މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ކެމިއޯ"، ހީވެސް ނުކުރާ ސީރީޒަކުން

އަހަރު ފެށުނު ހިސާބުން ފެށިގެން ވެސް މިއީ ގިނަ ބަޔަކު ދައްކަމުން އައި ވާހަކައެކެވެ. ހޯމް ބޮކްސް އޮފީސް ނުވަތަ އެޗްބީއޯގެ މަޝްހޫރު ސީރީޒް 'ގޭމް އޮފް ތްރޯންސް' މި އަހަރު އާދައިގެ މަތިން އެޕްރީލު މަހު ރިލީޒް ނުކުރާ ވާހަކައެވެ. އޭގެ ބަދަލުގައި ޖުލައި މަހުގެ 16ގައި ރިލީޒް ކުރާ ވާހަކައެވެ.

'ގޭމް އޮފް ތްރޯންސް'ގެ އެތަކެއް ހާސް ފޭނުން ކުރަމުންދިޔައީ ވަރަށް ވެސް ދިގު އިންތިޒާރެކެވެ. ނަމަވެސް އެ އިންތިޒާރު މިވަނީ ނިމުމަކަށް އައިސްފައެވެ. އިއްޔެ ވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯޖް އާރްއާރް މާޓިންގެ 'އަ ސޯންގް އޮފް އައިސް އެންޑް ފަޔަރ' ވާހަކަ ސީރީޒްގެ މައްޗަށް ތައްޔާރުކުރާ 'ގޭމް އޮފް ތްރޯންސް'ގެ 7 ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑު 'ޑްރެގަން ސްޓޯން' ނިކުމެފައެވެ.

އިއްޔެ ފޭސްބުކްގައި ބައެއް ފަރާތްތަކުން ވަނީ، އެ ސީރީޒް ސްޕޮއިލް ކުރާ ފަރާތްތަކަށް 'ހަރުކަށި އަދަބެއް'ގެ ގޮތުގައި އެމީހުންގެ އެކައުންޓުތަކުން، އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ އެކައުންޓުބްލޮކް ކޮށްލެވޭނެކަން އަންގައިފައެވެ. މިހެންވީ އިރު މި އެޕިސޯޑުގައި ހިނގި ކަންތައް ކިޔައިދީފި ނަމަ ފަހަރުގައި ތިޔަ ކިޔުންތެރީންނަށް ދެން ލިބޭނީ އަޅުގަނޑުގެ ޖަނާޒާއަށް ހާޒިރުވުމުގެެ 'ދައުވަތު' ކަންނޭގެއެވެ.

މިހެންވުމުން އަޅުގަނޑު އެކަމުން އެއްކިބާވެލާނަމެވެ. ނަމަވެސް ދައްކައިނުލާ ދޫކޮށް ނުލެވޭ ވަރުގެ ކަމެއް މިއެޕިސޯޑުން ފެނުނެވެ.

އެއީ އިނގިރޭސިވިލާތަށް އުފަން، މުޅިދުނިޔެއަށް އަދި ދިވެހިރާއްޖޭގެ ގިނަބަޔަކު ވެސް ދަންނަ ކުޅަދާނަ ލަވަކިޔުންތެރިޔާ 'އެޑް ޝީރަން'ގެ ކެމިއޯ ނުވަތަ ހާއްސަ ފެނިލުމެއް 'ޑްރެގަން ސްޓޯން' އެޕިސޯޑުގައި ހިމެނިފައިވުމެވެ.

ޖަންގަލީ ތެރޭގައި މަޑުކޮށްލައިގެން ތިބޭ ހަނގުރާމަވެރިންގެ ޕްލެޓޫނަކުން ވަރަށް ރީތިކޮށް މީހަކު ލަވާކިޔާ އަޑުއިވެ އެވެ. ކެމެރާ ގޮސް އެމީހަކަށް ހުއްޓޭ އިރު އެއީ ޝީރަން އެވެ.

ސީރީޒްގެ މުހިންމު ކެރެކްޓަރަކަށް އޭނާ ލަވަކިޔާ އަޑުއިވިގެން، 'ހާދަ ރީތިލަވަ' އެކޭ ބުނުމުން ޖަވާބުގައި ޝީރަންގެ ކެރެކްޓާ ޝުކުރުއަދާކޮށް އެއީ އައު ލަވައެއް ކަމުގައި ބުނެ އެވެ.

ޝީރަންގެ މި ހާއްސަ ފެނިލުމުގެ ސަބަބުންް ޝޯގެ ފޭނުން ވެސް އަދި ޝީރަންގެ ފޭނުން ވެސް ވަނީ އޭނާގެ ސްކްރީންޝޮޓްތައް ނަގައި އިންސްޓަގްރާމް، ޓުވިޓާ އަދި ފޭސްބުކްގައި އާންމުކޮށްފައެވެ.

ފުރަތަމަ އެޕިސޯޑުން ކުރުގޮތަކަށް ފެނިގެން ދިޔަ ނަމަވެސް ޝީރަންގެ ކެރެކްޓާ އިތުރަށް ފެންނާނެކަމެއް ނުވަތަ ނޫންކަމެއް އަދި މިއީ އެއްވެސް ބަޔަކަށް އެނގިފައި ނުވާ ކަމެކެވެ.

comment ކޮމެންޓް