އާލިއާ އާއި ރަންބީރުގެ 'ޑްރެގަން'ގެ ނަން ބަދަލުކުރަނީ؟

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އަޔާން މުކަރްޖީގެ ކުރިއަށް އޮތް ފިލްމު 'ޑްރެގަން'ގެ ނަން ބަދަލު ކުރަން އުޅޭކަމަށް ޚަބަރުތައް ބުނެފި އެވެ.

ފިލްމުގެ ނަން ބަދަލު ކުރަން އުޅޭ ކަމަށް ޚަބަރުތައް ބުނި ނަމަވެސް، ކުރިން ހަމަޖެއްސި ނަން ބަދަލު ކުރަނީ ކީއްވެކަމެއް ނޭނގެ އެވެ. ޚަބަރުތައް ބުނާ ގޮތުން ފިލްމު އުފައްދާ ފަރާތުން މިހާރު އަންނަނީ ފިލްމަށް ކިޔާނެ ނަމެއް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފިލްމުގައި ރަންބީރު އަދާކުރާނީ ސުޕަހީރޯއެއްގެ ރޯލު ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ފުރަތަމަ ފިލްމު ކާމިޔާބު ވެއްޖެ ނަމަ، އެ ސީރީޒްގެ ތިން ފިލްމު އުފައްދަން ވިސްނާފައިވާ ކަމަށް އަޔާން ވަނީ ބުނެފަ އެވެ.

އެ ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރުން މުހިންމު ރޯލަކުން އަމީތާބް ބައްޗަން ވެސް ފެނިގެން ދާނެ އެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު އެވެ.

ރަންބީރު މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަންޖޭ ދަތުގެ ބަޔޮޕިކްގަ އެވެ. އެ ފިލްމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަޔާންގެ ފިލްމުގެ މަސައްކަތް އޭނާ ފަށާނެ އެވެ.

comment ކޮމެންޓް