ރަސްފަންނު ސަރަހައްދުގައި ފްލެޓު އެޅުމަށް ޒުވާނުންގެ މަރުކަޒުގެ ބައެއް ތަންތަން ހުސްކުރަނީ

ރަސްފަންނު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާފަންނުގައި ހުންނަ މޯލްޑިވްސް ސެންޓަރ ފޯރ ސޯޝަލް އެޑިއުކޭޝަން (އެމްސީއެސްއީ) ނުވަތަ ޒުވާނުންގެ މަރުކަޒާ އިންވެގެން އޮންނަ ބިމުގައި ހައި އެންޑް ފްލެޓު ހިމެނޭ ގޮތަށް ޕްރޮޕަޓީއެއް ތަރައްގީކުރުމަށްޓަކައި، އެ ބިމުގައި ހުރި ބައެއް ތަންތަން ހުސްކުރަން ފަށައިފިއެވެ.

މާލޭގެ ހުޅަނގު ފަރާތް ތަރައްގީކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ޕްރޮޕޯޒަލް ހުށަހަޅަންވެސް ހުޅުވާލައިފައެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ކުރި އިއުލާނުގައި ބުނެފައިވަނީ، ހުޅަނގު ފަރާތުގައި ތަރައްގީކުރާ މިކްސްޑް ޔޫޒް ފެސިލިޓީ ހުންނާނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ބިއްދޮށުން ފަށައިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮންނަ ބިމެއްގައި ކަމަށެވެ. އެ ބިމުގެ ސަރަހައްދުގެ ތެރޭގައި ސޯޝަލް ސެންޓަރުގެ ދެކުނުން އޮންނަ ނެޓްބޯލް ކޯޓުވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރަސްފަންނު ކުރިމަތީގައި "ހައި އެންޑް ވޯޓާފްރަންޓް ރެޒިޑެންޝަލް" މަޝްރޫއެއް ހިންގުމަށް ހައުސިންގް މިނިސްޓްރީން ނިންމާފައިވާތީ، އެ ސަރަހައްދުގައި ހުރި ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބައެއް ބިންތައް ހައުސިންގް މިނިސްޓްރީއާ ހަވާލުކުރަން އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެ ބިންތަކުގެ ތެރޭގައި ސޯޝަލް ސެންޓަރުގެ ނެޓްބޯލް ކޯޓާއި، ޓީޓީ ހޯލުގެ އިތުރުން ނެޓްބޯލް، ބާސްކެޓްބޯލް އަދި ބަށިބޯޅަ އެސޯސިއޭޭޝަންގެ އޮފީސްތައްވެސް ހިމެނެއެވެ. ޔޫތު މިނިސްޓްރީން ބުނީ އެތަންތަން ހުސްކުރުމަށް އެސޯސިއޭޝަންތަކަށް މިދިޔަ ހަފްތާ ތެރޭގައި އަންގާފައިވާނެ ކަމަށެވެ.

ރަސްފަންނު ހިމެނޭ މާލޭގެ ހުޅަނގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ޝާއިއުކުރި ޑޮކިއުމެންޓުގައިވާ ގޮތުން، އެސަރަހައްދުގައި ތަރައްގީކުރާ ޕްރޮޕަޓީގައި ރީޓެއިލް ފިހާރަތައް، ކެފޭ ރެސްޓޯރަންޓްތައް، ސުޕަމާކެޓާއި ޑިޕާޓްމެންޓް ސްޓޯރް، އޮފީސް ހިންގާނެ ޖާގަތައް، ކޮންފަރަންސާއި ޖަލްސާ ބާއްވާނެ ތަންތަނާއި އޮޑިޓޯރިއަމްތައް، ރިކްރިއޭޝަނަށާއި މުނިފޫހިފިލުވާ ތަންތަން ހިމެނެން ޖެހެއެވެ.

މީގެ އިތުރުން ސިޓީ ހޮޓަލެއް ނުވަތަ ލަގްޒަރީ އެޕާޓްމެންޓުތަކެއްވެސް އެތަނުގައި އެޅިދާނެކަމަށް ފިނޭންސް މިނިސްޓްރީގެ ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް ޑޮކިއުމެންޓުގައި ވެއެވެ.

މާލޭގެ ހުޅަނގު ފަރާތް ހިއްކައިގެން އެސަރަހައްދުގައި އާޓިފިޝަލް ބީޗަކާއި، އައުޓްޑޯ ޖިމަކާ އެކު "ރަސްފަންނު" ހުޅުވިގެން ދިޔަ އިރު، އެތަން އަދިވެސް މުޅިން ނިމިފައެއް ނުވެއެވެ. ރަސްފަންނުގައި ޕެވިލިއަނެއް އަޅައި، އެތަނުގައި ބައިނަލްއަގުވާމީ ފްރެންޗައިޒް ފުޑް އައުޓްލެޓްތަކެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާ އިރު އެ މަސައްކަތް ކުރިޔަކަށް ނުދެއެވެ.

comment ކޮމެންޓް