Sun Online
އަގްސާ މިސްކިތް ކައިރީގައި އިސްރާއިލްގެ ސިފައިން ހަރަކާތްތެރިވަނީ
އަގްސާ މިސްކިތް ކައިރީގައި އިސްރާއިލްގެ ސިފައިން ހަރަކާތްތެރިވަނީ
ފަލަސްތީން - އިސްރާއީލް

ގުދުސް ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ގެތައް ބިމާހަމަކޮށްލަނީ

މުހައްމަދު އައުޒަމް
ލިޔުނީމުހައްމަދު އައުޒަމް

ގުދުސް ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު އިޒްރޭލްގެ ސިފައިން ދިން ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ތިން މީހުންގެ ގެތައް ސުންނާފަތި ކުރަން ވިސްނަމުންދާ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އަލްމަސްޖިދުލް އަގްސާ ހިމެނޭ ސަރަހައްދުގައި ހުކުރު ދުވަހު ހިނގި އެ ހާދިސާގައި އިޒްރޭލުގެ ސިފައިންގެ ދެމީހުން ވެސް ވަނީ މަރުވެފައެވެ.

"އެހާދިސާގައި ބައިވެރިވި ތިންމީހުން މިސާލަކަށް ބަލައިގެން ފަލަސްތީނުގެ އިތުރު ބަޔަކު އަހަރެމެންނަށް ހަމަލާ ދީފާނެ. އެހެންވެ އެމީހުންގެ ގެތައް އެބަ ޖެހޭ ސުންނާފަތި ކޮށްލަން،" އިޒްރޭލުގެ ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރު ގިލާދު އެރްދާން ވިދާޅުވިއެވެ.

އިސްރާއިލާ ދެކޮޅަށް ނުކުމެ ހަމަލާދޭ ފަލަސްތީނުގެ މީހުންނާމެދު އިސްރާއީލުގެ ކޯޓުތަކުން ހަރުކަށި ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

އެގޮތުން، އިސްރާއީލަށް ހަމާލާތައް ދޭ ފަލަސްތީން މީހަކަށް އަދަބު ދޭނަމަ ދެނީ އޭނާގެ މުޅި އާއިލާއަށެވެ. އަދި އަދަބެއްގެ ގޮތުގައި އެމީހުން ދިރިއުޅޭ ގެތައް ސުންނާފަތި ކުރުމަކީ އިޒްރޭލުން މިފަހުން ގެންގުޅޭ ސިޔާސަތެކެވެ.

ނަމަވެސް ފަލަސްތީނުގެ މީހުންނަށް ހަމަލާ ދޭ އިޒްރޭލުގެ މީހުންނާމެދު އެގައުމުގެ ކޯޓުތަކުން ދެނީ ލުއި އަދަބު ތަކެކެވެ.

އެގޮތުން މީގެ ދެ އަހަރު ކުރިން ޔަހޫދީންގެ ތިން މީހަކު ވެގެން ފަލަސްތީނުގެ ކުޑަކުއްޖަކު ވަގަށް ނަގާ ރޯކޮށްލި ހާދިސާއެއްގައި ބައިވެރިވި މީހުންގެ ގެތައް ސުންނާފަތި ކޮށްލުމަށް އިޒްރޭލުގެ ސުޕްރީމް ކޯޓުގައި އެދުނު ނަމަވެސް، އެކަމަށް ވަނީ އެ ކޯޓުން ދެކޮޅު ހަދާފައެވެ.

ހުކުރު ދުވަހު ހިނގި ހާދިސާއަށްފަހު މަސްޖިދުލް އަލް އަގްސާ ބަންދު ކުރި ނަމަވެސް މިއަދު އެ މިސްކިތް ވަނީ އަލުން ހުޅުވާފައެވެ.

×
DB released.