ރިޝްވަތު ހުށަހެޅި ކަމަށް ވިދާޅުވުމުން އޭސީސީ އިން ފަލާހުއާ ސުވާލު ކުރަނީ

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު -ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އަށް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ހުށަހެޅުއްވި ކަމަށް ވިދާޅުވުމުން އެކަމާ މެދު އޭނާއާ ސުވާލު ކުރުމަށް ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ 'ސަން' އަށް ވިދާޅުވީ، އޭސީސީ އިން އިސްނަގައިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދެވޭނީ އެކަމާ ގުޅޭ މައުލޫމާތު ލިބިގެން ކަމަށާއި އެ މައުލޫމާތު ހޯދުމަށް ފަލާހުއާ ސުވާލު ކުރުމަށް ނިންމާފައިވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.

ފަލާހުއަށް ރިޝްވަތުގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން 32 މިލިއަން ރުފިޔާ ހުށަހެޅި ކަމަށް ވިދާޅުވެފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ޕީޕީއެމް، އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމަށް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ރިޝްވަތު ހުށަހެޅުއްވީ ކާކު ކަމެއް ފަލާހު ވިދާޅެއްނުވެ އެވެ.

އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެއް ނުވެ އެވެ. މީގެ ކުރިން ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފި ނަމަ ފުލުުހުން ބަލާނެ ކަމަށެވެ.

މަސީހުގެ ވޯޓާ ގުޅުވައިގެން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން އަންނަނީ ބަލަމުންނެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަހުގީގު ނިމުނުކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

comment ކޮމެންޓް