުމެއް ނޫނެވެ. އަނެއްކޮޅުން ޗައިނާ އަކީ އިންޑިއާގެ އެންމެބޮޑު ދުޝްމަނުންގެ ގޮތުގައި ފާހަގަކުރެވޭ ޕާކިސްތާނުގެ އެންމެގާތް އެކުވެރިޔާ އެވެ. މީގެ ކުރިން އެ ދެގައުމުން ވަނީ ހިމާލިޔާ ބޯޑަރު ކައިރީ ސަރަހައްދެއްގެ މިލްކުވެރިކަމުގައި ވަރަށް ވަރުގަދަ ހަނގުރާމައެއް ވެސް ކޮށްފަ އެވެ.

ޗައިނާ ވަނީ 1962 ވަނަ އަހަރު ކުރި ހަނގުރާމާގައި އެމީހުންގެ ބާރު ކިތަންމެ ރަނގަޅަކަށް ވެސް އިންޑިއާއަށް ދައްކާލައިފަ އެވެ. ކިއުބަން މިސައިލް ކްރައިސިސްގެ މައްސަލަ މުޅިދުނިޔޭގެ ސަމާލުކަމަށް އައި ދުވަސްވަރު ޗާއިނާ އިން ވަނީ އޭގެ ފައިދާ ވަރަށް ރަނގަޅަށް ނަގައިފަ އެވެ. އޭރު އިންޑިއާގެ އެންމެ ގާތް އެކުވެރިޔަކީ ރަޝިއާއެވެ. ނަމަވެސް ކިއުބަން މިސައިލް ކްރައިސިސްގެ މައްސަލަ ސީރައަސްކަމުން ރަޝިއާ އޮތީ އިންޑިއާއަށް އެހީތެރިވެދޭ ފަދަ ހާލަތެއްގައެއް ނޫނެވެ. މަސްދުވަހުގެ ދިގުމުއްދަތަކަށް ކުރިޔަށް ދިޔަ މިހަނގުރާމާގައި އިންޑިއާ ވަނީ ވަރަށް ހުތުރުގޮތަކަށް ބަލިވެފަ އެވެ.

ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަަމަށް ވަޑައިގެންނެވުމަށް ފަހު ވަނީ ވަރަށް ހަރުކަށި ސިޔާސަތުތަކެއް ހުރިހާ ދާއިރާއަކުން ވެސް އިސްކުރައްވަން ފައްޓަވައިވައިފަ އެވެ. އެގޮތުން މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުން އިންޑިއާގައި ދުވަހަކު ވެސް ނުދެކޭ ފަދަ ހަމަނުޖެހުންތަކެއް މުސްލިމުންނާއި ހިންދޫންނާ ދެމެދު ވަނީ އުފެދިފަ އެވެ. މޯދީގެ ހާރިޖީ ސިޔާސަތުތައް ވެސް ހުރީ ހަމަ މި ބީދައިންނެވެ. މޯދީގެ ވިސްނުން ހުރީ ޕާކިސްތާނާއި ޗައިނާއަށް ޖެއްސުންކުރުމުގެ ސިޔާސަތެއް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

ޗައިނާ އާއި އިންޑިއާ ދެމެދު މިދަނީ އަނެއްކާ ވެސް ވަރުގަދަ ކުރިމަތިލުމަކަށް ދާންއުޅޭކަމުގެ ކޮޅުމަތި ފެންނަމުންނެވެ. މިފަހަރު މައްސަލަ ހޫނުވެފައި ވަނީ ޗައިނާގެ ދޮކްލާމް ސަރަހައްދުގެ މައްސަލައިގަ އެވެ. ދޮކްލަމް ސަރަހައްދަކީ އިންޑިއާ އަދި ބޫޓާނާ ދެމެދު މިލްކުވެރިކަމުގައި މައްސަލަޖެހިފައިވާ ހިސާބެކެވެ. ބޫޓާނަކީ އިންޑިއާ އާދެމެދު ޑިފެންސް އެގްރީމަންޓް އޮންނަ ގައުމެކެވެ. އަދި މިއެގްރިމަންޓުގެ ދަށުން އިންޑިއާގެ ސިފައިން ބޫޓާނުގައި ގާއިމްވެގެން ތިބެއެވެ.

ޗައިނާއާއި އިންޑިއާއާ ދެމެދު މައްސަލަ ހޫނު ވެފައިވާ ސަރަހައްދުގެ ޗާޓް

މައްސަލަ ފެށުނީ ޗައިނާ އިން ދޮލްކަމް ސަރަހައްދުގައި މަގުތަކެއް ހަދަންފެށުމާ އެކު އިންޑިއާ ސިފައިން އެސަރަހައްދަށް ވަން ހިސާބުންނެވެ. ޗައިނާ އިން ބުނި ގޮތުގައި މިއީ ޗައިނާގެ މިނިވަންކަމަށް އަރައިގަތުން ފަދަ ކަމެކެވެ. އަދި އިންޑިއާއާ ނުވެސް ބެހޭ މައްސަލައެއްގެ ތެރެއަށް ވަދެފައިވާތީ ޗައިނާ އިން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ. ދެފަރާތުން ވެސް ދަނީ އެމީހުންގެ ސިފައިން ބޯޑަރު ކައިރިޔަށް ޖަމާކުރަމުންނެވެ.

މިފަހަރު މައްސަލަ ޖެހުނީ ބޫޓަން- ޗައިނާގެ ސަރަހައްދުގެ މިލްކުވެރިކަމުގައި ވިޔަސް، މީގެ ހަގީގީ މައްސަލައަކީ އިންޑިއާ އަދި ޗައިނާއާ ދެމެދު އުފެދިފައިވާ ބޯޑާ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައެވެ. އަކަސައި، ކަޝްމީރު އަދި އަރޫނާޗަލް ސަރަހައްދަކީ އިންޑިއާ އަދި ޗައިނާއިން ވެސް މިލްކުވެރިކަމަށް ދައުވާ ކުރާ ސަރަހައްދެކެވެ.

އިންޑިއާ އަދި ޗައިނާއިން މިލްކުވެރިކަމުގައި މައްސަލަޖެހިފައިވާ ހިސާބުތައް

ޗައިނާ އިން ވަނީ އިންޑިއާ ސިފައިން ވަގުތުން ދޮލްކަމް ސަރަހައްދުން ފޭބުމަށް ގޮވާލަައިފަ އެވެ. އަދި އެހިސާބުން ފޭބުމުން ނޫނީ އިންޑިއާއާ އެކު އެއްވެސް ވަރަކަށް ވާހަކަތައްް ނުބާއްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މައްސަލަ އިތުރަށް ހޫނުވަމުން އަންނަ އިރު ޗައިނާގެ މަޝްހޫރު ނޫސް ގްލޯބަލް ޓައިމްސް އިން ވެސް ވަނީ އިންޑިއާއަށް ވަރަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ. ގްލޯބަލް ޓައިމްސް އަކީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓްޕާޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ނޫހެކެވެ.

ގްލޯބަލް ޓައިމްސް އިން ދާދިފަހުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާ އިން ޗައިނާއާ ދިމާކޮށްލައިފި ނަމަ އިންޑިއާގެ އުތުރުގެ ބޯޑަރުގެ ހުރިހާ ސަރަހައްދަކުން ކުރިމަތިލުމުގެ ކުޅަދާނަކަން ޗައިނާގައި އެބަހުރިކަމަށް ބުނެފަ އެވެ.

އިންޑިއާގެ އުތުރުގެ ބޯޑަރު ސަރަހައްދުތަކަަކީ މިހާރު ވެސް ވަކިވެގަންނަން މަސައްކަތްކުރާ ގްރޫޕްތަކުން ދޭތެރެދޭތެރެއިން އިންޑިއާ ސިފައިންނާ ދެކޮޅަށް ވަރަށް ވަރުގަދަ ހަމަލާތަކެއްދޭ ހިސާބުތަކެކެވެ. އޭގެ ތަރޭގައި ކަޝްމީރުގެ ހަތިޔާރު އެޅި ގްރޫޕްތަކާއި އަދި އިރުމަތީގައި ހަރަކާތްތެރިވާ މާއޮއިސްޓުން ހިމެނެ އެވެ.

ކަޝްމީރު އަދި އިންޑިއާގެ އެންމެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ މީހުންނަކީ ވެސް އިންޑިއާގެ ކިބައިން މިނިވަންވުމަށް ފެންބޮވައިގެންފައި ތިބިބައެކެވެ. ޖައްމޫ އެންޑް ކަޝްމީރުގެ ގިނަމީހުން މިހާރު ވެސް ބޭނުން ވަނީ ޕާކިސްތާނާ ގުޅޭށެވެ. ހަމައެފަދައިން އިންޑިއާގެ ސިކިމް ސަރަހައްދުގެ މީހުން ވެސް ބޭނުން ވަނީ އިންޑިއާ އިން ވަކިވެ ޗާއިނާއާ ގުޅޭށެވެ. އެހެންކަމުން އިންޑިއާ އާއި ޗައިނާއާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ އިންޑިއާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އަދި މިސަރަހައްދުގައި ދިރިއުޅޭ މީހުން އިންޑިއާއާ ދެކޮޅަށް ޗައިނާއަށް އެއްބާރުލުން ދޭނެކަމީ ކަށަވަރު ކަމެކެވެ.

ގްލޯބަލް ޓައިމްސްގައި ޝާއިއުކޮށްފައިވާ އާޓިކަލްގައި ވަނީ އިންޑިއާއިން ބޫޓާނުގެ ދާހިލީ މައްސަލައިގެ ތެރެޔަށް ވަދެފައިވާތީ ޗައިނާއިން ވެސް އިންޑިއާ-ޕާކިސްތާނުގެ މައްސަލައަށް ވަދެވިދާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. އެހެންކަމުން މިމޭރުމުން އިންޑިއާގެ ކަޝްމީރުގެ ސަރަހައްދުގެ ތެރެޔަށް ޗައިނާ ސިފައިން ފޮނުވުމަކީ ވެސް އެކަށީގަންވާ ކަމެކެވެ.

ގާޑިއަން އިން ދާދިފަހުން ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޗައިނާ އިން ދަނީ ޕާކިސްތާނުގައި އަސްކަރީ މަރުކަޒެއް އެޅުމަށް ތައްޔާރުވަމުންނެވެ.

ދެގައުމުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވަމުންދާ އިރު، ބައެއް މާހިރުން ބުނާ ގޮތުގައި ބޮޑު ހަނގުރާމައެއް ފެށުމަކީ ވުމަށް ވުރެ ނުވުން ކައިރި ކަމެެކެވެ. ނަމަވެސް ތަޖްރިބާކާރުންގެ ވާހަކަތަކަށް ބަލާފައި ފާހަގަކުރެވޭ ކަމަކީ ހަނގުރާމައެއް ފެށިއްޖެ ނަމަ އިންޑިއާ އަށް ވުރެ ހަނގުރާމާގައި ކާމިޔާބުވުމުގެ ފުރުސަތު ޗައިނާ އާށް ބޮޑުކަމެވެ.

comment ކޮމެންޓް