ނުޒޫއަށް "ނޯޓީ 40"އިން ކުރެވުނީ މުޅިން އާ ތަޖްރިބާތަކެއް!

ނޯޓީ40ގެ ތަރި ނުޒުހަތް ޝުއައިބް (ނުޒޫ) -- ފޮޓޯ: ފޭސްބުކް

މިއަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ވާހަކަދެކެވޭ "ނޯޓީ 40" އަކީ މިހާތަނަށް ދިވެހި ފިލްމަކުން ފެންނާނެ އެންމެ ބޮޑު ކާސްޓެއް އެކުލެވޭ ފިލްމެވެ.

ފިލްމުގައި އިސްރޯލުތަކުން ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަހުމަދު ސައީދު އަދި މުހައްމަދު މަނިކު، އަލީ ސީޒަން އަދި ނިއުމާ މުހައްމަދު ފެނިގެންދާއިރު، މިއީ އަދި މިފިލްމުގެ ކާސްޓުންގެ ލިސްޓުގެ އެއްބައެވެ.

ފިލްމު ނޯޓީ 40 އިން ދެން ފެނިގެންދާ އިތުރު ތަރީންގެ ތެރޭގައި، ދިވެހި ފިލްމު "މަލިކާ" އިން ފިލްމީ އިންޑަސްޓްރީއަށް ތައާރަފްވެގެން ދިޔަ ނުޒުހަތް ޝުއައިބް ނުވަތަ އާންމު ނަމުންނަމަ ނުޒޫ ހިމެނެއެވެ.

ނޯޓީ40ގެ ބައެއް ތަރީން-- ފޮޓޯ: ފޭސްބުކް

މި ފިލްމުގައި ނުޒޫ އަދާކޮށްފައިވާ ރޯލާއި އަދި ދަސްވި ކަންތައް ނުޒޫ ވަނީ "ސަން އޮންލައިން"އާ ހިއްސާކޮށްފައެވެ.

ނޯޓީ40ގައި އަދާކުރާ ރޯލާ ބެހޭގޮތުން ނުޒޫ ބުނީ، މިފިލްމުގައި އޭނާއަށް ކުޅެން ލިބުނީ 'މަލިކާ' ފިލްމުގައި ކުޅުނު ރޯލާ މުޅިން ތަފާތު ރޯލެއް ކަމަށާއި މި ފިލްމުގައި ނުޒޫގެ ކެރެކްޓާއަކީ ވަރަށް ނުލަފާ ބޭބެއަކަށް ލިބިފައިހުރި ހެޔޮލަފާ ކޮއްކޮއެއްގެ ރޯލުކަމަށެވެ.

ފުރަތަމަ ފިލްމާ އަޅާބަލާއިރު ދަސްވި ކަންތައްތަކާ ކުރެވުނު ތަޖުރިބާއާ ބެހޭގޮތުން ވާހަކަދައްކަމުން ނުޒޫ ބުނީ، ޔޫއްޕެ ޑައިރެކްޓުކުރާ ފިލްމަކުން ފުރުޞަތު ލިބުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށާއި އަދި ޔޫއްޕެއަކީ ކޯ-ސްޓާރުންނަށް ވަރަށް ރަނގަޅު އަދި ޓެލެންޓެޑް ފަންނާނެއް ކަމަށެވެ.

ނުޒޫ ފާހަގަކުރި ގޮތުގައި ފިލްމުގައި މުހިންމު ރޯލެއް އަދާކުރާ ނިއުމާ މުހައްމަދުގެ ފަރާތުންވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނެވެ. އަދި މި އިންޑަސްޓްރީގައި ކިތަންމެ ގިނަދުވަހު މަސައްކަތްކޮށްފައިހުރި ފަރާތެއް ކަމުގައިވިޔަސް ނިއުމާއަކީ ވަރަށް ހިތްހެޔޮ މީހެއްކަމަށް ނުޒޫ ބުންޏެވެ.

ނޯޓީ40ގެ ބައެއް ތަރީން --ފޮޓޯ: ފޭސްބުކް

ނުޒޫ ބުނީ، މި ފިލްމަކީ ދިވެހި އެހެން ފިލްމުތަކާ އަޅާބަލާއިރު ހުރިހާ ރަހަތަކެއްވެސް އެއް ފިލްމަކުން ފެނިގެންދާނެ ފިލްމެއް ކަމަށާއި އަދި މީގައި ވަކި ސީދާ އެއް އިމޯޝަން ނުވަތަ ރަހައެއް ހިމެނިފައިނުވާނެ ކަމަށެވެ. އަދި މިއީ ބެލުންތެރިން ބަލާލުން ހަމަ ވަރަށް ރަނގަޅު ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

އޯގަސްޓް 2 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ދިވެހިފިލްމު ނޯޓީ 40ގެ ޝޫޓިންގެ ހުރިހާ މަސައްކަތްތަކެއް ނިމި ޑަބިންގް އަދި ޕޯސްޓް ޕްރޮޑަކްޝަންގެ ވެސް ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފައެވެ. ނުޒޫ ފާހަގަކުރި ގޮތުގައި ބާކީ އޮތީ މިފިލްމު ރިލީޒް ކުރުމެވެ.

ދިވެހި ގިނަ ފިލްމީ ތަރީންތަކެއް ފެނިގެންދާ މިފިލްމުގައި ބައެއް ތަރިންގެ ދެ އުމުރެއް ދައްކުވައިދޭނެ އެވެ. މިފިލްމުގެ ޕޯސްޓަރުތަކާއި އަދި ޓީޒާތަށްވެސް ވަނީ މިހާރު ރިލީޒް ކުރެވިފައެވެ.

މުޅި ޖުމްލަ ފަސް ލަވަ ހިމެނޭ، ކޮމެޑީގެ އިތުރުން ލޯތްބާއި، އުފަލާއި ހިތާމައާއި އަދި އެހެނިހެން ރަހަތައްވެސް ފެނިގެންދާ މި ފިލްމުގައި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިން ހިމެނެއެވެ.

ނުޒޫގެ އިތުރުން މި ފިލްމުން ފެނިގެންދާ ބައެއް ތަރީންގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ) އާއި އިބްރާހިމް ޖިހާދް (ޖިމީ) އަދި މުހައްމަދު ރިފްޝާން (ރިއްޕެ) އަދި "ވާށޭ މަށާ އެކީ" އިން ފެނިގެންދިޔަ ބިދޭސީ ތަރި މާރިއާ ތެރީސާވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ނޯޓީ ފޯޓީ ގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީސްކުރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވެގެންދާ ބައެއް ތަރިންގެ ތެރޭގައި ލިއާމް އާދަމް (އެލްޖޭ)، އަހްމަދު ޝަރީފް، ގުލިސްތާން (ގުލީ) ހިމެނެއެވެ. ހަމައެހެންމެ ގިނަ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަލީ ޝާހިދު (ސްޓެޕިން އައްޔަ) ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ޖުމުލަ 15 ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ނޯޓީ 40ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް ވިއްކާފައިވާއިރު އެ ޝޯގެ ޓިކެޓް މިހާރު ވަނީ ގާތްގަނޑަކަށް ވިކި ހުސްވެފައެވެ. ބާކީ ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުންދާއިރު، ބުކިން ހަދަން ބޭނުންވާ ފަރާތްތަކަށް 7530055 ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް