އަދީބު މިހާރު ދައްކާ ވާހަކަތައް އަޑުއަހާނެ ބަޔަކު ނެތް: ޝައިނީ

1436 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މާލެއިން ފުރާވަޑައިގެންނެވި ތަނުގައި ފިޝަރީޒް މިނިސްޓަރު ޝައިނީ އަދި އަހުމަދު އަދީބު -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިހާރު ދައްކާ ވާހަކަތައް އަޑު އަހާނެ ބަޔަކު ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން މިރޭ ގެނެސްދިން ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، އަދީބަކީ ވަރަށް ގާތްކޮށް ސަރުކާރުގެ ތެރޭގައި އެއްކޮށް އުޅުނު ބޭފުޅެއް ކަމަށެވެ.

ނަމަވެސް މިއަދު ޖަލު ހުކުމެއް ތަންފީޒު ކުރަައްވަމުން އަދީބު ގެންދަވާއިރު، ޖަލުގައި އޮއްނަވައިގެން މިހާރު ދައްކަވާ ވާހަކަތައް ސަރުކާރުގެ ތެރޭގައި ހުންނެވިއިރު ނުދެއްކެވީ ކީއްވެގެންތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.

"އަދީބަކީ އަޅުނގަޑު ވެސް މަރާލަން މަސައްކަތްކޮށްފައި ހުރި މީހެއްވީމަ އެވާހަކަ ދައްކަން ތަންކޮޅެއް އުދަނގޫ، އެހެން ނަމަވެސް މިއަދު އަދީބުގެ ވާހަކަ ދައްކާނީ ކާކުތޯ؟ އެ ވާހަކަތައް ގަބޫލު ކުރާނީ ކާކުތޯ؟ މިހުރިހާ ދުވަހު އެވާހަކަ ނުދައްކާފަ ދެން ނުކުމެ ފާޑުފާޑު ވާހަކަ ދެއްކީމަ ކާކުތޯ ގަބޫލު ކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެވާހަކަތައް އަމާޒު ކުރެއްވީ، އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި ހުކުމް ލިޔުއްވީ ފަނޑިޔާރެއް ނޫން ކަމަށާއި އެ ހުކުމް ލިޔުނު މީހާ އެނގިވަޑައިގަންނަވާ ކަމަށް ބުނެ އަދީބު މިއަދު ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

ރައީސް ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ކުރި އިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދީބު ނެރުއްވި ބަޔާނުގައި ވަނީ، ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރީ އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ނަޝީދު ސިޔާސީ މަސައްކަތްތައް ފެއްޓުމާ ގުޅިގެން އެކަން ހުއްޓުވުމަށް ކަމަށެވެ.

އެގޮތުން ނަޝީދުގެ މައްޗައް ކުރި ހުކުމަކީ ޝަރުއީ ކޯޓެއްގައި ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށާއި އެ ހުކުމް ތައްޔާރު ކުރި ފަރާތެއް އެނގޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ބުނެފައިވަނީ، ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ފަނޑިޔާރުންނަށާއި އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއް ކަން ސާބިތުވާ ވަރަށް މައުލޫމާތު ހުރި އިރު، އެ މައުލޫމާތު ސުޕްރީމް ކޯޓުގައި ހާމަ ކުރުމަށް ފުރުސަތު ދެއްވައިފި ނަމަ އެ މިންވަރަށް މައުލޫމާތު ދެއްވަން ތައްޔާރަށް ހުންނެ ި ކަމަށެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، އެފަދަ ވާހަކަތަކެއް އަދީބު އެ ދައްކަވަނީ އޭނާއަށް އިއްވާފައިވާ 33 އަހަރުގެ ހުކުމުން ސަލާމަތް ވުމަށް ކަމަށެވެ. އަދި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެހެން ހިސާބަކަށް ގެންދިއުމަށް ހަގީގަތެއް ނެތް ގޮތަށް ދައްކާ އެ ވާހަކަތައް ގަބޫލު ނުކުރައްވާނެ ކަމަށް ވެސް މިރޭގެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ.

comment ކޮމެންޓް