ހިގުއައިން އަށް ޗެލްސީން 100 މިލިއަން ޔޫރޯ ހުށަހެޅުމުންވެސް ޔުވެންޓަސް ނޫނެކޭ ބުނެފި

ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ގޮންޒަލޯ ހިގުއައިން -- ފޮޓޯ: ގެޓީ

ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ހޯދުމަށް އިނގިރޭސި ލީގު ޗެމްޕިއަން ޗެލްސީ 100 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމުންވެސް ޔުވެންޓަސްއިން ނޫނެކޭ ބުނެފިއެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ ޓުޓޯސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނިގރޭސި ޕްރިމިއަރ ލީގު ޗެމްޕިއަންސް ވަނީ، ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑުގެ އިތުރުން އެ ކްލަބުގެ ބްރެޒިލް ޑިފެންޑަރު އެލެކްސް ސަންޑްރޯ ހޯދުމަށްވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެހެން ނަމަވެސް ޔުވެންޓަސްއިން ވަނީ، މި ދެކުޅުންތެރީންގެ ތެރޭން އެއްވެސް ކުޅުންތެރިއަކު ވިއްކާލަން ބޭނުން ނުވާކަމަށް ބުނެފައެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އެ ކްލަބުގެ ފޯވާޑް ޑިއެގޯ ކޮސްޓާއަށް އޭނާ އެހެން ކްލަބެއް ހޯދަން ބުނެފައެވެ. އެހެންކަމުން، ކޮސްޓާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ހޯދުމަށް ކޮންޓޭ ވަނީ ކެތްމަދުވެފައެވެ.

ކޮސްޓާގެ ބަދަލުގައި ޗެލްސީގެ ކުރީގެ ތަރި ރޮމެލޫ ލުކާކޫ އެ ޓީމަށް ގެނައުމަށް ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވިފައި ވަނިކޮށް އެކަމަށް ހުރަސްއެޅީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެހެންކަމުން ޕްރިސީޒަން ފެށުމުގެ ކުރީން ކްލަބުގެ ފޯވާޑްލައިން ވަރުގަދަކުރުމަށް ޗެލްސީއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ހިގުއައިންގެ އިތުރުން ޗެލްސީ ވަނީ، ރެއާލް މެޑްރިޑްގެ ފޯވާޑް އަލްވާރޯ މޮރާޓާއާއި ޓޮރީނޯގެ އިޓާލިއަން ފޯވާޑް އެންޑްރޭ ބެލޮޓީއަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ބެލޮޓީ މިހާރު ވަނީ އޭސީ މިލާނާއެކު އެއްބަސްވުމަކަށް އައިސްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް