ޝަޚްސު އޮޅުވާލުމުގެ ދައުވާއަށް ފާރިސް އިންކާރުކުރައްވައިފި

ފާރިސް މައުމޫން: އޭނާގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ.

އެ ކުށަކީ ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަންނާނެ ހުކުމަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އަދި ކުށަށް އިއުތިރާފު ވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ ލުއިވާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވަނީ ފާރިސް އަށް އަންގައިދީފަ އެވެ. ކުށަށް އިއުތިރާފުވެއްޖެ ނަމަ ފާރިސްގެ މައްޗަށް އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ނަމަވެސް މިއަދު ވަނީ ފާރިސް އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ގިނަ އިޖުރާއީ ނުކުތާތަކެއް ފާރިސްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ފާރިސް ދިފާއުގައި ވާހަކަ ދެއްކުމަށް ބޭނުންވާ މައުލޫމާތު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިނުވާ ކަމަށާއި، އެހެން ކަމުން ދައުވާއަށް ޖަވާބުދާރީވެ ދައުވާއާ މެދު ވާހަކަ ދެއްކެވޭނީ އެ މައުލޫމާތުތައް ފޯރުކޮށްދިނުމުން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވަނީ އެ ދައުވާއާ ގުޅޭ ގިނަ ތަކެއްޗަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތަކެތި ނޫން ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ރައްދު ދެއްވައި މައުމޫން ހަމީދު ވިދާޅުވީ، ކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ހޯދައި، އެ ފޯރުކޮށްދިނުމަކީ ޕީޖީން ކުރަން ޖެހޭނެ ކަމެއް ކަމަށާއި، އެކަމުން ބަރީއަ ނުވެވޭނެ ކަމަށެވެ.

ގާޒީ ވަނީ ދައުލަތުން ފާރިސްއަށް ފޯރުކޮށްދޭންޖެހޭ ހުރިހާ މައުލޫމާތެއް ދެން އޮންނަ އަޑުއެހުމެއްގެ ކުރިން ފޯރުކޮށްިނުމަށް އަންގާފަ އެވެ.

ދައުލަތުގެ ފަރާތުން ދައުވާ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި ޝަފައީ ދެ ހެއްކެއް ހުށަހެޅި އެވެ. ނަމަވެސް އެ ދެ ހެކިން ސިއްރުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. އޭގެ އިތުރުން ހެކީގެ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން ފާރިސް މައުމޫން ޕީޕީއެމުން ވަކިކޮށްފައިވާކަން އަންގައި ފޮނުވާފައިވާ ސިޓީ ވަނީ ހުށަހަޅާފަ އެވެ.

އެ ސިޓީ ހެކީގެ ގޮތުގައި ހުށަހެޅީ، ފާރިސްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ހާދިސާގެ ކުރިން ފާރިސް ޕީޕީއެމުން ވަކިކޮށްފައިވާކަން ސާބިތުކޮށްދިނުމަށެވެ.

އޭގެ އިތުރުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ހިމެނޭ ސީޑީ އެކެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ، ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ 11:30 ގައި ކަމަށެވެ. އަދި އެ ދުވަހު ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ފާރިސްއަސް ލިބޭނެ ކަމަށާއި، އެ ދުވަހު ދިފާއީ ހެކި ހުރި ނަމަ އެ ހެކި ހުށަހެޅުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް