ދަރިވަރުނާ ގުޅޭ ޑޭޓާބޭހެއް ގާއިމްކުރި އޭޝިއާގެ ފުރަތަމަ ގައުމަކަށް ރާއްޖެ

މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) މިރޭ އިފްތިތާހް ކޮށްދެއްވަނީ

ްތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް އެއްކޮށް، ބެލެހެއްޓުމަށް ހާއްސަ ސިސްޓަމެއް އެޑިއުކޭޝަން މިނިސްޓްރީން ގާއިމްކޮށް، އިފްތިތާހް ކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ތައުލީމީ މައުލޫމާތު އެކުލެވޭ ޑޭޓާބޭސް ނުވަތަ މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް)ގެ ނަމުގައި ގާއިމްކުރި އެ ސިސްޓަމް އިފްތިތާހް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ޔުނިސެފްގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޖީން ގޯފް އެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިގޮތުގައި އޮށްޓަރުހުރި ނިންމުންތައް ނިންމުމުގައި ތަފާސްހިސާބުތައް ދުވަހެއްދުވަހަކަށް ދަނީ މުހިންމުވަމުން ކަމަށާއި އަދި އެއާއި ނުލައި ކަނޑައަޅާ އަމާޒުތަކަށް ވާސިލްނުވެވޭން ކަމަށެވެ.

މިނިސްޓްރީއިން ނަތީޖާނެރެވޭނެ ނިންމުންތައް ނިންމުމުގައި ވަރަށް އިސްކަންދެއްވާކަމަށާއި، އެކުލަވާލި ޑޭޓާބޭސް ސިސްޓަމަކީ މިނިސްޓްރީއިން ގެންގުޅޭ ސިޔާސަތުތަކަށް ވާސިލްވުމަށްޓަކައި އެކުލަވާލެވުނެ ފުރިހަމަ އެޑިއުކޭޝަން އިންފޮމޭޝަން ސިސްޓަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖެއިން ގާއިމްކުރި މި ސިސްޓަމަކީ ދަރިވަރުންގެ ތައުލީމީ ހަޔާތާ ގުޅޭ މައުލޫމާތު އެއްކޮށް ބެލެހެއްޓޭނެ ގޮތަކަށް ދެކުނު އޭޝިއާގައި ވެސް ގާއިމްކުރި ފުރަތަމަ ސިސްޓަމެވެ.

"މިހިސާބުގައި ރާއްޖެއަކީ ހަމައެއްވަނަ. އަހަރެން ޔަގީންކަންދެން ކިޔަވާ ކޮންމެ ކުއްޖަކު ސްކޫލަށް ވަނީއްސުރެ ނިމެންދެން ޓްރެކް ކުރެވޭ ނިޒާމެއް ގާއިމް ކޮށްފައިވަނީ ހަމައެކަނި ރާއްޖޭގައި ކަން،" ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑައިރެކްޓަރު އިންފޮމޭޝަން ޓެކްނޮލޮޖީ އެޓް ކޮމިއުނިޓީ ސިސްޓަމް ކާލް ޓާންބެލް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ ތަފާސް ހިސާބު ބެލެހެއްޓުމަށް މީގެ ކުރިން ތަފާތު ގޮތްތައް ބޭނުން ކުރި ނަމަވެސް، އޭރު ބޮޑަށް ބޭނުން ކުރަމުން އައީ ކަރުދާހުގައި ނުވަތަ މެނުއަލް ގޮތްތަކެކެވެ. އޭގެ ސަބަބުން ސްކޫލްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ.

ނަމަވެސް ރޭ އިފްތިތާހްކުރި ޑޭޓާބޭސްގެ ސަބަބުން ކިޔަވާކުދިންނަށް ދޭންޖެހޭ ސަމާލުކަން އިތުރުކޮށް އަޅަންޖޭހޭ ފިޔަވާޅުތައް ވަގުތުން ވަގުތަށް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ވީހާވެސް ފަސޭހަކޮށް ހަރުދަނާ ކަމާއެކީ ލިބޭނެ ގޮތް މަގު ފަހިވެގެން ދާނެއެވެ.

މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެގޮތުން ދަރިވަރު ސްކޫލަށް ހާޒިރުވާކަން ޔަގީންކުރެވި، ދަރިވަރުންގެ ކިޔެވުމާއި ސިއްހަތާއި ގުޅުންހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއް ކުރެވޭނެއެވެ.

ސިސްޓަމްގެ ތެރެއިން ޓްރެކް ކުރެވޭ މައުލޫމާތުތައް

  • ދަރިވަރަށް ކިޔެވުމުގައި ނުވަތަ ގޭތެރޭގެ މާހައުލުގައި އުދަނގޫތަކެއް ކުރިމަތިވާކަމަށް ފާހަގަ ކުރެވޭ ނަމަ، އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ
  • އެއްވެސް ސަބަބަކާހުރެ ސްކޫލަށް ނުގޮސް ތިބޭ ކުދިންގެ މައުލޫމާތު ހޯދި، އެކުދިންނަށް ތައުލީމް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ
  • ދަރިވަރު ސްކޫލް ނިންމުމަށްފަހު ކުރަން ބޭނުންވަނީ ކޮންކަމެއްތޯ ބަލައި 18 އަހަރު ވަންދެން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ
  • ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުވާކަން ކަށަވަރު ކުރުމަށް، ދަރިވަރުންގެ ހާޒިރީ ހުންނަ ގޮތް ދެނެގަނެވި، ދިގު މުއްދަތަކަށް ސްކޫލަށް ނާންނަ ދަރިވަރުންގެ މައްސަލަ ހުއްޓުވުމަށް ފިޔަވަޅު އެޅޭނެ

އޭގެ އިތުރުން ބެލެނިވެރިންނަށް ދަރިވަރުންގެ މައުލޫމާތު ކުރިއަށްވުރެ ހަރުދަނާކޮށް ލިބިގެން ދާއިރު، ދަރިވަރުންގެ ހާޒިރީ އަދި ކިޔެވުމާ ގުޅުން ހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް ބެލެނިވެރިންނަށް ލިބި ސްކޫލަށް ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ކުރިއަށްވުރެ ބޮޑަށް ލިބިގެން ދާނެއެވެ.

މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވާހަކަފުޅު ދައްކަވަނީ

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނިގޮތުގައި މި ނިޒާމަކީ ސެންޓްރަލީ ބެލެހެއްޓޭ ނިޒާމެކެވެ. އެހެންކަމުން ދަރިވަރުންގެ އެންރޯލްމެންޓް ގައި ދިމާވާ މައްސަލަތައް ހައްލުކުރެވި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރު ބަދަލުވެގެންދާއިރު ދަރިވަރުގެ އެންމެހޭ ރެކޯޑުތައް ދަރިވަރު ބަދަލުވާ ސްކޫލަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އޯޕަންއީމީސް ނުވަތަ އީމިސްއަކީ ޔުނެސްކޯއިން ގައުމުތަކުގެ ތައުލީމީ ދާއިރާގެ މައުލޫމާތުތައް އެއްކޮށްބެލެހެއްޓުމަށްޓަކައި އެހީތެރިވެދިނުމަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. ޔުނިސެފުގެ އެިތެރިކަމާއެކު ސީއެސްއެފުން ތައްޔާރުކޮށްފައިވާ މިނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލުތަކުން އަހުލުވެރިކުރުމަށް ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި މުސްތަގްބަލުގައި މިނިޒާމު މަތީތައުލީމު ދޭ އިންސްޓިޓިއުޓްގައިވެސް ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އޭގެ އިތުރުން ސްކޫލުތަކުގެ ނަތީޖާ ރަނގަޅުކޮށް ހިންގުން ކުރިއަށްވުރެ ހަރުދަނާކޮށް ދިނުމުގައިވެސް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް