''މި ހިތުގާ'' - ޒުވާން ފަންނުވެރިންނަށް ކޯޑިނޭޓަރު ރީހާންގެ ހަދިޔާއެއް!

ކޯޑިނޭޓަރ އަޙްމަދު ރީޚާން ޕްރޮޑިއުސްކޮށް އަދި ލަވަކިޔުއްވާފައިވާ އަލްބަމް "މި ހިތުގާ"ގެ މަންޒަރެއް --

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަދި އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ލީޑަރު އަހްމަދު ރީހާން އަކީ މިހާރުވެސް ހީވާގި ކަމާއެކު ރާއްޖޭގެ ކުރިއެރުމަށް އެތަށް މަސައްކަތްތަކެއް ކުރަމުން ގެންދަވާ ބޭފުޅެކެވެ.

މިފަހަރު މިއޮތީ އެބޭފުޅާ ދިވެހިރާއްޖޭގެ މިއުޒިކީ މައިދާނަށް ޖަވާހިރެއް ނެރެދެއްވާފައެވެ.

ރީހާން ޕްރޮޑިއުސްކޮށް އަދި ހިތްގައިމު ލަވަތަކެއް ކިޔާދެއްވާފައިވާ، ހުސެން އިނާޒްގެ އަލްބަމް "މި ހިތުގާ" އަކީ ދިވެހި އަމިއްލަަ އުފެއްދުންތެރިކަން ދައްކުވައިދޭނެ ފުރިހަމަ ހެއްކެކެވެ.

އަލްބަމުގެ ޓްރެއިލާ ނެރެފައިވާއިރު، މިއަލްބަމުގައި މިހާރު ދެ ވީޑިއޯ ލަވައެއްގެ މަސައްކަތްވަނީ ނިމިފައެވެ. މި ދެލަވަވެސް ނަގާފައިވަނީ އޮޅުވެލި ބީޗް ރިޒޯޓްގައި ކަމަށްވާއިރު، ކޯޑިނޭޓަރު ރީހާންވެސް މީގެ ތެރެއިން އެއްލަވައިން ފެނިގެންދެއެވެ.

އަމިއްލަ ރާގުގެ މައްޗަށް އެކުލެވޭ 8 ލަވަ ހިމެނޭ މިއަލްބަމުގެ ލަވަތަކުގެ ފިރިހެން ވޯކަލިސްޓަކީ ހުސެން އިނާޒް ކަމުގައިވާއިރު، މިލަވަތަކުގެ އަންހެން އަޑުގެ ވެރިންނަކީ ނާޝިދާ، އިފާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާއެވެ.

މިއަލްބަމުގެ މިހާތަނަށް ނިމިފައިވާ ވީޑިއޯ ލަވަތަކުން ރީހާންގެ އިތުރުން، ފިލްމީ ދާއިރާގައި މަޝްހޫރު ހުނަރުވެރިން ކަމުގައިވާ ޝަހޫ، ޓޮމް އަދި ނާއްކޮވެސް ހިމެނެއެވެ.

އަދި މިއަލްބަމުގެ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ މިއަލްބަމުގެ ގިނަ ވީޑިއޯ ލަވަތަކުން ފެނިގެންދާނީ މިދާއިރާއަށް މުޅިންވެސް އައު މޫނުތަކެއް ކަމަށާއި ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ފަރާތަކުން މިއަލްބަމުން މިދާއިރާއަށް ތައާރަފް ވެގެންދާނެކަމަށް ވެސް ރީހާން ވިދާޅުވިއެވެ.

މިއީ ހޮބީއެއްގެ ގޮތުން ޝައުގުވެރިވާ ދާއިރާއެއްކަމަށާއި އަދި ފިލްމީ ދާއިރާއިން ނުފެނުނަސް ކުރިޔަށް އޮތްތަނުގައިވެސް މިފަދަ އަލްބަމުތަށް ޕްރޮޑިއުސްކުރާނެ ކަމަށް ރީހާން ވިދާޅުވިއިރު، މިދާއިރާއާ ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުކޮށްލުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް