މަސްދޯނި ފަހަރުގައި އައިސް އުފެއްދޭނެ ނިޒާމް ހަރުކުރުމަށް ޓެސްޓު ކުރަނީ

މާލޭ ފަޅުގައި އޮތް ދޯންޏަކުން މަސްތަކެއް ބާލައިގެން ގެންދަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މަސްދޯނި ފަހަރަށް ބޭނުންވާ އައިސް ލިބުމުގެ ދަތިތައް ހައްލު ކުރުމަށް ދޯނި ފަހަރުގައި އައިސް އުފެއްދޭނެ ނިޒާމްތަކެއް ހަރުކުރުމަށް ޕައިލެޓް ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 އިން ރޭ ގެނެސްދިން ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަހުގެ ތާޒާކަން ހިފެހެއްޓުމަށް ޓަކައި މި ސަރުކާރުން އެތައް އައިސް ޕްލާންޓެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އައިސް ޕްލާންޓުތަކުގައި މަސައްކަތް ކުރާނެ ޓެކްނިކަލް މީހުން މަދުކަމުން އަބަދު އެތަންތަން ނުހިނގާ ހުރެދާނެ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، މަސްވެރިކަމުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، މަސްދޯނި ފަހަރުގައި އައިސް އުފެއްދޭނެ ގޮތަށް ހުންނަ ނިޒާމްތަކެއް ގާއިމްކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ހިންގުމަށް މިމަހުގެ 31 ވަނަ ދުވަހު ބޭރުގެ ކޮންސަލްޓަންޓެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެބޭފުޅުންގެ އަމިއްލަ ދޯނީގައި އެބޭފުޅުން އަމިއްލައަށް އެކަން ކުރެވޭނެ ގޮތް ހަދައިދިނީމަ، ނުޖެހޭނެ އައިސް ނުލިބިގެން ކޮންމެވެސް ރަށެއްގެ ކައިރީގައި ތިބޭކަށެއް. މި ބަލަނީ މަސްވެރިކަމުގެ މުއްދަތު އިތުރު ކޮށްލެވޭތޯ. މިހާރު އެބަ އަންނަން ޖެހޭ މަސްތައް ކުނިވުމުގެ ކުރިން،" މިނިސްޓަރު ރޭ ވިދާޅުވި އެވެ.

ނިޒާމާ ގުޅޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، ނިޒާމަކީ އައިސްލޭންޑުގެ ސިސްޓަމެއް ކަމަށާއި އެ ސިސްޓަމް އޮޕަރޭޓް ކުރުމަށް ވެސް ފަސޭހަ ވާނެ ކަމަށެވެ.

އަދި ވިދާޅުވީ، އޭގެން ކޮންމެ ވަގުތަކު ބޭނުން ވަރަކަށް އައިސް އުފެއްދޭ އިރު، ހަފްތާއެއް ވަންދެން ނުވަތަ އެންކޮޅު ހުސްވަންދެން ވެސް މަސްވެރިން ކަނޑުމަތީގައި ތިބެވޭނެ ކަމަށެވެ.

comment ކޮމެންޓް