ލަންކާގެ އިންވެސްޓްމެންޓްސް ބޯޑަށް އާ ޗެއާމަނެއް

ސްރީލަންކާގެ ބޯޑު އޮފް އިންވެސްޓްމެންޓްސްގެ އާ ޗެއާމަން ދުމިންދްރަ ރަތުނަޔަކަ --

ސްރީލަންކާގެ އިންވެސްޓްމެންޓްތަކާ ބެހޭ ގައުމީ އިދާރާ، ބޯޑު އޮފް އިންވެސްޓްމެންޓްސް (ބީއޯއައި)ގެ ޗެއާމަންކަމަށް އެގައުމުގެ ނެޓްވޯކް އޮޕަރޭޓަރ އެތިސަލާތު ސްރީލަންކާގެ ކުރީގެ ސީއީއޯ ދުމިންދްރަ ރަތުނަޔަކަ އައްޔަނުކޮށްފިއެވެ.

ސްރީލަންކާގެ ނޫސްތައް ބުނާ ގޮތުން، ބޯޑު އޮފް އިންވެސްޓްމެންޓްސްގެ ޗެއާމަންކަމަށް އައްޔަނުކުރިި ރަތުނަޔަކައަކީ މީގެ ކުރިން އެ ބޯޑުގެ ޑިރެކްޓަރުކަން އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ބޯޑުގެ ޗެއާމަންކަމަށް އައްޔަނުވެގެން ދިޔައީ މިއަދުއެވެ.

އިންވެސްޓްމެންޓްސް ބޯޑަށް އިތުރު ދެ ޑިރެކްޓަރުންވެސް މިއަދު ވަނީ އައްޔަނުކޮށްފައެވެ. އެއީ ލަންކާގެ މަޝްހޫރު ވިޔަފާރި ކުންފުނި، ޖޯން ކީލް ގްރޫޕުގެ ޑެޕިއުޓީ ޗެއާމަން އަޖިތު ގުނަވަރުދަނައާއި، ސްރީލަންކާގެ ވިޔަފާރިވެިރންގެ ޖަމިއްޔާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަންގަލަ ޔަޕައެވެ.

ސްރީލަންކާގެ ބޯޑް އޮފް އިންވެސްޓްމެންޓްސްގެ ޗެއާމަނަކަށް މީގެ ކުރިން ހުންނެވީ ގާނޫނީ ވަކީލެއް ކަމުގައިވާ އުޕުލް ޖަޔަސޫރިޔާއެވެ. ސްރީލަންކާ ސްޓޭޓް ޓްރޭޑިންގް ޓްރެކްޓަރ ކޯޕަރޭޝަނާއި ސިލޯން އޮއިލްސް އެންޑް ފެޓްސް ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރެއްވި ޖަޔަސޫރިޔާ، ބޯޑު އޮފް އިންވެސްޓްމެންޓްސްގެ ޗެއާމަންކަމުން ވަކިވީ ޖުލައި 13 ވަނަ ދުވަހުއެވެ. އޭނާ ވިދާޅުވީ ބޯޑުގެ މަސައްކަތް ވަކިގޮތަކަށް ކުރުމަށް އޭނާއަށް ބަޔަކު ޕްރެޝަރުކުރަމުން ދިޔަކަމަށާއި، އެކަމުގެ ސަބަބުން ރަނގަޅަށް މަސައްކަތްކުރުމަށް ދަތިވަމުން ދިޔަ ކަމަށެވެ.

comment ކޮމެންޓް