މަސްތުވާތަކެތީގެ މައްސަލައިގާ އިންޑިއާގައި ހައްޔަރު ކުރި ދިވެހި އަންހެން މީހާ ދޫކޮށްލައިފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހުގެ ކުރީކޮޅު އިންޑިޔާގެ ޓްރެވިންޑްރަމްގައި ހައްޔަރު ކުރި ދިވެހި އަންހެން މީހާ ޓްރެވިންޑްރަމްގެ ޑިސްޓްރިކްޓް ކޯޓުން ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރު ކުރި ނ. މަނަދޫ ޑެއިޒީމާގޭ ޒީނަތު ނިއުމާ، 29، އާ ބެހޭ ގޮތުން އެ އާއިލާގެ މެންބަރަކު ވަނީ ފުރަތަމަ ފަހަރަށް މީޑިޔާ އާއި ވާހަކަ ދައްކަވައިފަ އެވެ.

ޒާތީ ސަބަބުތަކަށްޓަކައި އާއިލީ ގޮތުން ހުރި ގާތްކަމާއި ނަން ހާމަކުރަން ބޭނުންނުވާ އެމީހާ މިއަދު ސަންއާ ވާހަކަ ދައްކަމުން ބުނީ މީގެ ދެތިން ދުވަސް ކުރިން ނިއުމާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. ދިވެހި ހާރިޖިއްޔާ އިން ވެސް ވަނީ ނިއުމާ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ނިއުމާ މިނިވަން ކުރި ވަކި ތާރީހެއް ހާރިޖިއްޔާއަކުން ނުބުނެ އެވެ.

ކަފާލާތުގެ ދަށުން ނިއުމާ މިނިވަންކޮށްފައިވާ އިރު ނިއުމާ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޓްރެވިންޑްރަމްގެ ޑިސްޓްރިކްޓް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ނިއުމާއާ އާއިލީ ގޮތުން ވަރަށް ގާތް އެ މީހާ މިއަދު ބުނީ ނިއުމާ ކޯޓުން ދޫކޮށްލުމުން މިވަގުތު ދިރިއުޅެމުން އަންނަނީ މެޑިކަލް ކޮލެޖް ސަރަހައްދުގައި ހުންނަ އިންޑިޔާގެ ދެމަފިރިއަކާ އެކުގައި ކަމަށާއި ނިއުމާ އަތުގައި ފައިސާ ނެތުމުން ފައިސާ ވެސް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފައިސާ ވެސް ފޮނުވައިފިން ނިއުމާ އަތުގައި ހެދުމެއްހާވަރު ވެސް ނެތިގެން ގުޅާފައި ބުނި... ވަރަށް ފަގީރު ބައެއް މިވަގުތު ނިއުމާ އަށް އެހީވަނީ. ނިއުމާ އެ ކޮޅުގައި ހުރި އިރު ރައްޓެހި އިންޑިއާގެ ދެމަފިރިއެއް ކަމަށް ވަނީ،" އާއިލާގެ އެ މެންބަރު ބުންޏެވެ.

މީހަކާ ވެސް އިނދެގެން އުޅޭ ނިއުމާ އިންޑިއާގައި ދިރިއުޅެނީ އޭނާގެ ދެ ދަރިންނަށް ކިޔަވައިދިނުމަށެވެ. ނިއުމާ ހައްޔަރުކުމާ އެކު ރާއްޖޭގައި ދިރިއުޅޭ އޭނާގެ ފިރިމީހާ އިންޑިއާ އަށް ގޮސް އެ ދެ ކުދިންނާ މިހާރު ވަނީ ހަވާލުވެފަ އެވެ.

ގާތްގަނޑަކަށް މަހެއްހާ ދުވަހެއްގެ ބަންދަކުން ނިއުމާ ވީއްލިފައިވާ އިރު އާއިލާއިން ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާގެ ރޭވުމަކުން ގަސްތުގައި ނިއުމާ އަށް ދީފައިވާ "ލަނޑެއް" ކަމަށެވެ. ނިއުމާ ހައްޔަރު ކުރިއިރު އޭނާގެ ފިރިމީހާ އާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް އާއިލާ އިން ބުނެ އެވެ.

އިންޓެލިޖެންސުން ހިންގި ހާއްސަ އޮޕަރޭޝަންގައި ނިއުމާ ހައްޔަރުކުރި އިރު ފިރިމީހާ ހުރީ އިންޑިއާގައި ކަމައް ވެސް އާއިލާ އިން ބުންޏެވެ.
"ނިއުމާ އުޅޭ ގޭގެ ބައެއްގައި މީހަކު ކަމެއް ކުރިއަކަސް ނޭނގޭނެ. އޭނާ ކުއްޔަށް ދީފައި ހުންނަ ބައެއް އެއީ. އެކަން ނިއުމާގެ ބޮލުގައި އަޅުވައިގެން އޭނާގެ ފިރިމީހާ އެކޮޅުގެ ހޮޓަލެއްގައި ހުރެގެން ފުލުހުންނަށް ފޯނުން ގުޅައިގެން މި ކަމެއް ކުރުވައިގެން ބޮޑު ލަނޑެއް ނިއުމާއަށް ދިނީ،" އާއިލާގެ އެ މެންބަރު ކިޔައިދިނެވެ.

އިންޑިޔާ ފުލުހުން ކުރަމުން އަންނަ މަސްތުވާތަކެތީގެ އެތަހުގީގަށް ނިއުމާގެ ފިރިމީހާ ހާޒިރުވާން އަންގާފައިވާ ކަމަށް ވެސް އާއިލާގެ އެ މެންބަރު ބުންޏެވެ.

"އިއްޔެ އޭނާގެ ފިރިމީހާ އެކޮޅަށް ދާން އަންގާފައި އޮތީ. އޭރުން އެކަން ކުރިއަށްދާނީ،" އެ މެންބަރު ބުންޏެވެ.

ނިއުމާގެ އާއިލާއިން ބުނީ ދެ ކުދިން މިވަގުތު ތިބީ އިންޑިއާގައި ދިރިއުޅޭ، ފިރިމީހާގެ ދައްތައެއްގެ ގޭގައި ކަމަށެވެ.

މަސްތުވާތަކެތީގެ އެ މައްސަލައިގާ ނިއުމާ ހައްޔަރުކުރި ފަހުން ނިއުމާއާ ބައްދަލުކޮށް އޭނާގެ ހާލުބަލާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ދިވެހި ކޮންސިއުލޭޓުންބުންޏެވެ.

ނިއުމާގެ ހައްޔަރުގެ ހައްބަރާ އެކު އާއިލާއިން ތިބީ ޝޮކެއްގަ އެވެ. އެމީހުން އެކަން ގަބޫލެއް ނުކުރެ އެވެ.
"ކިހިނެތްތޯ އެކަން ގަބޫލު ކުރާނީ. ނިއުމާ ދުވަހަކު އެހެން ނޫޅެ. މި އާއިލާގެ މީހަކު ވެސް އެހެން ނޫޅެ. އަނެއްކާ އަޅުގަނޑަށް އޭނަ ފިރިމީހާ އިންޒާރު ދީފައި އޮއްވާ މިކަމެއް މިވީ. ނިއުމާއަކީ މޮޅަށް ކިޔަވާފައި ހުރި ކުއްޗެއް. އެހެން ވީމާ ގަބޫލު ނުކުރެވެނީ. އަދިވެސް ގަބޫލެއް ނުކުރެވޭ،"
ނިއުމާގެ ދެ ކުދިންގެ ބައްޕަ އަދި އޭނާގެ ފިރިމީހާ އާ ބެހޭ ގޮތުން އެ އާއިލާ އިން ކުރި ތުހުމަތާ ގުޅިގެން އޭނާއާ ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.


ނިއުމާ ހައްޔަރުކުރީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ މެޑިކަލް ކޮލެޖް ސަރަހައްދުގައި ހުންނަ ނިއުމާ އާއި އޭނާގެ ލޯބިވެރިޔާ ދިރިއުޅުނުގެ ބަލައި ފާސްކުރުމުގެ ތެރޭގައި 31 ގުރާމް ބްރައުން ސުގާ އާއި އަދި 78 ގުރާމް ހަޝިސް އޮއިލް އެގޭގެ ތެރެއިން ފެނިގެނެވެ. އިންޑިއާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކާ އެކު ހިންގި އެ އޮޕަރޭޝަންގައި ނިއުމާ އާ އެކު އެގެއިން ހައްޔަރު ކުރި އޭނާގެ ލޯބި ވެރިޔަކީ 2005 ވަނަ އަހަރުން ފެށިގެން ފުލުހުންނަށް ފިލައިންގެ އުޅޭ އިންޑިއާގެ ފުލުހެއް ކަމަށް ވެސް ދިވެހި ކޮންސިއުލޭޓުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު