މަންމަގެ ގެއަށް ދިއުމަށް ނުކުތް، ޝަފީއު ނުފެނި ދެ ދުވަސް

ގެއްލިގެން ހޯދަމުން އަންނަ ޝަފީއު --- އޭނާ ގެއްލުނީ މަންމަގެއަށް ދިއުމަށް ނުކުތް ފަހުން-- ފޮޓޯ: ފުލުހުން

އަންގާގާ ރިސޯޓުގެ ރޫމް އެޓެންޑެންޓަކަށް އުޅޭ ފުވައްމުލަކު، އޮޅުތެރޭގޭ، މުހައްމަދު ޝަފީއު،43، ޗުއްޓީއަށް ރަށަށް ދިޔައީ މިދިޔަ ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު ފުލައިޓުންނެވެ. އެއަށްފަހު އޭނާ އަންހެނުންގެ ގެއިން ރޭގަނޑު ކެއުމަށްފަހު 9:30 ކަންހާއިރު އޭނާ މަންމަމެން ގެއަށް ދާން ނުކުތް ކަމަށާއި އޭގެ ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށް އެއާއިލާއިން ބުނެއެވެ.

ޝަފީއު ގެއްލުނުތާ މިއަދަށް ތިން ދުވަސްވާއިރު ޝަފީއުގެ އެއްބަނޑު ކޮއްކޮ އަބްދުﷲ ފަހުމީ ސަން އަށް ބުނީ ޝަފީއު ގެއިން ނުކުންނަމުން އޭނާ އަންހެނުން ކައިރި ބުނީ މަންމަމެން ގެއަށް ގޮސް އަންނާނެ ކަމަށެވެ. އޭނާގެ މަންމަ ދިރިއުޅެނީ ދޫޑިގަމް އޮޅުތެރޭގޭގައެވެ. ޝަފީއު އުޅެނީ އޭނާ އަންހެނުން ދިރިއުޅޭ ދޫޑިގަމްގައި ހުންނަ އެހެން ގެއެއްގައެވެ. އެގެއިން އޭނާގެ މަންމަ ގެއަށް ހިނގާފައިވެސް 10 ވަރަކަށް މިނެޓުން ދެވޭނެ ކަމަށް ފަހުމީ ބުންޏެވެ.

ގެއްލިގެން ހޯދަމުން އަންނަ ޝަފީއު --- އޭނާ ގެއްލުނީ މަންމަގެއަށް ދިއުމަށް ނުކުތް ފަހުން--

"ފުވައްމުލަކު ސުކޫލް އިންނަ މަގުން ދާނެ ކަމަށް ބެލެވެނީ، އޭނާ ގެއިން ނުކުތީ ހިނގާފައި ދިއުމަށް، މަންމަމެން ގެއަށް ދާން ނުކުތްފަހުން ހަބަރެއްނުވޭ، މަންމަ ބުނީ އެގެއަށް ނާންނަ ކަމަށް،" ފަހުމީ ބުންޏެވެ.

ޝަފީއުގެ ބޭބެ އަލީ ފަހީމް ބުނިގޮތުގައި ޝަފީއު ބޭރަށް ނުކުތީ ވޮލެޓާއި ފޯންވެސް ބާއްވާފައެވެ.

ޝަފީއު އޭނާ ދިރިއުޅޭގެއިން މަންމަމެން ގެއަށް ދިއުމަށް އޮންނަ މަގުގައި ވަލެއް ނުވަތަ އަނދިރި އެހާ އެއްވެސް ހިސާބެއް ނޯންނާނެ ކަމަށް އެއާއިލާއިން ބުނެއެވެ. އެސަރަހައްދު މޮނީޓާ ކުރުމަށް ސީސީޓީވީއެއްވެސް ނުހުރެއެވެ.

ޝަފީއުގެ އަންހެނުންނާއި ހަވާލާދީ ޝަފީއުގެ ކޮއްކޮ ފާތުމަތު ޝިޔާމާ ބުނީ ޝަފީއު މަންމަމެން ގެއަށް ދިއުމަށް ނުކުތުމާއެކު އޭނާގެ އަންހެނުން އޭނާއާއެކު ދާން މަޑުކުރަން އެދުނު ކަމަށާއި ނަމަވެސް އަންހެނުން ތައްޔާރުވެގެން ނުކުތްއިރު ޝަފީއު ނެތް ކަމަށެވެ.

"ބޭބެ ކައިރީ އޭނަ އަންހެނުން ބުނީ އޭނާއާއެކު ދާން މަޑުކުރާށޭ، ދެން އޭނާ އަންހެނުން ހެދުން ބަދަލުކޮށްގެން އައިސް ބެލިއިރު ބޭބެ ފެންނަން ނެތް،" ޝިޔާމާ ބުންޏެވެ.

ޝިޔާމާ ބުނިގޮތުގައި މިފަހަކަށް އައިސް ޝަފީއު އުޅެނީ ބޮލުގަޔާއި ބަނދުގައި ރިއްސުން ފަދަ މައްސަލަތަކެއް ކުރިމަތިވާތީއެވެ. ނަމަވެސް އޭނާގެ ހާލު ގޯސް ނޫން ކަމަށް އާއިލާއިން ބުންޏެވެ.

ގެއްލިގެން ހޯދާ ޝަފީއު

ޝަފީއުގެ އާއިލާ މެމްބަރުން މައުލޫމާތު ދޭގޮތުގައި ޝަފީއުއާއި އޭނާގެ އަންހެނުންނާއިވެސް އަދި އެހެން މީހަކާއިވެސް މައްސަަލަ ޖެހިފައިވާކަން އެނގިފައިނުވާ ކަމަށެވެ. އޭނާ އަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮންނަ މީހެއް ނޫން ކަމަށްވެސް އާއިލާއިން ބުނެއެވެ.

ޝަފީއު ހޯދުމަށް ފުލުހުން ވަނީ ފުވައްމުލަކު ވަލުތެރެއާއި ފަޅުގެތަށް ބަލާފައެވެ. އަދި ކޯސްޓްގާޑުން ވަނީ ކަނޑުގެ ސަރަހައްދުވެސް ބަލާފައެވެ. އަދި އޭނާއެއް ނުފެނެއެވެ.

ޝަފީއު މިހާރު އިނދެގެން އުޅޭ ފުވައްމުލަކު މީހާ އާއި އިނީ މީގެ އަހަރެއްހާ ދުވަސްކުރިން ކަމަށް އެއާއިލާއިން މައުލޫމާތުދެއެވެ. އޭގެ ކުރިން ޝަފީއު ކައިވެނި ކުރީ އައްޑޫ މީހަކާއެވެ. އެކައިވެންޏަށް 10 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ.

ޝަފީއުގެ އާއިލާވަނީ ބޮޑު ޝޮކެއްގެ ތެރޭގައެވެ. އެމީހުން ބުނަނީ ޝަފީއު ގެއްލެން މެދުވެރިވާނެ އެއްވެސް ސަބަބެއް ނޭނގޭ ކަމަށެވެ. މިހާރުވެސް ފުލުހުންނާއި ސިފައިން އަދި އާއިލާއިން ގުޅިގެން ޝަފީއު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް