އެމްޓީސީސީ ބަލިކޮށް، ދިރާގުން ސެމީގެ ވާދަވެރިކަން ބޮޑުކޮށްފި

ސުޒުކީ ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް އޭ'ގައި ފުލުހުންނާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފުލުހުން މޮޅުވީ 17-2 ލަނޑުގެ ބޮޑު ތަފާތަކުން --- ފޮޓޯ/ އެންޓޮމް

ކްލަބް އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕް 'ގްރޫޕް އޭ'ގައި ކްލަބު އެމްޓީސީސީ ބަލިކޮށް، ދިރާގުން ސެމީ ފައިނަލުގެ ވާދަވެރިކަން ބޮޑުކޮށްފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހޯމަދުވަހުގެ ރޭ އެމްޓީސީސީގެ މައްޗަށް ދިރާގުން ކުރި ހޯދިއިރު، ވިލިމާލެ ޕޮލިސް ވަނީ ޔޫތު މިނިސްޓްރީގެ ޓީމު ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފައެވެ.

މި މެޗުތަކުގެ ނަތީޖާތަކަށްފަހު ގްރޫޕްގެ އެންމެ ކުރީގައި އޮތް އެމްޓީސީސީއާއި، ދިވެހި ސިފައިންގެ ކްލަބު އަދި ދިރާގަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ތިން ޓީމުގެ ފަހަތުގައި އޮތް ޔޫތު މިނިސްޓްރީ އަދި ފުލުހުންނަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެ ޓީމުތަކުގެ ތެރެއިން ގްރޫޕް ސްޓޭޖުގައި އެމްޓީސީސީ ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމިފައިވާއިރު، ސިފައިންނާއި ދިރާގާއި ޔޫތު މިނިސްޓްރީ އަދި ފުލުހުންގެ ފަހު މެޗު މާދަމާ ކުޅޭނެއެވެ.

އެމްޓީސީސީގެ މައްޗަށް ދިރާގުން ކުރި ހޯދީ 7-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެމްޓީސީސީ ކޮޅަށް ދިރާގުން ޖެހި ހަތް ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މަބްރޫކް މުހައްމަދު ތިން ލަނޑު ކާމިޔާބުކޮށްދިންއިރު، ހުޒައިފަތުﷲ އިބްރާހިމް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިރުޝާދު އަދުނާން އަދި އިސްމާއިލް މުނާޒެވެ. އެމްޓީސީސީގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ނަޒީހެވެ.

އެ ގްރޫޕްގައި ހޯމަދުވަހުގެ ރޭ ކުޅުނު އަނެއް މެޗުގައި ޔޫތު މިނިސްޓްރީ އަތުން ފުލުހުން މޮޅުވީ ފަސޭހަކަމާއެކު 17-2 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފުލުހުން ކާމިޔާބުކުރި 17 ލަނޑުގެ ތެރެއިން ނުވަ ލަނޑު އަލީ މުނާޒް ކާމިޔާބުކޮށްދިންއިރު، ސިއުތު އިސްމާއިލް ހަތަރު ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މޫސާ ނަދީފާއި އަހްމަދު ޖުނާދާއި އަހްމަދު ސޮބާހް އަދި އަހްމަދު އިބްރާހީމެވެ.

އެ މެޗުގައި ޔޫތު މިނިސްޓްރީން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަދި ހަސަން ނިޝާއު އަލީއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފުލުހުންގެ ޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްދިން އަލީ މުނާޒެވެ.

އަންގާރަ ދުވަހު ކުރިއަށްދާނީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. ރޭގަނޑު 8:15ގައި ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ސްޓެލްކޯއާއި ޓީމް ހައުސިން ބައްދަލުކުރާއިރު، އަންގާރަ ދުވަހުގެ ރޭ 9:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ދިރާގާއި ޔޫތު މިނިސްޓްރީއެވެ. ރޭގަނޑު 10:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ފުލުހުންނާއި ސިފައިންނެވެ.

އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހްޔިއްދީން ސްކޫލެވެ.

އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.

comment ކޮމެންޓް