ފޮރިން ސެކްރެޓަރީގެ މަގާމަށް ސަރީރު

ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރެއްވި އަހްމަދު ސަރީރު (ވ)، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ އެކު ---

ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީގެ މަގާމަށް، ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުން ދާދިފަހުން ވަކިވެވަޑައިގެންނެވި އަހްމަދު ސަރީރު އައްޔަނުކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފޮރިން ސެކްރެޓަރީގެ މަގާމަށް އަހްމަދު ސަރީރު އައްޔަނުކުރެއްވީ ސްޓޭޓު މިނިސްޓަރު ފެންވަރުގަ އެވެ.

އދ. އާއި އެމެރިކާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނެވި ސަފީރުކަން ކުރެއްވުމަށް ފަހު، އެމަގާމުން ސަރީރު ވަކިވެވަޑައިގެންނެވީ މި މަހުގެ ތެރޭގަ އެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް ސަރީރު މިއަދު އައްޔަން ކުރެއްވި އިރު، އދ.އާއި އެމެރިކާ އަދި ކެނެޑާއަށް ސަރުކާރުން ކަނޑައެޅި އާ ސަފީރުގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ކުރީގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދެވެ.

ޑރ. އަލީ ނަސީރު އިއްޔެ ވަނީ ނިއުޔޯކްގައި ހުންނަ ދިވެހި މިޝަންގައި ވަޒީފާ އަދާކުރައްވަން ފައްޓަވައިފަ އެވެ.

ނިއުޔޯކްގައި ހުންނަވާ ރާއްޖޭގެ ދާއިމީ ސަފީރުގެ މަގާމު ސަރީރު އަދާކުރެއްވީ 10 ޑިސެމްބަރު 2012އިން ފެށިގެން، މި މަހުގެ ނިޔަލަށެވެ.

އެމެރިކާގައި ހުންނަ ރާއްޖޭގެ މިޝަންގައި މަސައްކަތް ކުރެއްވުމުގެ ކުރިން ސަރީރު ވަނީ ބަންގާޅުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމާއި ލަންޑަނުގައި ހުންނަވާ ސަފީރުގެ ނައިބުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން ވިލާތުގެ އިއްތިހާދަށް ރާއްޖެ އިން ކަނޑައަޅާފައިވާ މިޝަނާއި، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ޚާރިޖީ ގުޅުމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފައިވާ ސަރީރު، ދިވެހި ޚާރިޖިއްޔާގައި ޚިދުމަތް ކުރައްވަން ފެއްޓެވީ 1986 ވަނަ އަހަރު އެވެ.

comment ކޮމެންޓް