ޕްރިޔަންކާ އުފަންދުވަސް ފާހަގަކުރަން އާއިލާއާއެކު ރާއްޖޭގައި

ޕްރިޔަންކާ ޗޯޕްރާ އޭނާގެ މަންމައާއި، ކޮއްކޮއާއެކު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ އިންސްޓަގްރާމް

ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާގެ 35 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް އާއިލާއާއެކު މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ.

ދުނިޔޭގެ ރީތީގެ ރާނީއަކަށް 2000 ވަނަ އަހަރު ހޮވުނު، މަޝްހޫރު ބޮލީވުޑް ތަރި މިއަދު ވަނީ އޭނާ ރާއްޖެއައިސް ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައެވެ.

ޕްރިޔަންކާ ވަނީ އޭނާގެ މަންމަ މަދޫ ޗޯޕްރާއާއި، ކޮއްކޮ ސިދާތު ޗޯޕްރާ އާއެކު ނަގާފައިވާ ފޮޓޯއެއް "ހެޕީ ފެމިލީ ވެކޭ...،" ލިޔެފައި އިންސްޓަގްރާމްގައި ޝެއާކޮށްފައެވެ. އޭގެ ފަހުން ގާތްގަނޑަކަށް 11 ވަރަކަށް ޕާސްޕޯޓް ހިމެނޭ، ޕާސްޕޯޓު ބަންޑައްޔެއްގެ ފޮޓޯއެއް ޝެއާކޮށްފައި "ތިން މީހުންގެ ޕާސްޕޯޓު...އަހަރެން ބުނާނީ ވަރަށް ދަތުރުކުރާ އާއިލާއެކޭ..،" ބުނެ އިތުރު ޕޯސްޓެއް ކޮށްފައިވެއެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމް ސްޓޯރީގައި، މަންމައާއެކު ނިދާފައި އިނދެ ނަގާފައިވާ ފޮޓޯއެއް ފީޗަރކޮށްފައި ވާއިރު، އޭގައި "ރެޑީފޮރ ވެކޭ! ފެމިލީ ޓަައިމް"، އަދި އެއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާރމިނަލް ފެންނަ ގޮތަށް އެއާޓެކްސީގައި އިނދެ ނަގާފައިވާ ވީޑިއޯކޮޅެއްވެސް ޝެއާކޮށްފައި ވެއެވެ.

ޕްރިޔަންކާގެ އުފަން ދުވަހަކީ ޖުލައި 18އެވެ. އޭނާ ރާއްޖެ އައި ނަމަވެސް އޭނާ ހުރީ ކޮން ރިސޯޓެއްގައި ކަން އަދި ކަށަވަރެއް ނުކުރެވެއެވެ.

ޕްރިޔަންކާއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިއަދު ނިއުޔޯކުގައި އޮތް އައިފާ އެވޯޑް ހަފްލާ "ކަޓުވާލުމަށް ފަހު" އޭނާ ބޭނުންވީ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކުރުމަށެވެ.

ޕްރިޔާންކާ ބުނެފައިވަނީ، އުޅެން ޖެހޭލެއް ބުރަކަމުން އާއިލާއާއެކު ވަރަށް މަދުން ނޫނީ ވަގުތުކޮޅެއް ހޭދަނުކުރެވޭ ކަމަށެވެ.

އޭނާގެ އުފަންދުވަސް ދިމާވީ އައިފާ އެވޯޑް ބާއްވާ ދުވަސްވަރާ ކަމުން މިފަހަރު އޭނާއަށް އުފަންދުވަހު އާއިލާއާއެކު ވަގުތު ހޭދަކުރުން މާ މުހިއްމުކަމަށްވެސް، ދެވަނަ ހޮލީވުޑް ފިލްމަކަށް ވެސް ތައްޔާރުވަމުން އަންނަ މަޝްހޫރު ތަރި ބުނެފައިވެއެވެ.

މީގެ ކުރީންވެސް ޕްރިޔަންކާ ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރު ފަތުރުވެރިކަމާ ގުޅުވައިގެން ބޭއްވި އާ އަހަރުގެ ކައުންޓްޑައުން ޝޯގައި އޭނާ ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް