40 މިނެޓް ވަންދެން ވިންދު ހުއްޓި އޮވެފައި އަލުން 'ދިރުނު' މީހާ

ޖޯން އޮގްބާން އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ދެއޮފިސަރުންނާ އެކު --- ފޮޓޯ: އޮގްބާން ފެމިލީ

ނޯތް ކެރޮލީނާއަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖޯން އޮގްބާން 40 މިނެޓް ވަންދެން ވިންދު ނުހިނގާ އޮވެފައި އަލުން އަނބުރާ 'ދިރިއްޖެ' އެވެ.

ހިތް ހުއްޓުމުގެ ސަބަބުން ވިންދު ހުއްޓުނު 36 އަހަރުގެ ޖޯން ވަނީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިން އިމަޖެންސީ ވޯކަރުންނަށް އެކަމުގެ ޝުކުރު އަދާކޮށްފަ އެވެ.

މިދިޔަ މަހު 26 ގައި ހިނގި އެ ހާދިސާގައި ޖޯން އަށް ސީޕީއާރު އޭރު ޖޯންގެ ގޭގެ ސަރަހައްދުގައި ޕެޓްރޯލު ކުރަމުން ދިޔަ ދެ ފުލުސް އޮފިސަރުން ވަނީ ދީފަ އެވެ.

ހިތް ހުއްޓުމުގެ ސަބަބުން 40 މިނެޓުވަންދެން ހަށިގަނޑުގައި އެއްވެސް ވަރަކަށް ވިންދެއް ނެތި އޮވެފައި ޖޯން ވިންދުޖަހަން ފެށީ އޮފިސަރުން ސީޕީއާރު ދެމުން ގެންދަނިކޮށް ކަމަށް ވެސް އެދެ އޮފިސަރުން ބުނެ އެވެ.

އެއަށް ފަހު ޖޯން ވަނީ ކައިރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ.

މިހާރު ޖޯންގެ ހާލު އެއްކޮށް ރަނގަޅުވެފައިވާ ކަމަށާއި އަދި އޭނާ އަށް އޭގެ ފަހުން އިތުރު މައްސަލައަކާ ދިމާ ނުވާކަމަށް ޖޯން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް