ޗިލީއަށް އާދަޔާހިލާފަށް ސްނޯ ފޭބުމުގެ ސަބަބުން ގިނަބަޔަކު ކަނު އަނދިރީގައި

ޗިލީގެ ސަންޓިއާގޯއަށް ކުއްލިގޮތަކަށް ފޭބި އާދަޔާހިލާފަށް ބޯ ސްނޯގެ ސަބަބުން އެސިޓީގައި ކަރަންޓުގެ ހިދުމަތްވަނީ ކެނޑިފައި --- ފޮޓޯ: އީޕީއޭ

ޗިލީގެ ވެރިރަށް ސަންޓިއާގޯއަށް އާދަޔާޚިލާފަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އެ ސިޓީއިން ކަރަންޓުގެ ޚިދުމަތް ކެނޑި އެތައްބަޔަކު ކަނު އަނދިރިކަން ތަހައްމަލް ކުރަންޖެހިއްޖެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ސަންޓިއާގޯގެ 250،000 އަށް ވުރެ ގިނަ ރަށްވެހިންނަށް އަނދިރިކަން ތަހައްމަލު ކުރަން ވަނީ ޖެހިފައެވެ. ކަރަންޓު ކެނޑުމަށް މެދުވެރިވީ ސްނޯގެ ސަބަބުން ވެއްޓުނު ގަސްތައް ކަރަންޓު ފޯރުކޮށްދޭ ކޭބަލްތަކުގެ މައްޗަށް ވެއްޓުމުން ކަމަށް ކަމާ ބެހޭ އިދާރާ އިން ބުންޏެވެ.

ސަންޓިއާގޯއަށް މިކުރިމަތިވި ސްނޯގެ ހާދިސާގައި މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ރިޕޯޓުކުރާއިރު އިތުރު ދެ މީހަކށް ވަނީ އެކިވަރުގެ އަނިޔާވެސް ވެފައެވެ.

މީޓިއޮރޮލޮޖިސްޓުން ހާމަކުރާގޮތުގައި މިއީ 2007 ވަނަ އަހަރަށް ފަހު ސަންޓިއާގޯއަށް މިހާ ބޯކޮށް ސްނޯ ފޭބި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް