ރޮނާލްޑޯ އެނބުރި މެންޗެސްޓާއަށް އަންނާން ޖެހޭ ސަބަބެއް ނެތް: މޮރީނިއޯ

ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ: މިރަރ

ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކްލަބު، މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި އަންނާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ޕްރިސީޒަން ޓުއާގައި އެމެރިކާއަށް މެންޗެސްޓާ ޔުނައިޓެޑް މިހާރު ފަށާފައިވާ ދަތުރުގައި، އެލްއޭ ގެލެކްސީ އަތުން 5-2 ލަނޑުން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު، މޮރީނިއޯ ބުނީ، ރޮނާލްޑޯ އަލުން މެންޗެސްޓާ ޔުނައިޓެޑަށް ގެނެވޭނެ ގޮތަކާ މެދު ވިސްނާން ވަގުތު ބޭކާރުކޮށްލަން އޭނާ ބޭނުން ނުވާ ކަމަށެވެ.

"އަހަރެމެން އެކަމަކާ ނުވިސްނަން، ސަބަބަކީ އޭނާ [ރޮނާލްޑޯ]އަކީ، އިގްތިސާދީ ގޮތުން ވަރުގަދަ އެ ކްލަބަށް ވަރަށް މުހިއްމު ކުޅުންތެރިއެއް،" ކުރީން ރެއާލް މެޑްރިޑަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

"ރޮނާލްޑޯ ރެއާލް ދޫކޮށް އަންނަން ޖެހޭ ހަމަ އެއްވެސް ސަބަބެއް އަހަރެމެންނަކަށް ނުވިސްނުނު.

"އަހަރެން ބޭނުމެއް ނޫން، ނުގެނެވޭވަރުގެ ކުޅުންތެރީން ހޯދުމަށް އަހަރެންގެ ވަގުތު ބޭކާރުކޮށްލާކަށް."

ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނަށް އެ ކްލަބުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން މިހާތަނަށް ގެނައި ކުޅުންތެރީންގެ ތެރޭގައި ވިކްޓަރ ލިންޑެލޯފް އާއި ރޮމެލޫ ލުކާކޫ ހިމެނޭއިރު އެ ދެކުޅުންތެރީންވެސް ވަނީ އެލްއޭ ގެލެކްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ބައިވެރިވެފައެވެ.

comment ކޮމެންޓް