މިސްކިތްމަގު، ފުލުހުން، ފުނާޑު އަދި ފޭދޫ ސްޕޯޓްސް ސެމީއަށް

ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ 26 ވަނަ އަންހެނުންގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތެރެއިން: ސެމީގެ ދެވަނަ މެޗާއި ތިންވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ --- ފޮޓޯ/ ވީއޭއެމް

ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ 26 ވަނަ އަންހެނުންގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކްލަބާއި ފްރެންޑްސް ކްލަބު ފުނާޑު އަދި ދަ ފޭދޫ ސްޕޯޓްސްއިން ހޯދައިފިއެވެ.

ލީގު ބުރުގެ ހުރިހާ މެޗެއް އިއްޔެ ނިމިގެންދިޔައިރު، އެ ބުރުގެ އެއްވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދީ މިސްކިތްމަގު ޓީމެވެ. ދެވަނައިގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބު ސެމީން ޖާގަ ހޯދިއިރު، ތިންވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދީ ފުނާޑު ޓީމެވެ. އަދި ހަތަރުވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދީ ފޭދޫ ސްޕޯޓްސްއެވެ.

އެ މުބާރާތުގެ ލީގު ބުރުގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދި މިސްކިތްމަގު ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައިވާއިރު، އެ ޓީމުން ވަނީ ޖުމްލަ 15 ޕޮއިންޓް ހޯދައިފައެވެ. ދެވަނަ ހޯދި ފުލުހުންނަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނަ ހޯދި ފުނާޑަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި ހަތަރުވަނަ ހޯދި ފޭދޫ ސްޕޯޓްސްއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ލީގު ބުރުގެ ފަސްވަނާގައި އޮތް ފޭދޫ ޔޫތު ކޮމިއުނިޓީ އަދި ފުލުގައި އޮތް ވިލިނގިލި ޒުވާނުންގެ ޖަމިއްޔާ ވަނީ މުބާރާތާ އަލްވަދާއު ކިޔައިފައެވެ. ފޭދޫ ޔޫތު ކޮމިއުނިޓީއަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު ހުރިހާ މެޗަކުން ބަލިވި ވިލިނގިލި ޒުވާނުންގެ ޖަމިއްޔާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެ މުބާރާތުގެ ސެމީގެ ފުރަތަމަ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ހަވީރު 4:15ގައި ކުޅޭ މެޗުގައި ފުނާޑާއި ފޭދޫ ސްޕޯޓްސް ބައްދަލުކުރާއިރު، މާދަމާ ރޭ 8:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގާއި ފުލުހުންނެވެ.

ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާއި ސެމީގެ ދެވަނަ މެޗުން ބަލިވާ ޓީމު ކުޅޭ ސެމީގެ ތިންވަނަ މެޗުން މޮޅުވާ ޓީމަކަށެވެ. ސެމީގެ ތިންވަނަ މެޗު އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް