އިސްރާއީލުން މަސްޖިދުލްއަގްސާއަށް ބޭނުންގޮތެއް ހަދަމުންދާއިރު އެކަމާ ދެކޮޅަށް ތެެދުވާނެ އަރަބި ގައުމެއް ނެތް

މަސްޖިދުލްއަގްސާ ގެ ހުރްމަތް ކަނޑަމުންދާ އިސްރާއީލު ސިފައިން އެމުގައްދަސް ބިނާގެ ހަރަމްފުޅު ގައި

ދެ ދުވަސް ވަންދެން މަސްޖިދުލްއަގްސާ ބަންދުކޮށްފައި ބޭއްވުމަށް ފަހު އާދީއްތަ ދުވަހު އިސްރާއީލުން އެތަން އަލުން ހުޅުވިއިރު އެމުގައްދަސް ބިނާއަށް ވަނުމަށް އިސްރާއީލުން ވަނީ އަދަޔާ ޚިލާފު ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.

މީގެ ތެރޭގައި މަސްޖިދުލްއަގްސާގައި އަޅުކަން ކުރުމަށް ދާ މީހުން ބަލައި ފާސްކުރާ އިލެކްޓްރޯނިކް ގޭޓްތައް އެތަނުގެ ގެބޭރުގައާއި އެތެރޭގައި ބަހައްޓައި އެގޭޓްތައް ހުރަސްކޮށް ގެންނޫނީ އެތަނަށް ނުވަދެވޭގޮތް ހެދުން ހިމެނެ އެވެ.

ގުދްސުގެ އަވްގާފާއި އިސްލާމީ ކަންތައްތަކާބެހޭ އިދާރާއިން ވަނީ އިސްރާއީލުގެ މިއަމަލުތައް ކުށްވެރިކޮށް އިސްރާއީލުން ބަހައްޓާފައިވާ އިލެކްޓްރޯނިކް ގޭޓްތައް ހުރަސްނުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. މިކަމާ ގުޅިގެން ރޭގައި ވެސް ވަނީ އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ އާންމުންނާ ދެމެދު ގުދްސުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ.

އިސްރާއީލުން މިދިޔަ ހުކުރު ދުވަހު މަސްޖިދުލްއަގްސާ ބަންދުކުރީ ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކާ ދެމެދު ހުކުރު ދުވަހު ބަދަލުކުރި ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން ޒުވާނުން ޝަހީދުވެ އިސްރާއީލު ފުލުހުންގެ ދެމީހުން މަރުވުމާ ގުޅިގެންނެވެ. މިއީ 1969 ގައި އިސްރާއީލުގެ ޔަހޫދީން މާތްވެގެންވާ މަސްޖިދުލްއަގްސާގައި ހުޅުޖެހުމާ ގުޅިގެން އެއަހަރު އެތަން ބަންދުކުރުމަށް ފަހު ފާއިތުވި ސާޅީސް ހަތްއަހަރު ތެރޭގައި އިސްރާއީލުން އެމުގައްދަސް ބިނާ ބަންދުކުރި ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހުގެ ޙާދިސާއާ ގުޅިގެން އިސްރާއީލު ވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް މަސްޖިދުލްއަގްސާ ބަންދުކޮށްފަ އެވެ. އަދި އިސްރާއީލުން ހައެއްކަ ގަޑީއިރަށް ގުދްސުގެ މުފްތީ ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ފަހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. މިހާބޮޑެތި ކަންތައްތަކެއް އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއާ ދެކޮޅަށް ހިންގަމުންގެންދާއިރު އިސްލާމީ މަދުގައުމަކުން ނޫނީ މިކަމަށް އަޅާލައި އިސްރާއީލު ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައެއް ނުވެ އެވެ. އަރަބި އެތައް ގައުމެއް ވަނީ އެއްގައުމު އަނެއްގައުމާ ޖެހި ދުޝްމަންވެފަ އެވެ. އަދި އަރަބި ހަތަރު ގައުމެއްގައި ދާޚިލީ ހަނގުރާމަ ހިނގަމުން އެބަދެ އެވެ.

ގަލްފުގެ ބައެއް އަރަބި ގައުމުތަކުން ފަލަސްތީނާއި މަސްޖިދުލްއަގްސާގެ މައްސަލަ ހަނދާން ނައްތާލައި ސިއްރިޔާތުގައި އިސްރާއީލާ އެކިބާވަތުގެ ގުޅުންތައް ގާއިމްކޮށް އަޑިއަޑިން އިސްރާއީލާ މުއާމަލާތްތައް ކުރަމުން ގެންދާއިރު މިސްރާއި އުރުދުން އިން ވަނީ އިސްރާއީލާ ސުލްހަވެ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުންތައް ވެސް އުފައްދާފަ އެވެ.

މިއާއެކު އިސްރާއީލުން މަސްޖިދުލްއަގްސާ ބޭންއިރަކު ބަންދުކޮށް އެތަނުގެ ހުރްމަތް ކަނޑަމުން ގެންދިޔަ ނަމަވެސް އެއީ ގިނަ އަރަބި ގައުމުތަކަށް މާބޮޑުކަމަކަށް ނުވެ އެވެ. އިސްރާއީލުގެ ޔަހޫދީންގެ ބަޔަކު މިއަދުވެސްވަނީ މަސްޖިދުލްއަގްސާގެ ހުރްމަތް ކަނޑާލުމުގެ ގޮތުން އެމިސްކިތުގެ ތެރެއަށް ވެދެ ޖެއްސުމުގެ އަމަލުތަކެއް ހިންގާފަ އެވެ. މިކަމާވެސް އަޅާލާނެ ގައުމެއް ނެތެވެ.

އިސްރާއީލުން މަސްޖިދުލްއަގްސާގެ ހަރަމްފުޅުތެރޭގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައި ދެދުވަސްވަންދެން އެތަން ބަންދުކޮށް އަދި އިލެކްޓްރޯނިކް ގޭޓްތައްލައި އެތަނަށް ވަނުން އެހާބޮޑަށް ދަތިކުރުމުން ވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުނީވެސް ފަލަސްތީނުގެ އިތުރުން އަރަބި އެންމެ ތިން ގައުމު ކަމަށްވާ އުރުދުން، ކުވައިތު އަދި ގަތަރާ އަރަބި ނޫން ގައުމެއް ކަމަށްވާ އީރާނުންނެވެ. ގަތަރާ މައްސަލަ ޖެހިގެން އުޅޭ އަރަބި ހަތަރު ގައުމުން ބަހުގެ ހަމަލާތައް ދެމުން ގެންދަނީ ގަތަރާއި އީރާނާ ދެކޮޅަށެވެ.

ކުރިން އަރަބިން ކޮންމެވެސް ވަރަކަށް އެއްބައިވަންތަކަމުގައި ތިބިއިރު އިސްރާއީލުން ހިންގާ މިފަދަ ޖަރީމާތަކަކީ އަރަބި ގައުމުތަކުން އދ.ގެ ސަލާމަތީ މަޖިލީހަށް ގެންދާ މައްސަލަތަކެކެވެ. ސަލާމަތީ މަޖިލީހުގައި އިސްރާއީލުގެ ދިފާއުގައި އެމެރިކާ ވީޓޯކޮށްފި ނަމަ އދ.ގެ ޖެނެރަލް އެސެމްބްލީއާ ހަމައަށްވެސް ގެންގޮސް އެކަން ކުށްވެރިކޮށް ބަޔާންތައް ނެރުމަށް އަރަބި ގައުމުތަކުން މަސައްކަތް ކުރަމުން ގެންދެ އެވެ. ނަމަވެސް އަރަބިން ގެ އެތެރޭގެ އަރާރުންތައް ބޮޑުވެ އިސްރާއީލުގެ އަނިޔާވެރިކަމާ އަޅާލާނެ އަރަބި ގައުމެއްނެތް ހިސާބަށް މިހާރުވަނީ ކަންތައް ގޮސްފަ އެވެ. އަރަބިންވަނީ މުޅިން ކަހަލަ ގޮތަކަށް އެމީހުންގެ އެއްބަޔަކު އަނެއް ބަޔަކާ އަރާރުންވުމުގައި މަޝްޣޫލުވެފަ އެވެ. އިސްރާއީލުގެ އަނިޔާވެރިކަމަކީ މިހާރު އަރަބިންނަށް މާބޮޑު މައްސަލައަކަށް ނުވެ އެވެ.

އަރަބި ގައުމުތައް ބަލިކަށިވެ އަރަބި ބައެއް ގައުމުތައް އެއްގައުމު އަނެއް ގައުމާ ދުޝްމަންވެ ސޫރިޔާ ޔަމަން އިރާގު ލީބިޔާ ފަދަ ގައުމުތަކުގައި ފަނާކުރަނިވި ދާޚިލީ ހަނގުރާމަތައް ހިނގައި ކޮންމެ ދުވަހަކު އެތަށް ބަޔަކު މަރުވެ ފަނާވަމުންދާ މިދަނޑިވަޅު ބަލާފައި އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މައްސަލަ އޮއްބާލައި މަސްޖިދުލްއަގްސާ އަށް ކުރެވެންއޮތްހާ ގޯނާއެއް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު