އަދީބަށް ގެއްލުމެއް ދޭން އުޅޭކަމުގެ މައުލޫމާތު ހިއްސާކުރަން ނަޝީދަށް ގޮވާލައިފި

ހޯމް މިނިސްޓަރު އަޒްލީން، ސަންޓީވީގެ 50 މިނިޓުގައި މީގެ ކުރިން ވާހަކަދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ޖަލުގައި ޖިސްމާނީ އަނިޔާއެއް ދީފާނެ ކަމުގެ މައުލޫމާތު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާ ނަމަ އެކަން ދިވެހި ސަރުކާރާ ހިއްސާކުރެއްވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ލިޔުނީ ފަނޑިޔާރެއް ނޫން ކަމަށާއި، އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ދެއްވާނެކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފައެވެ.

އެ ސިޓީ ފޮނުވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޖަލުގައި އޮންނެވި އަދީބަށް އަނިޔާކޮށްފާނެކަމަށާއި، އޭނާގެ ސަލާމަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މިރޭ ސަންޓީވީގެ 50މިނިޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވީ، ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި "އެވިދާޅުވާ ކަހަލަ ދޯދިޔާކަމެއް ނުހުންނާނެ" ކަމަށެވެ.

"އަޅުގަނޑު ވަރަށް ގާތުން ބަލާނަން. އަޅުގަނޑުމެންގެ ހިޔާވަހިކަމުގެ ތެރޭގައި، ޖަލުތަކުގެ ތެރޭގައި ތިބި މީހުން އެއްބަޔަކު އަނެއް ބަޔަކަށް ގޯނާކުރުމުގެ ފުރުސަތެއް ނޯންނާނެ،" އަޒްލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، އަދީބަށް ބަޔަކު ގެއްލުމެއް ދޭން އުޅޭކަމުގެ މައުލޫމާތު ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާ ނަމަ އެކަން އެމަނިކުފާނު ހާމަކުރައްވަން ޖެހޭ ކަމަށެވެ.

"އެކަން ދިވެހި ރައްޔިތުންނަށް ހާމަކުރައްވަންވީ ނޫންތޯ. އެ މައުލޫމާތު ލިބުނީ ކިހިނެއްތޯ ހިއްސާ ކުރައްވަންވީ ނޫންތޯ. އަޅުގަނޑުމެންގެ ދުވާލުގެ 24 ގަޑިއިރު އަދީބުގެ ކަންކަން ބަލަމުން މި ދަނީ،"

ޖަލުގައި އަދީބުގެ ހުރިހާ ކަމެއް ރަނގަޅަށް ކުރިޔަށް ގެންދާކަމަށް ވިދާޅުވަމުން، ހޯމް މިނިސްޓަރު ވަނީ ނަޝީދު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، އަދީބުގެ އާއިލާއަށް ހިތްދަތިކަން ފޯރުކުރަންކަމަށް ތުހުމަތު ކުރައްވާފައެވެ.

"އަޅުގަނޑު ގޮވާލަން ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް ނަޝީދަށް، އެމަނިކުފާނަށް ލިބިފައިވާ މައުލޫމާތު ސަރުކާރަށް ހިއްސާ ކުރުމަށް،" އަޒްލީން ރައީސް ނަޝީދަށް އަމާޒުކުރައްވައި ވިދާޅުވިއެވެ.

comment ކޮމެންޓް