ޕާސްޕޯޓު ހިފެހެއްޓުމުން ގާސިމަށް ރާއްޖޭން ބޭރަށް ފުރޭގޮތެއް ނުވި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް --

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންތަނުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ގާސިމްގެ ގާނޫނީ ޓީމުން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިރޭ ސަންއަށް ވިދާޅުވީ، ގާސިމްގެ ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތުމަށް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައި ވާތީ ފުރާވަޑައިގެންނެވޭ ގޮތް ނުވި ކަމަށެވެ.

ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލާ ހިސާން ހުސެން 'ސަން'އަށް ވިދާޅުވީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެނގުނީ އެމަނިކުފާނުގެ ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަފަހުން ކަމަށާއި އެކަން ކުރިން އަންގާފައި ނުވާ ކަމަށެވެ.

ހިސާން ވިދާޅުވީ، ގާސިމް ބޭރަށް ފުރާވަޑައިގަތުމަށް ވަޑައިގެންނެވީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށާއި ނަމަވެސް އެއާޕޯޓުން މައުލޫމާތު ލިބުނުގޮތުގައި ގާސިމްގެ ޕާސްޕޯޓް ވަނީ މިއަދު މެންދުރުން ފެށިގެން ހިފަހައްޓައިފައި ކަމަށެވެ.

"ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާނަމަ އެމީހަކަށް އަންގަން ވާނެ. ނަމަވެސް އަޅުގަނޑުމެނަށް އަދި ގާސިމުގެ އިތުރުން އޭނާގެ އާއިލާއަކަށް ވެސް ނެތް ޕާސްޕޯޓް ހިފެހެއްޓިކަމެއް އަންގާފައެއް،" ހިސާން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ސަންއަށް ވިދާޅުވީ، ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމުން ބޭރަށް ފުރޭގޮތް ވެފައި ނުވާތީ މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ބޭސްފަރުވާއަށް ބޭރަށް ފުރޭ ގޮތް ވޭތޯ ވެސް ބަލަމުން އަންނަ ކަމަށް ސަމީރު ވިދާޅުވިއެވެ.

ގާސިމް މިއަދު 12:30ކަންހާއިރު މެޑިކާ ހޮސްޕޮޓަލްގައި އެޑިމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ ކާރުކޮޅުގައި ބަންޑާރަ މިސްކިތް ކައިރިން ވަޑައިގަންނަވަނިކޮށް ނޭވާ ހާސްވާގޮތްވެ، ދާހިއްލައި ހޮޑުލަވައިގަތުމުން ކަމަށް ސަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކޮށްފައި ވަނިކޮށެވެ. އެހެން ނަމަވެސް އޭނާގެ ބަލިހާލަތު ހުރި ގޮތުން ހާޒިރުވެވޭ ގޮތް ނުވުމުން އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

comment ކޮމެންޓް