އިސްރާއީލުން އަގްސާގައި އެޅި ސަލާމަތީ ފިޔަވަޅުތަކާ މުސްލިމުން ދެކޮޅު

އަލް އަގްސާ މިސްކިތް ބަންދު ކުރުމަށް އިސްރާއީލުން ހުޅުވީ އާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފަހު -- ފޮޓޯ: ރޮއިޓާސް

ގުދުސް (ޖުލައި 17): އިސްރާއީލުން ދެ ދުވަސް ވަންދެން މަސްޖިދުލް އަގްސާ ބަންދު ކުރުމަށް ފަހު އެ މިސްކިތް ހުޅުވި އިރު އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުގެ މުސްލިމުން ދެކޮޅު ހަދައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ ފުލުހުން އަގްސާ މިސްކިތް ބަންދު ކުރީ އެސަރަހައްދުގައި ބަޑީގެ ހަމަލާތަކެއްދީ ފަލަސްތީނުގެ ތިންމީހަކާއި އިޒްރާއިލުގެ ދެ ފުލުހަކު މަރާލުމާ ގުޅިގެންނެވެ.

އަދި އިއްޔެ މިސްކިތް ހުޅުވި އިރު އިސްރާއީލުން ވަނީ މިސްކިތުގެ ބޭރުގައި މެޓަލް ޑިޓެކްޓަރާއި އިތުރު ސީސީޓީވީ ކެމެރާތައް ހަރުކޮށްފައިވެ އެވެ.

އަގްސާ މިސްކިތުގެ ޑިރެކްޓަރު އުމަރު ކިސްވާނީ ވިދާޅުވި ގޮތުގައި އެމިސްކިތަށް ވެރިވެގަތުމާއި ބަންގި ގޮވުން ހުއްޓުވުމަކީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ހިލާފު ކަމެކެވެ.

"އަގްސާ މިސްކިތަށް ވެރިވެގަނެ އެމިސްކިތަށް ބަދަލު ގެނައުމުގެ ޒިންމާ އެޅޭނީ އިސްރާއީލްގެ ސަރުކާރުގެ ބޮލުގައި. އަދި މިސްކިތް ކުރިން ހުރި ގޮތަށް އަޅުގަނޑުމެންނާ ހަވާލުކުރަންދެން އަޅުގަނޑުމެން މިސްކިތުގެ ބޭރުގައި ތިބޭނަން،" ކިސްވާނީ ވިދާޅުވި އެވެ.

އިސްރާއީލުން އިއްޔެ އަގްސާ މިސްކިތް ހުޅުވި ފަހުން ގިނަ އަދަދެއްގެ މީހުން ނަމާދު ކުރީ މިސްކިތުގެ ބޭރުގަ އެވެ. އަދި އިސްރާއީލުގެ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް