ޞަޙާބީންގެ މަތިވެރިކަން -4

25 ޖޫން 2017: ސްޓޭޑިއަމް ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

.

ރަސޫލާގެ އަރިހުގައިވާ ބޭކަލުން

ޢަބްދުﷲ ފާރޫޤު ޙަސަން

"މުޙަންމަދުގެފާނީ ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެބައިމީހުންގެ މެދުގައި، އޯގާވެރި،ރަޙްމަތްތެރި ބަޔެކެވެ. ﷲގެ ޙަޟުރަތުން ފަޟުލުވަންތަވެރިކަމާއި ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބަޔަކުކަމުގައި ކަލޭގެފާނު އެބައިމީހުން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން އެބައިމީހުންގެ ޢަލާމާތް އެބައިމީހުންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައި އެބައިމީހުންގެ މިޘާލެވެ. އަދި އިންޖީލުގައި އެބައިމީހުންގެ މިޘާލު އޭގެ ކުދި ނިރުތައް ފަޅުވައިފައިވާ ގޮވާމެއްފަދައެވެ. ދެން އެގޮވާން ގަސްތަކަށް ގަދަކަން ދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެ ތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން ޢަޖާއިބުކޮށް ޙައިރާން ކުރުވަމުންނެވެ. އެބައިމީހުންދެކެ، ކާފިރުން ރުޅިއެރުވުމަށްޓަކައެވެ. އެބައިމީހުންގެ ތެރެއިން އީމާންވެ ޞާލިޙު ޢަމަލު ކުޅަ މީހުންނަށް ފާފަ ފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް ﷲ ވަޢުދުކުރައްވައިފައިވެއެވެ." (އަލްފަތުޙު :29)

ކީރިތި ޤުރުއާނުގެ އިސްވެ ދެންނެވި ބަސްފުޅުތަކަކީ ރަސޫލާގެ ޞަޙާބީންނާމެދު ވަޙީ ކުރައްވާފައިވާ ބަސްފުޅުތަކެކެވެ. ރަސޫލާގެ ޞަޙާބީންގެ ތާރީޚީ އަހަންމިއްޔަތަށްޓަކައި އިސްވެދިޔަ ސަމާވީ ފޮތްތަކުގައިވެސް އެބޭކަލުންގެ ސިފަފުޅުތައް ވަނީ ބަޔާން ކުރައްވައިފައެވެ. ބަދަލު ގެނެސްފައި މިހާރު މިއޮތް ތައުރާތުގައިވެސް އަދިވެސް އެބޭކަލުންގެ ވާހަކަ އެބަހުއްޓެވެ. "އެކަލޭގެފާނު ވަޑައިގަތީ އެތަކެއްހާސް ޤުދުސީން (saints) ގެ ތެރެއިން "ކަމުގައި ބަޔާން ކުރެވިފައިވެއެވެ. (އިސްތިސްނާ 2:33)

މިހާރުގެ އިންޖީލުގައި މިދެންނެވި ނިމުތުއައިސްފައިވަނީ އަންނަނިވި ޢިބާރާތުންނެވެ. "މާތްރަސްކަލާނގެ ވެރިކަމާއި ރަސްކަމުގެ މިސާލަކީ މީހަކު ބިމުގައި އޮށެއް އިންދައެވެ. – އޭނާ ރޭގަނޑު ނިދައިފައި ދުވާލު ހޭލިއެވެ. (އޭރު) އެ އޮށުން ގަސްފަޅައި ހެދި ބޮޑުވެގެން އައީ ބިމުން އަމިއްލައަށް ފަޅައިގެން ހެދުނު ގަހެއްކަމުގައި ހީވާ ފަދައަކުންނެވެ. ގަހުގައި މޭވާ އައިސްފައިވެއެވެ. – އެންމެ ފުރަތަމަ ނުކުތީ ފަތްތަކެވެ. ދެން ކުރާތަކެވެ. ކުރާތަކުގެ އޮށްތައް ހުރީ ހަރުވެފައެވެ. ގޮވާން ފައްކާވީހިނދު ވަގުތުން (އޭނާ) ގޮވާން ކަނޑާ ހަތިޔާރު ހިންގާން ފެށިއެވެ. އެހެނީ ގޮވާން ކެނޑުމުގެ ވަގުތު ވަނީ އައިސް ޖެހިފައެވެ." (މުރްޤިސް 4: 26-29)

"އެއީ ރެވި އޮށްޓަރެއްގެ މިސާލުގައިވާ ކަމެކެވެ. އެ އޮށްޓަރު ބިމުގައި ވަޅުލައި އިންދެވޭހިނދު، އެ އޮށްޓަރު ބިމުގައިވާ އެހެން ހުރިހާ އޮށްޓަރު ތަކަކަށްވުރެ ކުޑައެވެ. ނަމަވެސް އިންދައިގެން އެއިން ގަސް ހެދި ބޮޑުވާއިރު ހުރިހާ ތަރުކާރީ ގަސްތަކަކަށްވުރެ ބޮޑުވެއެވެ. އަދި ވައިގެ ތެރޭގައި އުޅޭ ކުދި ދޫނިތަކަށް އޭގެ ހިޔަލުގައި އުޅެވޭފަދަ ގޮފިތައް ފަޅުވައެވެ." (32)

މަތީގައި ޙަވަލާ ދެވިފައިވާ ކީރިތި ޤުރުއާނުގެ އާޔަތުގެ އެންމެ ފުރަތަމަ ބައިގައި ތައުރާތަށް ޙަވާލާދެއްވައި އެވަނީ ޞަޙާބީންގެ އިންފިރާދީ ސިފަތައް ބަޔާންކުރައްވައިފައެވެ. ދެވަނަ ބައިގައި އިންޖީލަށް ޙަވާލާދެއްވައި ބަޔާންކުރައްވައިފައިއެވަނީ އެބޭކަލުންގެ އިޖްތިމާޢީ ސިފަފުޅުތަކެކެވެ.

ރަސޫލާގެ ސަޙާބީންގެ އެންމެ ފުރަތަމަ ސިފަފުޅެއްކަމުގައި ބަޔާންކުރައްވައިފައިވަނީ " ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ" ބޭކަލުންތަކެއް ކަމެވެ. މާނަޔަކީ މާތްﷲ އަށް އީމާންވެވަޑައިގަތުމުގެ ސަބަބުން އެބޭކަލުން ހިމެނިވަޑައިގެންފައިވަނީ ހަމައެއްގައި ހިފަހައްޓަވާ ބޭކަލުން ކަމުގައެވެ. ދީނަށް އިންކާރުކުރާ ނުވަތަ އެއްވެސް އުސޫލެއްނެތި އެއްވެސް ހަމައެއްނެތި ދިރިއުޅޭ ބަޔަކާ އެއްބައިވުމުގެ މުޢާމަލާކުރެއްވުމަކީ އެބޭކަލުންނަށް ކުރެއްވޭނެ ކަމެއްނޫނެވެ. އަމިއްލަފުޅު ފައިދާއެއް ހޯއްދެވުމަށްޓަކައި އެބޭކަލުންނަށް އެއްވެސް އުސޫލެއްނެތް ގޮތެއް ޚިޔާރެއް ނުކުރެއްވޭނެއެވެ.

" އެބައިމީހުންގެ މެދުގައި، އޯގާވެރި، ރަޙްމަތްތެރި ބަޔެކެވެ." މިބަސްފުޅުގެ މަޠުލަބަކީ އެބޭކަލުންނަކީ އެބޭކަލުންގެ ދީނީ އަޚުންނާމެދު، ދެބަސްވުމާއި، ޝަކުވާއުފެދޭފަދަ ދަނޑިވަޅުތައް އައިކަމުގައިވިޔަސް ހަމްދަރުދީއާއި އޯގާވެރިކަމުގައި ދެމިތިއްބަވާ ބަޔެއްކަމެވެ. ޣައިރުދީނުގެ މީހުންނާ މުޢާމަލާކުރައްވާއިރު ކުރިމަތިވަނީ އުޞޫލު ތަފާތުވުމުގެ މަސްއަލައެވެ. އެފަދަ ވަގުތުގައި އެބޭކަލުން ފެންނާނީ އެއްވެސް ކަހަލަ ދުލެއް ދެއްވުމެއްނެތް ބަޔެއްކަމުގައެވެ. އެބޭކަލުންނާ އެއްދީނެއްގެ މީހުންގެ ތެރޭގައި އުޅުއްވާއިރުވެސް ހިތްޕުޅުގައި ޝަކުވާ އުފެދޭކަހަލަ ޙާދިޘާތައް މެދުވެރިވެއެވެ. ނަމަވެސް އެފަދަ ޙާލަތްތަކުގައި އެބޭކަލުން ޝަކުވާތަކާއި ނުރުހުންތެރިކަން ހަނދުމަފުޅު ނައްތަވައިލައްވައި ރީތިކޮށް މުޢާމަލާކުރެއްވުމުގައި ދެމިތިއްބަވައެވެ.

" ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބަޔަކަ" ކަމުގައިވުމުގެ މަޠުލަބަކީ އެބޭކަލުންނަކީ ނަމާދު ޤާއިމުކުރައްވާ ބޭކަލުން ކަމެވެ. އެބޭކަލުންގެ ދުވާލާއި ރޭގަނޑު މާތްﷲގެ ޙަޟްރަތަށް ރުކޫޢުކުރެއްވުމާއި އަޅުކަންކުރެއްވުމުގައި ހޭދަކުރައްވާކެމެވެ.

" ﷲގެ ޙަޟްރަތުން ފަޟުލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ" ބަޔަކުކަމުގައި ވުމުގެ މާނަޔަކީ، އެބޭކަލުންގެ އަރިހުގައި އެންމެ ލޮބުވެތި، އެބޭކަލުން އެންމެ ބޭނުންފުޅު އެއްޗެއްސަކީ ﷲގެ ހަޟްރަތުގައިވާ އެއްޗެހިކަމެވެ. އެބޭކަލުންގެ ވަގުތު ހޭދަ ކުރައްވަނީ މާތްﷲ ހަނދުމަކުރެއްވުމާއި، އެކަލާނގެ ޙަޟްރަތަށް ދުޢާކުރެއްވުމާއި މުނާޖާ ދެންނެވުމުގައިކަމެވެ.

" އެބައިމީހުންގެ ޢަލާމަތް އެބައިމީހުންގެ މޫނުތަކުގައިވެއެވެ." މިބަސްފުޅުގެ މާނައަކީ އެބޭކަލުންގެ ހިތްޕުޅުގައިވާ މާތްﷲ އަށް ތަޤްވާވެރިވެ ވަޑައިގަތުމުގެ އަސަރު އެބޭކަލުންގެ މޫނުފުޅުމަތިން ތަވާޟުއުވެރިކަމާއި ހަރުދަނާކަމުގެ ސިފައިގައި ފާޅުވުމެވެ.

އާދެ،އިސްވެދިޔައީ އެބޭކަލުންގެ އިންފިރާދީ ސިފަފުޅުތަކެވެ.

ޞަޙާބީންގެ އިންފިރާދީ ސިފަފުޅުތަކުގެ ވާހަކައަށްފަހު މިދެންނެވި ސިފަފުޅުތަކުގެ އިޖްތިމާޢީ ނަތީޖާ އޮށްޓަރެއްގެ މިސާލުން ބަޔާންކުރައްވައިފައިވެއެވެ. ބިމުގައި އޮށެއް އިންދުމުގެ އެއިން ނިރެއް ނިކުމެ ހެދި ބޮޑުވެ ގަހަކަށްވެއެވެ. ހަމަ އެފަދައިން އިސްވެ ދެންނެވި ސިފަތައް އިންސާނީ ފަރުދުންތަކެއްގެ ކިބައިގައި އަށަގަތުމުން ބޭރުގެ ދުނިޔެއަށް އޭގެ އަސަރުކުރާން ފަށައެވެ. ރަސޫލާގެ ޞަޙާބީންގެ ސިފައިގައި އޭގެ ފުރިހަމަ ނަމޫނާ ތާރީޚުގައި ޤާއިމުވެފައިވާ އިންޤިލާބަށް ވާޞިލުވެއްޖެއުމަށް ދާންދެން އެއަސަރު ދެމިގެންދެއެވެ.

comment ކޮމެންޓް