ހުރިހާ މެމްބަރުން ބުރާސްފަތި ދުވަހު މާލެ ވަޑައިގަތުމަށް ނިހާން އެދިވަޑައިގެންފި

ބައެއް މަޖިލިސް މެންބަރުން މަޖިލިސް ގޯތިތެރޭ---ސަން ފޮޓޯ/ ފަޔާޒު މޫސަ

މިހަފްތާގެ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުން ވެސް މާލޭގައި ވަޑައިގެން ތިއްބެވުމަށް އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އެދިވަޑައިގެންފިއެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާތާ 14 ވަނައަށް ވާ ދުވަހު އެ މައްސަލަ ތާވަލް ކުރަން ގަވާއިދުގައި ވާތީ އަންނަ ހޯމަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ދީފައިވާ ނޯޓިސް ހަމަވާ ތާރީޚު ކަމަށާއި އެހެން ކަމުން އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމުގެ ގޮތުން ހުރިހާ މެމްބަރުންވެސް ބުރާސްފަތި ދުވަހު މާލެ ވަޑައިގެން ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 45 މެމްބަރުންގެ ސޮޔާއެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 175 ވަނަ މާއްދާގެ (ހ)ގައި ބުނަނީ މަޖިލީހަށް އެފަދަ މައްސަލައެއް ވެއްދޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ނ)ގައި ބުނެފައިވަނީ އެ މައްސަލައިގެ ލިއުން މަޖިލީހަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި އެމައްސަލައިގެ ނޯޓިސް އަމީން އާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު އެ ނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެ މާއްދާގައި ބުނާ 10 ދުވަހުގެ މުއްދަތަށްފަހު އެ ޖަލްސާ ބާއްވަން ޖެހޭ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ. އެއީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ.

ސާޅީސް ފަސް މެމްބަރުންގެ ސޮޔާ އެކު އެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު މަޖިލީހުގެ ޖަލްސާތައް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ. އަދި 45 މެމްބަރުންގެ ސޮއި އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެ މައްސަލައަށް ލިބިފައިވާއިރު މިހާރު މަޖިލީހުގެ މެޖޯރިޓީ ވަނީ ޕީޕީއެމަށް ގެއްލިފައެވެ.

ޕީޕީއެމް ކޯލިޝަނުގެ މެމްބަރުންގެ ގޮތުގައި މިވަގުތު މަޖިލީހުގައި ތިއްބެވީ 40 މެމްބަރުންނެވެ. އެއީ އެމްޑީއޭގެ ފަސް މެމްބަރުން ލައިގެންނެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގައި 21 މެމްބަރުން ތިއްބެވި އިރު ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ ހަތެކެވެ. އަދި އަދާލަތު ޕާޓީގެ އެއް މެމްބަރަކާ އެކު އިދިކޮޅު އިއްތިހާދުގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ރަސްމީ އަދަދަކީ 29 އެވެ. އެހެން ނަމަވެސް ވަކި ޕާޓީއަކާ ނުގުޅި ތިއްބެވި 16 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިހާރު ތިއްބެވީ ސަރުކާރާ އިދިކޮޅަށެވެ.

comment ކޮމެންޓް