ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ހައްޔަރުކޮށްފި

ސްޕެއިން ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް އެންހެލް މަރިއާ ވިއާ ލިއޯނާ-ފޮޓޯ/ ބީބީސީ

ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ސްޕެއިން ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް އެންހެލް މަރިއާ ވިއާ އޯނާ ހައްޔަރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ސްޕެއިންގެ ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވާއިރު ފުލުހުންވަނީ އޭނާގެ ދަރިފުޅުވެސް ހަމަ އެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

ބައިނަލްއަގުވާމީ މީޑީޔާ ރިޕޯޓްތައް ބުނާގޮތުން ވިއާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ގައުމުގައި ކުޅުނު ބައެއް ބައިނަލްއަގުވާމީ މެޗުތަކުން ލިބުނު ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތެވެ. އަދި އެ ތުހުމަތާ ގުޅޭ ބައެއް ލިޔެކިޔުންތައްވެސް ފުލުހުން ހޯދާފައިވާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ސްޕއިންގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ވިއާ މިއަދު ހައްޔަރުކޮށްފައިވާއިރު އޭނާ އަކީ 1988 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސްކަން ކުރައްވަމުން އަންނަ ބޭފުޅާއެވެ.

ސްޕެއިން ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް އަދި އޭނާގެ ދަރިފުޅު މިއަދު ހައްޔަރުކޮށްފައިވާއިރު ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ވަނީ އިތުރު ބައެއް މީހުންވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކޮށްފައި ވަނީ ކޮން ބައެއްކަން އަދި އެއްވެސް މީޑީޔާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ފަހަކަށް އައިސް ސްޕެއިންގައި ކުޅެމުން އަންނަ ބައެއް ކުޅުންތެރިންނަށް ގާނޫނީ ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވެ ބައެއް ކުޅުންތެރިންގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ބައެއް މީޑީޔާ ތަކުން ރިޕޯޓްކޮށްފައިވަނީ އެފަދަ ތުހުމަތު ތަކެއް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ބައެއް ކުޅުންތެރިންގެ މައްޗަށް ކޮށްފައިވާއިރު އެ ފެޑަރޭޝަންގެ ރައީސާ ގުޅޭގޮތުން މިއަދު އާންމުވި ކަންތައްތަކާ ގުޅިގެން އެ މައްސަލަ ތަކުގައި ހުރީ ކިހާ ބުރަދަނެއްތޯ ބަލަންޖެހޭ ކަމަށެވެ.

ވިއާ އާ ގުޅޭ ގޮތުން ފެންމަތިވި މައްސަލަތަކާ ގުޅޭގޮތުން ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއާއި ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އަދި އެއްޗެއްބުނެފައެއް ނުވެއެވެ. އޭނާ ވަނީ މީގެ ކުރިން ޔޫއެފާގެ ވަގުތީ ރައީސެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައެވެ. އޭނާ އޭރު އެ މަގާމާ ހަވާލުވީ ޔޫއެފާގެ އޭރުގެ ރައީސް މިޝޭލް ޕްލެޓްނީ ކޮރަޕްޝަންގެ ތުހުމަތު ތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމުންނެވެ.

comment ކޮމެންޓް