މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ކުރި ސޮއި ނަގަން ޕީޕީއެމް އިން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ކުރި ސޮއި އަނބުރާ ނެގުމަށް އެ ގަރާރުގައި ސޮއިކުރި މެމްބަރުންނަށް ޕީޕީއެމް އިން އަންގައިފި އެވެ.

ޕީޕީއެމް އިން އެ އެންގުން އަންގާފައި ވަނީ އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ސޮއިކުރައްވައި، މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައި ސޮއިކުރެއްވި މެމްބަރުންނަށް ފޮނުވި ސިޓީއެއްގަ އެވެ.

އެ މެމްބަރުންނަށް އަންގާފައި ވަނީ މިރޭ 12:00 ގެ ކުރިން ސޮއިނެގުމަށެވެ.

އެ ސިޓީގައި ބުނެފައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އެފަދަ ގަރާރެއްގައި ސޮއިކުރެއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެއީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވާ އެ ގްރޫޕްގެ ހިންގާ ގަވާއިދުގެ 22 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ ސިޓީ ލިބުނު ބައެއް މެމްބަރުން ސަން އަށް ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާގޮތުން ޕާޓީން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ފޮނުވާ ވަގުތުން ފެށިގެން އެ މެމްބަރަކު ޕާޓީން ވަކިވީ ކަމަށެވެ. އެހެންކަމުން އެބޭފުޅުންނަށް މިހާރު ޕީޕީއެމްގެ މެމްބަރުން ކަމުގައި ގަބޫލުނުކުރާ ކަމަށާއި ޕީޕީއެމް އިން ވަކިވެފައިވާ މެމްބަރުންނަށް އެފަދަ ސިޓީއެއް ފޮނުވަން ނުޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.

comment ކޮމެންޓް