އިންޑިއާގައި ކިޔަވަމުންދިޔަ ޓިބެޓްގެ ދަރިވަރެއް އަމިއްލައަށް ގައިގައި ރޯކޮށްލައިފި

އަމިއްލައަށް ގައިގައި ރޯލޮއްލި ދަރިވަރު ހޮސްޕިޓަލުގައި

އިންޑިއާގައި ކިޔަވަމުންދިޔަ ޗައިނާގެ ޓިބެޓަށް ނިސްބަތްވާ ދަރިވަރަކު މިނިވަންކަމަށް އަޑުގަދަކުރުމަށްފަހު އަމިއްލައަށް ގައިގައި ރޯކޮށްލައިފިއެވެ. އެހާދިސާގައި ދަރިވަރުގެ ހަށިގަނޑަށް ވަނީ ބޮޑެތި ގެެއްލުންތަކެއްވެފައެވެ.

އެހާދިސާ ހިނގައިފައިވަނީ އިންޑިއާގެ އުއްތަރުޕްރަދޭޝްގެ ވަރަންސައިގެ ސެންޓްރަލް ޔުނިވާސިޓީގައެވެ.

ޗާއިނާއިން ޓިބެޓްގައި ގެންގުޅޭ ސިޔާސަތާ ދެކޮޅުހެދުމުގެ ގޮތުން ޓިބެޓްގައި އަމިއްލައަށް ގައިގައި ރޯކޮށްލުމަކީ އާންމުކޮށް ކޮށްއުޅޭކަމެކެވެ. އެހެންނަވެސް އިންޑިއާގެ ފުލުހުން ބުނާގޮތުގައި އެ ދަރިވަރުގެ ގައިގައި އަމިއްލައަށް ރޯކޮށްލުމުގެ ސަބަބަކަށް، އޭނާ ޓެސްޓުން ފާސްނުވުމަކީވެސް އެކަށީގެންވާ ކަމެކެެވެ.

"އަހަރެމެންނަކަށް ނޭނގޭ އަސްލު ސަބަބެއް . މަންޒަރުދުށް މީހުން ބުނޭ އޭނާ 'މިނިވަންކަން' ކިޔައި ބާރަށް ހަޅޭލަވައި، ދުވެހެދުމަށްފަހު ކަރާސީން ގަޔަށް އަޅައި ރޯކޮށްލީ ކަމަށް" ވަރަންސައީގެ ފުލުހުންގެ ސްޕޯކްސްޕާސަން ސަންޖޭ ޓްރިޕަތީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ބުންޏެވެ.

" އެކަން ހިނގައިދިޔައިރު ޓިބެޓުގެ ރެޕްރެޒެންޓޭޓިވުންވެސް ޔުނިވާސިޓީގައި ތިބި. އެމީހުންވެސް ބުނި އެ ދަރިވަރު އެންމެފަހުން ބޭއްވި ދެ ޓެސްޓުންވެސް ފާސްނުވާ ކަމަށް. ނަތީޖާ ލިބުނީ އޭނާ ރޯކޮށްލުމުގެ ދެދުވަސްކުރިން. އޭނާގެ ހާލު މިހާރު އަންނަނީ މަޑުމަޑުން ހަމައަަކަށް އެޅެމުން. އޭނާގެ ހަށިގަނޑުގެ 50 ޕަސެންޓްވަނީ ފިހިފައި،" ޓްރިޕަތީ ބުންޏެވެ.

ޓިބެޓްގެ ގިނަބަޔަކު ދެކޭގޮތުގައި ޗައީނާއިން ޓިބެޓް އިސްތިއުމާރުކޮށް އަދި އެމީހުންގެ ދީނާއި އަދި އާދަކާދަތައް ނައްތާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ޗައިނާއިން ވަނީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ބުނެފައެވެ. ޗައިނާއިން ދެކޭގޮތުގައި އިންޑިއާގެ ހިމާޔަތުގެ ދަށުގައި އުޅޭ ޓިބެޓަށް ނިސްބަތްވާ ދަަލައިލާމާ ދަނީ ޓިބެޓް ޗައިނާއިން ވަކިކުރުމަށް މަސައްކަތްކުރަމުންނެވެ.

މިދިޔަ މާޗްމަހުގައިވެސް ވަނީ ޓިބެޓްގެ މީހަކު އަމިއްލައަށް ގައިގައި ރޯކޮށްލައިފައެވެ.

comment ކޮމެންޓް