އެޓްމޮސްފިއާގެ އާ ރިސޯޓެއް ކ. އަކިރިފުށީގައި އަންނަ އަހަރު ހުޅުވަނީ

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި އާ ރިސޯޓެއް އަންނަ އަހަރު ރާއްޖޭގައި ހުޅުވާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެޓްމޮސްފިއާ ހޮޓެލްސްއިން ކ. ހެލެނގެލީގައި "އޯބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި"، އަދި ކ. މާދޫގައި "އޯޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ"ގެ ނަމުގައި ދަނީ ރިސޯޓު ހިންގަމުންނެވެ. މީގެ އިތުރުން ޅ. ކަނިފުށީގައި "އެޓްމޮސްފިއާ ކަނިފުށި" ރިސޯޓުވެސް ހިންގައެވެ.

އެކުންފުނީގެ ހަތަރުވަނަ ރިސޯޓު އަންނަ އަހަރުގެ ޖުލައި މަހު ހުޅުވާނެކަމަށް އެޓްމޮސްފިއާއިން ވަނީ ބުނެފައެވެ.

ހަތަރުވަނަ ރިސޯޓު ހުޅުވަނީ މާލެ އަތޮޅުގެ އުތުރުގައި އޮންނަ ކ. އަކިރިފުށީގައެވެ. ރިސޯޓަށް ކިޔަނީ "އޯބްލޫ ސިލެކްޓް އެޓް ސަންގެލި"އެވެ.

މި ރިސޯޓުގައި ޖުމްލަ 137 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 43 ބީޗު ވިލާއާއި، 13 އަކަމީޓަރުގެ ޕޫލްއަކާ އެކު ހުންނަ 14 ޑިލަކްސް ބީޗު ވިލާއާއި، 42 ވޯޓާ ވިލާއާއި، އަށް އަކަމީޓަރުގެ ޕޫލްއަކާ އެކު ހުންނަ 26 ވޯޓާ ވިލާއާއި، 13 އަކަ މީޓަރުގެ ޕޫލްއާ އެކު ހުންނަ ތަތް ބީޗު ފެމިލީ ޕޫލް ސުއިޓާއި، 13 އަކަމީޓަރުގެ މީޓަރުގެ ޕޫލްއަކާ އެކު ހުންނަ ފަސް ހަނީމޫން ޕޫލް ސުއިޓެވެ.

މި ރިސޯޓު ތަރައްގީކުރާ ކ. އަކިރިފުށި ހިއްކައި، އެ ރަށުގެ ބިން މިހާރު ދަނީ ބޮޑުކުރަމުންނެވެ. އަދި އެ ރަށް ހިމެނޭ ފަޅުގައި، ރަށުގެ ކައިރިން އިތުރު ކުޑަ ރަށެއްވެސް ދަނީ ހިއްކަމުންނެވެ.

އޯބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގެ ޕްލޭނަށް ބަލާއިރު، އަކިރިފުށީގެ އިރުމަތީ ކޮޅުން ފެށިގެން، އަލަށް ހިއްކާ ކުޑަ ރަށާ ހަމައަށް ވޯޓާ ބަންގަލޯތައް ގުޅާއިދޭ ޕްލެޓްފޯމް ދެމިގެން ދާނެއެވެ. އެ ޕްލެޓްފޯމުގެ ދެ ކޮޅުގައި ބަންގަލޯތައް ހެދިގެންދާ އިރު، މި ޕްލެޓްފޯމް ވެގެންދާނީ އަކިރިފުއްޓާއި ކައިރީގައި ހިއްކާ ރަށް ގުޅުވައިދޭ ބްރިޖަކަށެވެ.

އަކިރިފުށި ކައިރީގައި ހިއްކާ ރަށަކީ ހަނީމޫނަށް އަންނަ ފަތުރުވެރިންނަށް ޚާއްސަވާނެ ތަނެކެވެ. ހަނީމޫން ސުއިޓްތައް އެ ރަށާ ގުޅުވައިގެން ހުންނަ އިރު، އެ ކުޑަ ރަށުގައި ދެން ހުންނާނީ ސްޕާއަކާއި ދެ ރެސްޓޯރަންޓެވެ.

މި ރިސޯޓު އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 50 މިނިޓުން ދަތުރުކޮށްގެން ދެވޭ ހިސާބުގައެވެ.

comment ކޮމެންޓް