7000 ހައުސިން ޔުނިޓް: ގެދޮރުވެރިވުމަށް އެދޭ އެތައް ބައެއްގެ ހުވަފެން ހަގީގަތަކަށް!

ހުޅުމާލޭގައި އަޅާ 7000 ހައުސިން ޔުނިޓު އަޅާ ސަރަހައްދު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދާދި ފަހުން ސަރުކާރުން އިއުލާނުކުރި 7000 ސޯޝަލް ހައުސިންގް ޔުނިޓުގެ ޚަބަރާ އެކު ދިވެހިންގެ ތެރެއިން ގިނަބައެއްގެ އުއްމީދުތައް އެ މަޝްރޫއާ ގުޅިލާމެހިއްޖެ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެއްފަހަރާ އެހާ ގިނަ ހައުސިން ޔުނިޓު އަޅައި އެހާ ކުރު މުއްދަތެއްގައި ހަވާލުކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ.

އެ މަޝްރޫއު އިއުލާން ކުރައްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގެދޮރު އިމާރާތްކުރުމުގެ ގޮތުން އެތައް ހާސް ހައުސިން ޔުނިޓެއް އަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާރު އެތަނުގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓްގެ ދަށުން 7،000 ހައުސިން ޔުނިޓް އަޅައި އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން އެތަންތަނަށް ކުރިމަތިލާ މީހުންގެ ތެރެއިން ހައްގުވެރި ފަރާތްތަކަށް ފްލެޓު ހަވާލު ކުރައްވާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ޓުއާގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ މަޝްރޫއު ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ވަނީ އިއްޔެ ނޫސްވެރިން ހުޅުމާލެއަށް ގެންގޮސް އެ ރަށުގައި ހިންގާ މައި ޕްރޮޖެކްޓުތައް ދައްކާލައި، އޭގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެ ދަތުރުގައި، ސަރުކާރުން އިއުލާން ކުރި 7000 ހައުސިންގް ޔުނިޓުގެ މައުލޫމާތު ވެސް ނޫސްވެރިންނާ ހިއްސާ ކުރި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއާއި ފެނާއި ނަރުދަމާގެ އިތުރުން އެތަނުގައި އިމާރާތް ކުރާ 25 ބުރީގެ ހަތަރު ޓަވަރުގެ މައުލޫމާތު ވެސް ހިއްސާ ކުރި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި ގޮތުގައި އެތަނުގައި މިހާރު އަޅަމުންދާ ހަތަރު ޓަވަރުގެ ތެރެއިން ތިން ޓަވަރަކީ ސަރުކާރުން އިއުލާން ކުރި 7000 ސޯޝަލް ހައުސިން ޔުނިޓުތަކާ ގުޅޭ ތިން ޓަވަރެވެ. އަދި އެއް ޓަވަރަކީ އޮފީސް އިމާރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓަވަރުތަކުގެ ޕައިލްސް ޖެހުމުގެ މަސައްކަތް ކުރިއަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި ގިނަ ދުވަސްތަކެއްވީ އިރު ވެސް އެތަނުގައި އިންފްރާސްޓްރަކްޗާ މަސައްކަތެއް ކުރާތަނެއް ނުފެންނަ ކަމީ ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ހަގީގަތަކީ ބިމެއް ހިއްކައި ބިންގަނޑު ހަމަޖެހެން ވެސް ދުވަސް ނަގާ ކަމެވެ. މިކަންކަމުގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކޮންސެޕްޓަށް ބަލާއިރު ވެސް އެތަނުގައި އެޅުމަށް ޕްލޭންކޮށްފައި ވަނީ ބޮޑެތި ބިޔަ އިމާރާތްތަކެވެ. ފަންސަވީސް ބުރިއަށް ނަގާ އިމާރާތްތަކެވެ. އެހެން ކަމުން އެފަދަ އިމާރާތްތައް ނެގުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ބުރަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އިމާރާތްތައް ނެގޭނީ ވެސް އިމާރާތާ އެކަށީގެންވާ ވަރުގެ ފައުންޑޭޝަނެއް އެޅިގެން. ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މިއަދު މިތަނުގައި ކުރިއަށް މިދަނީ ފައުންޑޭޝަން އެޅުމަށް ޓަކައި ޕައިލްސް ޖެހުމުގެ މަސައްކަތް. ފައުންޑޭޝަން އެޅުމާ އެކު އިމާރާތްތައް އަރައަރައިގެންދާ މަންޒަރު ވެސް ފެންނާނެ،" ސައިމަން ވިދާޅުވި އެވެ.

ތެދެކެވެ. މިހާރު އެމަސައްކަތް ވަނީ ފަށައިފަ އެވެ. ތިން ޓަވަރުގެ ފައުންޑޭޝަނަށް 884 ޕައިލްސް ޖަހަން ޖެހޭ އިރު މިހާރު ވަނީ 230 ޕައިލްސް ޖަހައިފަ އެވެ. އަދި މަސައްކަތް ކުރިއަށްދާ ސްޕީޑު ލަސްވުމުން ޕައިލްސް ޖަހާ އިތުރު ހަތް މެޝިން ވެސް މިހާރު ވަނީ ގެނެސްފަ އެވެ.

"ކުރިން ބޭނުން ކުރަމުން އައީ ތިން މެޝިން. އޭގެން ދުވާލަކު ޖެހެނީ ހައެއް ނޫނީ ހަތް ޕައިލްސް. އެހެންވެ މަސައްކަތް ހަލުވިކޮށް ކުރުމަށް މިހާރު ވާނީ އިތުރު ހަތް މެޝިން ގެނެސްފައި. މިހާރު މަސައްކަތްދާ ގޮތުން ދުވާލެއްގެ މައްޗަށް 12 ޕައިލްސް އެބަ ޖެހޭ،" ސައިމަން ވިދާޅުވި އެވެ.

އެތަނުގައި އަޅާ ހައުސިން ޔުނިޓުތަކަކީ ޗައިނާ ސަރުކާރުން ހިންގާ އެޗްޑީސީގެ މަޝްރޫއެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޕައިލިންގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތުގެ އިތުރުން އެތަނުގައި ބެޗިން ޕްލާންޓަކާއި ފެން ޕްލާންޓެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އަދި ހައުސިން ޕްރޮޖެކްޓަށް ޚާއްސަކޮށްގެން 50،000 ޓަނުގެ ހިލަވެލީގެ ޝިޕްމަންޓަށް އޯޑަރުދީ ރާއްޖެއަށް ގެނައުމުގެ މަގުމަތީގައިވާ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

މަސައްކަތުގައި އުޅޭ ލޭބަރުންނަށް 2500 ޓެންޓު

މިފަދަ ބޮޑު މަޝްރޫއެއް ހިންގާ އިރު މަޝްރޫއު ހަގީގަތަކަށް ހެދުމަށް ޓަކައި ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވެ އެވެ. ކޮންސްޓްރަކްޝަން ސައިޓުގައި އަބަދުވެސް 80 މުވައްޒަފުން ތިބޭ އިރު، 2500 މުވައްޒަފުން ދަނީ އެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުމަތި -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެހެން ކަމުން އެ ފަރާތްތަކަށް ވެސް ފަސޭހަވާނެ ފަދައިން ސައިޓުގައި ކައިބޮއި، ނިދޭނެ އިންތިޒާމު އެޗްޑީސީން ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން 2500 މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްސް ވަނީ އެތަނުގައި ގާއިމްކޮށްފަ އެވެ.

މަސައްކަތުގެ ސްޕީޑު ހަލުވިކަމާ އެކު ކުރިއަށްދާއިރު މި ޕްރޮޖެކްޓު ވެފައިވަނީ ދިވެހީންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ޕްރޮޖެކްޓަކަށެވެ. ގެދޮރުވެރިކަމަށް ދިވެހިން ފޮނި ހުވަފެންތަކެއް ދެކެމުންދާއިރު ޕްރޮޖެކްޓު ނިމިގެންދާއިރު ދިވެހި 7000 އާއިލާއަކަށް ގެދޮރު ކަށަވަރުވާނެ އެވެ.

comment ކޮމެންޓް