ސަންޖޭ ދަތު ޖަލުން މިނިވަން ކުރީ ރަނގަޅަށް: މަހާރާޝްތުރަ ސަރުކާރު

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ފުރިހަމަ ނުވަނީސް އޭނާ ޖަލުން މިނިވަން ކުރީ ގަވާއިދުތަކާ އެއްގޮތަށް ކަމަށް މަހާރާޝްތުރަ ސަރުކާރުން ބުނެފި އެވެ.

މަހާރާޝްތުރަ ސަރުކާރުން އެހެން ބުނެފައި ވަނީ، ހުކުމް ފުރިހަމަ ނުވަނީސް ސަންޖޭ ޖަލުން މިނިވަން ކުރި ގޮތް އޮޅުންފިލުވުމަށް ހައި ކޯޓުން އެދުމުން، ފޮނުވި ޖަވާބު ސިޓީގަ އެވެ.

މަހާރާޝްތުރަ ސަރުކާރުން ސަންޖޭ ދަތު ޖަލުން ދޫކޮށްލީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ. އެއީ އޭނާ އަށް ކުރި ފަސް އަހަރުގެ ހުކުމުގެ އަށް މަސް ދުވަސް ފުރިހަމަ ނުކޮށެވެ. އޭގެ އިތުރުން ޖަލުގައި ވެސް ސަންޖޭ އަށް ބޮޑެތި ލުއި ތަކެއް ދީފައި ވާކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

މައްސަލައިގައި ޖަވާބުދާރީ ވަމުން މަހާރާޝްތުރަ ސަރުކާރުން ބުނެފައި ވަނީ ސަންޖޭ ދަތު މިނިވަން ކުރީ އޭނާގެ އުޅުމާއި އަޚްލާގަށް ބެލުމަށް ފަހު އޭނާ ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީން ކަން ލިބުމުންނެވެ.

އަދި އެއީ ޖަލުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ސަންޖޭގެ ފުރިހަމަ ބައިވެރިވުން ފެނި ވަރަށް ރަނގަޅަށް މަސައްކަތްތަކުގައި އިސްނަގައިގެން އުޅެފައިވާތީ ކަމަށް މަހާރާޝްތުރަ ސަރުކާރުން ވަނީ ބުނެފަ އެވެ.

ޖަލުން މިނިވަން ވުމަށް ފަހު ސަންޖޭ މިހާރު އަންނަނީ ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ފިލްމު 'ބޫމީ'ގެ ޝޫޓިން ވަނީ ނިންމާލައިފަ އެވެ. އޭގެ އިތުރުން ސަންޖޭ މިހަރު ވަނީ އިތުރު ދެ ފިލްމަކަށް ވެސް ސޮއި ކޮށްފަ އެވެ. އެއީ 'ސާހެބް ބީވީ އޯރް ގޭންގްސްޓާ 3' އާއި 'މަލަންގް' އެވެ.

comment ކޮމެންޓް