އައިފޯނު 8ގެ ޑިޒައިން ޔަގީންވެއްޖެ!

އައިފޯނު 8 އިންނާނެ ގޮތުގެ ކޮންސެޕްޓް ޑިޒައިނެއް - ފޮޓޯ: ނޯޑަސް އެންޑް ގޯޑަން ކެލީ

މިއަހަރަކީ އެޕަލް އައިފޯނަށް ވަރަށް ހާއްސަަ އަހަރެކެވެ. ސަބަބަކީ މި އަހަރު އައިފޯނު ވުޖޫދަށް ނިކުތްތާ 10 އަހަރު ފުރޭތީ އެވެ.

މިދިޔަ އަހަރު އެޕަލް ކުންފުނިން ނެރުނު އައިފޯން 7 އަދި އައިފޯނު 7 ޕްލަސްގެ ފޯނުތަކަށް ފަހު މިއަހަރު ނިކުންނަން ފުރަތަމަ ހަމަޖެހިފައި އޮތީ 7އެސް އަދި 7އެސް ޕްލަސް ކަމުގައި ވިޔަސް، މިއަހަރު އެކުންފުނިން އައިފޯނު 8 ނެރޭ ކަމުގެ ވާހަކަ އެއީ މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާހަކަ އެވެ.

ފޯނުގެ ފުރިހަމަ ތަފްސީލެއް އެއްވެސް ބަޔަކަށް ލިބިފައިނުވާ އިރު މިދާއިރާގެ އެކިއެކި އެނެލިސްޓުންނާއި، ރިސާޗަރުން އަދި ރިޕޯޓަރުންދަނީ އެމީހުންނަށް އައިފޯނު 8 އާ ބެހޭ ގޮތުން ލިބޭ މައުލޫމާތެއްގެ ކުޑަވެސް ސައްހަ ކަމެއް އެކުލެވޭ ނަމަ އެވާހަކަ އާންމުންނަށް ހިއްސާކުރަމުންނެވެ.

އެގޮތުން މިފަހަރު މިއޮތީ ފޯބްސް ނޫހަށް ލިޔާ ލިޔުންތެރިޔެއްކަމަށްވާ ގޯޑަން ކެލީ އޭނާގެ 'އިންސައިޑް ސޯސް' ކަމުގައިވާ 'ނޯޑަސް' އާ ހަވާލާދީ ތަފްސީލުކޮށްދީފައިވާ ބައެއް މައުލޫމާތު ކޮޅެކެވެ.

އެގޮތުން ބަލާ އިރު އައިފޯނު 8 އެއްގައި ވޮލިއުމް ބަޓަންތަކާއި، އަދި ވެސް އިތުރު ފަންކްޝަން ބަޓަންސްތައް ނުހުންނާނެ އެވެ. އެގޮތަށް ފިތާލެވޭ އިންނާނީ ހަމައެކަނި ޕަވާ ބަޓަން އެވެ. މީގެ އިތުރުން، މިފަހަރުގެ ފޯނުގެ ހޯމް ބަޓަން، ޓަޗް އައިޑީ ނުވަތަ ފިންގާޕްރިންޓް ސްކޭނާ އިންނާނީ ފޯނުގެ ފަހަތުގަ އެވެ. އެގޮތަށް ހޯމް ބަޓަން ފަހަތަށްލީ ސަބަބަކީ ފޯނުގެ ސްކްރީނުގެ ބޭނުންކުރެވޭ ޖާގަ ބޮޑުކުރުމެވެ. ފޯނުގެ ސްކްރީނުގައި 5.8 އިންޗީގެ ޖާގައެއް ހިމެނޭނެ އެވެ.

މިފަހަރު ރިލީޒް ކުރާ އައިފޯނު ގެ ފަހަތު ކެމެރާ އިންނާނީ ހޮރިޒޯންޓަލް އެލައިންމަންޓަށެވެ. މިގޮތަށް މިގެނެވުނު ބަދަލަކީ އައިފޯނުން އެމީހުންގެ 'އޮގްމެންޓެޑް ރިއަލިޓީ' ފީޗާ ތައާރަފުކުރުމަށް ޓަކައި ގެނައި ބަދަލެއްކަމުގައި ގޯޑަން ބުނެ އެވެ.

އަދި މީގެ އިތުރުން ފޯނުގެ ފަހަތުގައި ޑުއަލް ކެމެރާ ހުންނާނީ ފޯނުގެ 'ހަށިގަނޑުން' ބޭރަށްވާ ގޮތަށް ނިކުމެފަ އެވެ.

އައިފޯނު 8 އިންނާނެ ގޮތުގެ ކޮންސެޕްޓްް ޑިޒައިން --- ފޮޓޯ: ނޯޑަސް

comment ކޮމެންޓް